ރައްޔިތުންގެ މަޖިލީހުގެ ޖުމުލަ މެންބަރުންގެ އަދަދު ގުނާ ގޮތް ބަޔާންކުރަން މި ފަހުން އިދިކޮޅު މެންބަރުން މަޖިލީހުގެ ގަވާއިދަށް ގެނައި އިސްލާހު ބާތިލުކުރަން ސުޕްރީމް ކޯޓަށް ހުށަހަޅާފައި އޮއްވައި، އެ ގަވާއިދަށް އިތުރު ކުރި ވާހަކަތައް އުނިކޮށް އެހެން މާއްދާއެއްގައި އެ ވާހަކަތައް ހިމަނަން މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
މަޖިލީހުގެ ހިންގާ ގަވާއިދުގެ 49 ވަނަ މާއްދާގެ ކ. އ. އަދި ވ. އަށް އެމްޑީޕީން އިސްވެ ވަނީ ބަދަލުތަކެއް ގެނެސްފައެވެ.
ގެނައި އިސްލާހާ އެކު މަޖިލީހުގެ ޖުމުލަ މެންބަރުން ގުނާއިރު މެންބަރުކަމުން އިސްތިއުފާ ދެއްވާފައިވާ މެންބަރުން ނުގުނާނެއެވެ. އެހެންވެ، މި މަޖިލީހުން ސަރުކާރާ ގުޅިވަޑައިގަންނަވަން އިސްތިއުފާ ދެއްވި ހަތް މެންބަރުން ނުލައި، މި މަޖިލީހުގައި މިހާރު ތިއްބަވަނީ 80 މެންބަރުންނެވެ. އެއީ، މުއްދަތު ކުޑަކަމުން ބައި-އިލެކްޝަނެއް ނުބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމުމުންނެވެ.
ބަންޑާރަނައިބު އަހުމަދު އުޝާމް ވަނީ އެ މައްސަލައިގައި ހިމެނޭ މާއްދާތައް ބާތިލުކުރަން ސުޕްރީމް ކޯޓަށް ހުށަހަޅައިފައެވެ. އެ މައްސަލައިގައި ގޮތެއް ނުނިންމަނީސް އެ މާއްދާތަކަށް އަމަލުކުރުން މަޑުޖައްސައިލަން ވެސް ސިޕްރީމް ކޯޓުން ވަގުތީ އަމުރެއް ނެރުނެވެ.
އެ މައްސަލަ ސުޕްރީމް ކޯޓުގައި ތާވަލުކުރި ފަހުން މަޖިލީހުގެ އާންމު ކޮމިޓީން ވަނީ އެ މާއްދާތައް ގަވާއިދުން އުނިކުރަން ފާސްކޮށްފައެވެ. މިއަދު ތަޅުމުން ވެސް ވަނީ ކޮމިޓީން ނިންމި ގޮތަށް ގަވާއިދަށް ބަދަލު ގެންނަން ފާސްކޮށްފައެވެ.
މިއަދު ގެނައި ބަދަލާ އެކު 49 ވަނަ މާއްދާއަށް އިތުރުކުރި ވާހަކަތައް އިތުރުކުރީ 242 ވަނަ މާއްދާއަށެވެ. އެހެންވެ، މިހާރު ގެނައި ބަދަލާ އެކު މަޖިލީހުގެ ޖުމުލަ މެންބަރުންގެ އަދަދު ގުނާއިރު ހުސްވެފައިވާ ގޮނޑިތައް ގުނާނީ ގޮނޑި ހުސްވާ ތާރީޚުން ފެށިގެން އާންމު އިންތިޚާބަކާ ދެމެދު ހަ މަސް ދުވަސް ނެތް ނަމައެވެ. އެއީ، ހަ މަސް ދުވަހަށް ވުރެ ދިގު މުއްދަތެއް އޮތް ނަމަ، ބައި-އިލެކްޝަނެއް ބާއްވާނެތީއެވެ.
އެގޮތަށް ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެން 37 މެންބަރުންގެ ތެރެއިން 29 މެންބަރުންގެ ވޯޓުންނެވެ. އެގޮތަށް އިސްލާހުކުރުމާ ދެކޮޅަށް އަށް މެންބަރުން ވޯޓު ދެއްވިއެވެ.
ސަރުކާރުން މަޖިލީހުގެ ގަވާއިދު ބާތިލުކުރަން ސުޕްރީމް ކޯޓަށް ދިޔަ، ރައީސް ޑރ. މުހައްމަދު މުއިއްޒު އަޒުލުކުރަން ހުށަހަޅަން ބޭނުންވާ އަދަދަށް ސޮއިހަމަކޮށްފައިވާ ކަމަށް އެމްޑީޕީން ބުނެފައި އޮއްވައެވެ.