އިންޑިއާ ސިފައިން މަސް ދޯނިތަކަށް އެރި ސަބަބު ވަޒީރަކަށް ނޭނގޭ

ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް މިއަދު މަޖިލީހުގައި: ވިދާޅުވީ އިންޑިއާ ސިފައިން މަސް ދޯންޏަށް އެރި ސަބަބެއް ނޭނގޭ ކަމަށް -- ފޮޓޯ/ މަޖިލީސް

އަވައްޓެރި އިންޑިއާގެ ކަނޑުގެ ސިފައިން ދިވެހި އިގުތިސާދީ ސަރަހައްދަށް ވަދެ، ދިވެހި މަސް ދޯނިތަކަކަށް ހަތިޔާރާ އެކު އެރި ސަބަބާއި އެ ކަމުގެ ތަފުސީލުތައް އެނގިވަޑައިނުގަންނަވާ ކަމަށް މަސްވެރިކަމުގެ ސިނާއަތާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެއެވެ.

މަސްވެރިންގެ ކަންބޮޑުވުންތަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ޝިޔާމް ވަނީ ހާޒިރުކޮށްފައެވެ.

އިތުރު ސުވާލުގެ ވަގުތުގައި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ވަނީ އިންޑިއާ ސިފައިންތަކެއް ހަތިޔާރާ އެކު ދިވެހި މަސް ދޯނިތަކަކަށް އެރި ސަބަބު ސާފުވެވަޑައިގެންފިތޯ ސުވާލު ކުރައްވައިފައެވެ. އެކަމަކު، ވަޒީރު ވިދާޅުވީ، އެ ކަމުގެ ތަފުސީލުތައް އެނގިވަޑައިނުގަންނަވާ ކަމަށެވެ.

"ކީއްވެ ހިނގައިދިޔަ ކޮން ކަމެއްތޯ ސާފުވެވަޑައިގެންފިތޯ ސަރުކާރަށް،" އިންތި އެއްސެވިއެވެ.

ޖަވާބު އަރުވަމުން ވަޒީރު ވިދާޅުވީ ސުވާލުގެ މުހިއްމުކަން އެނގިވަޑައިގަންނަވާ ކަމަށެވެ. އެކަމަކު، އެ ކަމާ ގުޅޭ ތަފުސީލުތައް މި ވަގުތު އެނގިވަޑައިނުގަންނަވާ ކަމަށާއި ކަމާ ގުޅުންހުރި ވުޒާރާއިން މައުލޫމާތު ސާފު ކުރެއްވުމަށް ފަހުގައި ހިއްސާކޮށްދެއްވާނެ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

މަސްވެރިކަމުގެ ސިނާއަތާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް މިއަދު މަޖިލީހުގައި: ވިދާޅުވީ އިންޑިއާ ސިފައިން މަސް ދޯނިތަކަށް އެރި ސަބަބު އަދިވެސް ނޭނގޭ ކަމަށް -- ފޮޓޯ/ މަޖިލީސް

"ސީދާ އަޅުގަނޑާ ހިސާބުގައި ތި ސުވާލުގެ ޖަވާބު ނެތް. އަޅުގަނޑު އިރާދަކުރެއްވިއްޔާ ސާފުކޮށްލާފައި، އެއީ ކީއްވެ ހިނގާދިޔަ ކަމެއްތޯ، އެ ސުވާލުގެ ޖަވާބު ގުޅުންހުރި އިދާރާއިން ހޯދާފައި އަޅުގަނޑު އިރާދަކުރެއްވިއްޔާ ސީދާ އިއްޒަތްތެރި މެންބަރާ ހިއްސާކުރައްވާނެ ވާހަކަ ދަންނަވަން،" ވަޒީރު ވިދާޅުވިއެވެ.

ތިލަދުންމަތީގެ އުތުރުން ރާއްޖޭގެ ހާއްސަ އިގުތިސާދީ ސަރަހައްދުގައި އުޅުނު މަސްދޯނިތަކަކަށް އިންޑިއާ ސިފައިން އެރި މައްސަލައެއް ފެންމަތިވީ މިދިޔަ މަހު 31 ގައެވެ.

ދޯނިތަކަށް އެރި އިންޑިއާ ސިފައިން ފެންނަ ވީޑިއޯތަކެއް މީސްމީޑިއާގައި ވަނީ އާންމުކޮށްފައެވެ. ވީޑިއޯތަކުން ފެންނަ ގޮތުގައި ދޯނިތަކަށް އެރި ސިފައިން ތިބީ ހަތިޔާރު ވެސް ހިފައިގެންނެވެ.

އެ މައްސަލައިގައި ކަން ހިނގައިދިޔަ ގޮތް ސާފުކޮށްދެއްވަން ދިވެހި ސަރުކާރުން ވަނީ އިންޑިއާ ސަރުކާރުގައި އެދިފައެވެ. ޑިފެންސް މިނިސްޓްރީން މީގެ ކުރިން ބުނެފައިވަނީ ފޮރިން މިނިސްޓްރީ މެދުވެރިކޮށް އިންޑިއާގައި ޖަވާބެއް ހޯދަން އެދުނު ނަމަވެސް އެހާތަނަށް ޖަވާބެއް ލިބިފައިނުވާ ކަމަށެވެ.

comment ކޮމެންޓް