ސަރުކާރުގެ އިގްތިޞާދީ ސިޔާސަތަށް އިތުބާރުކުރައްވާ: ރައީސް

ރައީސް ޑރ. މުޙައްމަދު މުއިއްޒު މަރަދޫފޭދޫ ރައްޔިތުންނާ ބައްދަލުކުރެއްވުން: އެ މަނިކުފާނު އެދިވަޑައިގަތީ ސަރުކާރުގެ އިގްތިޞާދީ ސިޔާސަތަށް އިތުބާރުކުރުމަށް -- ފޮޓޯ/ ރައީސް އޮފީސް

ރާއްޖޭގެ އިގްތިޞާދު ހަމަ މަގަށް އެޅުވުމަށް ޓަކައި ސަރުކާރުން ކުރަމުން އަންނަ އިގްތިޞާދީ މަސައްކަތްތަކާއި ނިންމާ ނިންމުންތަކަށް ހުރިހާ ރައްޔިތުން ވެސް އިތުބާރުކުރެއްވުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު އެދިވަޑައިގެންފިއެވެ.

އައްޑޫ ސިޓީއަށް ކުރައްވަމުން އަންނަ ރަސްމީ ދަތުރުފުޅުގައި މަރަދޫ އަދި މަރަދޫފޭދޫ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ނިމިދިޔަ އެމްޑީޕީގެ ފަސް އަހަރުގެ ސަރުކާރުގައި މުޅި ރާއްޖޭގެ އިގްތިޞާދު ވައްޓައިލީ އަނދަވަޅަކަށް ކަމަށެވެ.

ރާއްޖެ، 120 ބިލިއަން ރުފިޔާއިން މިއަދު ދަރައިފައި އޮތްއިރު، ކުރިން ވައްޓައިލި އިގްތިޞާދީ ހަގީގަތް ރައްޔިތުންނަށް އޮޅުވައިލަން މަސައްކަތް ކުރުމަކީ ހައިރާންވާންޖެހޭ ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ އެ ހަގީގަތް އޮޅުވައިލައި، ނުފެންނަ ކަމަށް ހަދައި އިގްތިޞާދު ރަނގަޅުކުރުމުގެ ނަމުގައި ފައިސާ ޗާޕުކުރެވިދާނެ ކަމަށެވެ. އެއީ ފަސޭހަ ކަމެއް ނަމަވެސް، އެއީ އިގްތިޞާދީ ގޮތުން ވަރަށް ބޮޑު ގެއްލުމެއް މުސްތަގުބަލުގައި ފެންނާނެ ކަމެއްކަމަށް ރައީސް ވިދާޅުވިއެވެ.

"އެހެން އެކަން ކުރަންވެއްޖެއްޔާ ހައްތަހާ ދާނީ ބޮލަކަށް ޖެހޭ ދަރަނި އިތުރުވަމުން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އިގްތިޞާދު ހަމަ މަގަށް އަޅުވަން ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކަކީ އެ މަނިކުފާނުގެ ޓީމުން ދިރާސާކުރުމަށް ފަހު ކުރަން ނިންމައިފައި ހުރި މަސައްކަތްތައް ކަމަށެވެ.

އެ ކަންކަމަކީ ދުނިޔޭގެ މާލީ އިދާރާތަކުން ވެސް އިތުބާރުކުރާ ކަންކަން ކަމަށް ފާހަގަކުރައްވައިި ރައީސްވަނީ އައިއެމްއެފުން ވެސް އެ ފިޔަވަޅުތަކަށް ތައުރީފްކޮށްފައިވާކަމަށް ވިދާޅުވެފައެވެ.

ރައީސް ވިދާޅުވީ ސަރުކާރުގެ މަސައްކަތް ފަށައިފައިވާއިރު، އުނދަގޫ ނިންމުންތައް ނިންމަންޖެހޭނެކަމަށާއި، އެހެންނަމަވެސް ތަރައްގީގެ މަސައްކަތްތައް ވެސް ކުރިއަށްދާނެކަމަށެވެ. އެ ކަންކަމަށް ޓަކައި ފައިސާ ލިބޭނެ މަގުތައް ވެސް ފަހިކުރައްވަމުން އަންނަކަމަށް ރައީސް ވިދާޅުވިއެވެ.

އެއާއެކު އައްޑޫ ރައްޔިތުން އެދޭގޮތަށް، އައްސޭރި ޓޫރިޒަމާއި، އައްޑޫ ބްރިޖާއި، ވައުދުވެވަޑައިގެންނެވި އެހެނިހެން ބޮޑެތި މަޝްރޫއުތައް ހިންގަވައިދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރާއްޖޭގެ އިގުތިސާދީ ހާލަތު ވަރަށް ބޮޑަށް ގޯސްވެ، ބަނގުރޫޓުވެފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި އަންނަނީ ވާހަކަތަކެއް ދެކެވެމުންނެވެ. ނަމަވެސް އިކޮނޮމިކް މިނިސްޓްރީން ވަނީ އެ ވާހަކަތައް ދޮގުކޮށްފައެވެ.

އެ މިނިސްޓްރީން އިއްޔެ ނެރުނު ބަޔާނެއްގައިވަނީ، ގައުމުގެ މާލީ ހާލަތާ ގުޅޭ ގޮތުން ދައްކަމުންދާ ވާހަކަތައް ސައްހަ ނޫން ކަމަށާއި އެއީ މި ސަރުކާރުން ފަށައިފައިވާ އިގްތިސާދީ އަދި މާލީ އިސްލާހުތަކަށް ހުރަސް އެޅުމަށް ބަޔަކު ކުރަމުންދާ މަސައްކަތްތަކެއް ކަމަށް ބުނެފައެވެ.

comment ކޮމެންޓް