ވަކިވަކި ފޯމުތައް ނުބަލައި، ފްލެޓު ދިނީ ގޯސްކޮށް ކަމަށް ނުނިންމޭނެ: އަކްރަމް

ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން މިއަދު މަޖިލީހުގައި: ވިދާޅުވީ ފްލެޓު ދިނުމުގެ މައްސަލައެއް އުޅޭކަން ވަކިވަކި ފޯމުތައް ނުބަލައި ނޭނގޭނެ ކަމަށް -- ސަން ފޮޓޯ: އިންފިނިޓް މޮމެންޓްސް/ މުސާ ނަދީމް

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރި ފްލެޓުތަކުގެ މައްސަލައިގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ކުރަމުން އަންނަ ތަހުގީގުގައި އެއްވެސް ފޯމެއް އެއީ ސައްހަ ނޫން ފޯމެއް ކަމަށް ނިންމޭނީ ފޯމުތައް ވަކިވަކިން ބަލާފައި ކަމަށް ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން މިއަދު ވިދާޅުވެއްޖެއެވެ.

މިދިޔަ ސަރުކާރުން ދޫކުރަން ނިންމި 4،000 ފުލެޓު ދޫކުރުމުގައި ބޭއިންސާފުން ކަންތައްތަކެއް ހިނގާފައިވާ ކަމަށް ބުނި އޭސީސީން ކުރިއަށް ގެންދިޔަ ތަހުގީގަށް ފަހު ބުނީ، މިދިޔަ ސަރުކާރުން ފްލެޓު ލިބުނު ކަމަށް ބުނި ލިސްޓުގެ 60 އިންސައްތަ މީހުންގެ ޝަރުތު ހަމަނުވާ ކަމަށެވެ. އެ މައްސަލައިގައި މިއަދު އޭސީސީއާއި ފްލެޓު ކޮމިޓީގައި ކުރިން ތިއްބެވި ބޭފުޅުންގެ އިތުރުން މިހާރުގެ ހައުސިން މިނިސްޓްރީގެ ބޭފުޅުން ވެސް ވަނީ މަޖިލީހަށް ހާޒިރުކޮށްފައެވެ.

މަޖިލީހުގެ ކޮމިޓީގައި ވާހަކަދައްކަވަމުން މިދިޔަ ސަރުކާރުގައި ފްލެޓު ކޮމިޓީގައި އިސްކޮށް ހުންނެވި އަކްރަމް ވިދާޅުވީ، ވަކިވަކިން ފޯމުތައް ނުބަލައި އެއީ ގޯސް ފޯމެއް ކަމަށް ނިންމޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.

ހުޅުމާލެއިން ގޯތި ކަނޑައި ދިނުމަށް ބޭއްވި ހަފްލާގެ ތެރެއިން --

އޭނާ ވިދާޅުވީ، އެއްވެސް ފޯމަކީ ގޯސް ފޯމެއް ކަމަށް ނިންމޭނީ ފްލެޓަށް ކުރިމަތިލީ އެންމެންގެ ފޯމުތައް ބަލައި، އިވޭލުއޭޓުކުރުމަށް ފަހުގައި ކަމަށެވެ. އެ ކަން ކުރުމަކައިނުލާ "މީތި ގޯސް، އޭތި ގޯސް،" ކަމަށް ނުނިންމޭނެ ކަމަށް އަކްރަމް ވިދާޅުވިއެވެ.

މިދިޔަ ސަރުކާރުގައި ފްލެޓަށް ހުޅުވައިލުމުން 21،000 އެއްހައި މީހުން ކުރިމަތިލިއެވެ. އޭގެ ތެރެއިން 12،000 މީހެއްގެ ޝަރުތުހަމަވާ ކަމަށް ވަނީ ކަނޑައަޅައިފައެވެ.

"މީތި ގޯސް، އޭތި ގޯސް ނިންމުމުގެ ކުރިން އިވެލުއޭޓަރުން ގެންނަންވާނެ. ވަކި ފޯމުތައް ނުބަލާ އަޅުގަނޑު ދަންނަވާނީ ހަމަ ނޭނގޭނޭ،" އަކްރަމް ވިދާޅުވިއެވެ.

"އެ ގޮސް ލިބިފައިހުރި ގޮތް ހަމަ ނުބެލޭނޭ، ނޭނގޭނޭ ގޯސް ކަމެއް ވަކިވަކި ފޯމަށް ނުގޮސް،"

އޭނާ ވިދާޅުވީ، ފްލެޓުތައް ދޫކޮށްފައި ހުރި ގޮތް ޗެކް ކުރާނަމަ ހުރިހާ ފޯމެއް ވަކިވަކިން ޗެކްކުރަން ޖެހޭނެ ކަމަށެވެ. ނޫން ނަމަ، އެއްވެސް ފޯމެއްގެ ސައްހަކަމާ މެދު އޭސީސީއަށް ގޮތެއް ނިންމިދާނެ ކަމަށް އޭނާ ގަބޫލެއް ނުކުރައްވައެއެވެ.

އޭސީސީގެ ރައީސް އާދަމް ޝާމިލް މިއަދު މަޖިލީހުގައި -- ސަން ފޮޓޯ: އިންފިނިޓް މޮމެންޓްސް/ މޫސާ ނަދީމް

އެހެންވެ، އަކްރަމް ވިދާޅުވީ ކުރީ ސަރުކާރުގެ ހައުސިން މިނިސްޓްރީން ފްލެޓު ލިބޭ ކަމަށް ނިންމާފައިވާ މީހުންނަށް ފްލެޓު ދޫކުރަންޖެހޭ ކަމަށެވެ. އެއީ، ސަރުކާރެއްގެ ނިންމުމެއް ވީމައި، އެއަށް އިހުތިރާމުކުރަން ޖެހޭނެ ކަމަށް އޭނާ ގަބޫލުކުރައްވައެވެ.

މިހާރުގެ ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު މީގެ ކުރިން ވިދާޅުވި ގޮތުގައި ޝަރުތު ހަމަވި މީހުންގެ ތެރެއިން އެއްވެސް މައްސަލައެއް ނެތް ކަމަށް އޭސީސީން ކަނޑައަޅާފައިވަނީ 824 މީހެއްގެއެވެ. އެ މީހުންނަށް ފްލެޓު ދޫކުރުމުގެ މަސައްކަތް މި ހަފުތާގައި ކުރިއަށް ގެންދާނެ ކަމަށް މީގެ ކުރިން މިނިސްޓަރު ވިދާޅުވިއެވެ.

ފްލެޓަށް ޝަރުތު ހަމަވާ ކަމަށް ރަނގަޅަށް ޕޮއިންޓު ދީފައިވާ މީހުންނަށް ފްލެޓު ދޭން ފަށަން އޭސީސީން ހުއްދަ ދިން ނަމަވެސް، އެ ކޮމިޝަނުން ވަނީ، 4،000 ފުލެޓު ލިބުނު މީހުންގެ ތެރެއިން 59.6 އިންސައްތަ މީހުންގެ ޝަރުތު ހަމަނުވާ ކަމަށް މީގެ ކުރިން ބުނެފައެވެ.

comment ކޮމެންޓް