ރައީސް އިއްޔެ ދެއްކެވި ވާހަކަފުޅާއި މިއަދު ދައްކަވާ ވާހަކަފުޅު ދިމައެއްނުވޭ: ޖަމީލް

ޔާމީންގެ އިސް ގާނޫނީ ވަކީލު ޑޜ. މުހައްމަދު ޖަމީލު އަހުމަދު -- ސަން ފޮޓޯ

ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ދެއްކެވި ވާހަކަފުޅުތަކާއި މިއަދު ދައްކަވާ ވާހަކަފުޅުތައް ދިމައިނުވާ ކަމަށް ވިދާޅުވެ، ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު އެފަދައިން ވިދާޅުވެ، ގދ. ތިނަދޫގައި އިންޓަނޭޝަނަލް އެއާޕޯޓެއް ތަރައްގީ ކުރުމުގެ މަޝްރޫއު އިއުލާނުކުރެއްވުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. ޖަމީލް ވިދާޅުވީ، "ދޮގު ހެދުން" އާންމުކޮށްފައިވާ ކަމަށެވެ.

"އިއްޔެ ކާޑެއްދޫއާ ގުޅައިލާ ވާހަކަ ދެއްކީ. މިއަދު މުޅިން އާ ވާހަކައެއް،" އެ މަނިކުފާނު ވިދާޅުވިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އިސް ގާނޫނީ ވަކީލުކަން ވެސް ކުރައްވައި، މިހާރު އެ މަނިކުފާނާއެކު ސިޔާސީ މަސައްކަތުގައި އުޅުއްވައި ޖަމީލް ވަނީ ރައީސް މުއިއްޒު "މޭޒު ދޮށުގައި" އިންނަވާ ވަގުތުތައް ހޭދަކުރައްވަނީ "ކަޓު ނެގޭނެ ޕްރޮޖެކްޓެއް ހެދޭތޯ" ތޯ ސުވާލު އުފައްދަވައިފައެވެ.

އެ މަނިކުފާނު ވަނީ މަސްވެރިންނަށް ފައިސާ ނުދެވުމާއި ތަކެތީގެ އަގު ބޮޑުވުމަކީ މައްސަލައެއް ނޫންތޯ ސުވާލު އުފައްދަވައިފައެވެ.

ރައީސް މުއިއްޒު މިހާރު އަތޮޅުތެރެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ވަނީ ތިނަދޫގައި ބޭއްވި ޖަލްސާގައި ވަނީ އެ ރަށުގައި އިންޓަނޭޝަނަލް އެއާޕޯޓެއް އަޅަން ތައިލޭންޑުގެ ޕޭން ޕެސިފިކް ކުންފުންޏާ އެކު އެއްބަސްވުމުގައި ސޮއިކޮށްފައެވެ.

މި މަޝްރޫއު ނިމޭއިރު ގާއިމްކުރާނެ ބައެއް ޚިދުމަތްތަކަކީ:

  • އެންމެ ބޮޑެތި ބޯޓު ޖެއްސޭ ފެންވަރުގެ ކޯޑް އެފް ރަންވޭއެއް ތަރައްގީކުރާނެ
  • ފެނުގެ މަތީގައި އޮންނަ ހިތްގައިމު ޓާމިނަލެއް ތަރައްގީކުރާނެ
  • ޕްރިމިއަމް ފްލައިން ސްކޫލެއް ގާއިމްކުރެވޭނެ
  • ފިއުލް ފާމެއް ގާއިމްކުރާނެ
  • ކާގޯ ޚިދުމަތް ގާއިމްކުރާނެ
  • ސީޕްލޭން ހަބެއް ގާއިމްކުރާނެ

މި މަޝްރޫއާ ގުޅޭގޮތުން ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވީ މި މަޝްރޫއުގެ ދަށުން ކޮންޓްރެކްޓަރު 12 ރިސޯޓެއް ތަރައްގީކުރާނެ ކަމަށާއި އެއީ 2،000 އަށްވުރެ ގިނަ އެނދުކަމަށެވެ.

ހަމައެއާއެކު މި މަޝްރޫއަށް ދިވެހި ސަރުކާރުން އެއްވެސް ޚަރަދެއް ނުކުރާނެ ކަމަށާއި، މުޅި މަޝްރޫއަކީ އިންވެސްޓަރުގެ ޚަރަދުގައި ހިންގާ މަޝްރޫއެއްކަމަށެވެ.

ޖަމީލްގެ ވެސް ބައިވެރިވުމާ އެކު އުފެދުނު މި ސަރުކާރަށް ހަފުތާއެއް ނުވަނީސް ޔާމީން ވަނީ ޕީޕީއެމް/ޕީއެންސީގެ ލީޑަރުކަމުން އިސްތިއުފާ ދެއްވައިފައެވެ. އެ މަނިކުފާނު އެއަށް ފަހުގައި ގެންދަވަނީ އަމިއްލަފުޅު ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ކުރައްވަމުންނެވެ. ޖަމީލް މިހާރު ގެންދަވަނީ ޔާމީނާ އެކު، އާ ޕާޓީ އުފެއްދުމުގެ މަސައްކަތުގައި އުޅުއްވަމުންނެވެ.

comment ކޮމެންޓް