މާލީ ހާލަތާ ގުޅޭ ގޮތުން ފަތުރާ ވާހަކަތައް އިކޮނޮމިކް މިނިސްޓްރީން ދޮގުކޮށްފި

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު: ރާއްޖެ ބަނގުރޫޓުވެފައިވާ ކަމަށް ބުނެ ދައްކާ ވާހަކަތައް އިކޮނޮމިކް މިނިސްޓްރީން ވަނީ ދޮގުކޮށްފައި -- ފޮޓޯ/ ރައީސް އޮފީސް

ރާއްޖޭގެ މާލީ ހާލަތާ ގުޅޭ ގޮތުން ސޯޝަލް މީޑިއާގައި ފަތުރަމުންދާ ވާހަކަތައް އިކޮނޮމިކް މިނިސްޓްރީން މިއަދު ދޮގުކޮށްފިއެވެ.

އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައިވާ ގޮތުން ރާއްޖޭގެ ބޭންކިން އަދި ފައިނޭންސް ނިޒާމުގެ އިތުބާރު ގެއްލުވާލަން ވަކި ފަރާތްތަކަކުން ގުޅިގެން މަސައްކަތް ކުރަމުންދާކަން އެ މިނިސްޓްރީއަށް ވަނީ ފާހަގަވެފައެވެ.

އެއީ އެއްވެސް ބުރަދަނެއް ނެތް، ސައްހަ ނޫން ވާހަކަތަކެއް ކަމަށާއި އެއީ މި ސަރުކާރުން ފަށައިފައިވާ އިގްތިސާދީ އަދި މާލީ އިސްލާހުތަކަށް ހުރަސް އެޅުމަށް ބަޔަކު ކުރަމުންދާ މަސައްކަތްތަކެއް ކަމަށް ބަޔާނުގައިވެއެވެ.

އެ މިނިސްޓްރީން ބުނީ، ގައުމުގެ ބޭންކިން ނިޒާމާއި އާންމު މަސްލަހަތު ދަމަހައްޓަމުންދާނެ ކަމުގެ ޔަގީންކަން ސަރުކާރުން ދޭ ކަމަށެވެ. އަދި، ޒަރޫރީ ޚިދުމަތްތައް ފޯރުކޮށްދެމުން، މިހާރަށްވުރެ ވަރުގަދަ، ދެމެހެއްޓެނިވި އިގުތިސާދެއް ގާއިމުކުރުމަށް ޓަކައި ތަންފީޒުކުރާ އިސްލާހީ އެޖެންޑާގެ މަސައްކަތް ކުރިއަށްގެންދާނެ ކަމަށް އެ ބަޔާނުގައިވެއެވެ.

މީގެ އިތުރުން އިކޮނޮމިކް މިނިސްޓްރީން، މި ސަރުކާރު ހަވާލުވީއިރު ވާރުތަވި ދަރަންޏާއި މާލީ ދަތިތަކާއެކު ވެސް، ކުރިން އަންދާޒާ ކުރި ވަރަށް ވުރެ ރަނގަޅަށް އިގުތިސާދު ކުރިއަރަމުން އަންނަ ކަމަށް ބުނެފައެވެ. އަދި ރާއްޖޭގެ ތަރައްގީގެ ބައިވެރިން ދާދި ފަހުން ނެރެފައިވާ ރިޕޯޓުތަކުން ވެސް އެކަން ހާމަވާ ކަމަށް އެ ބަޔާނުގައިވެއެވެ.

އެ މިނިސްޓްރީން ވަނީ، ރާއްޖޭގެ އިގުތިސާދު ހަމައަކަށް އެޅުވުމަށާއި އިތުބާރު ހޯދުމަށް ކުރަމުން އަންނަ މަސައްކަތްތަކަށް ހުރަސްއެޅޭ ގޮތަށް، ދޮގު ވާހަކަތައް ފެތުރުމާ ދުރުވުމަށް އެދިފައެވެ.

މީގެ ކުރިން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވެސް ވަނީ، ރާއްޖެ ބަނގުރޫޓުވެފައިވާކަން އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)އަށް އަންގައިފައިވާ ކަމަށް ސޯޝަލް މީޑިއާގައި ދެކެވޭ ވާހަކަތަކަށް ރައްދު ދެއްވައިފިއެވެ. އެ ވާހަކަތަކުގައި ވަނީ، ރާއްޖެއިން އައިއެމްއެފްގެ އެހީއަށް އެދި، އެ ފަންޑުން ޝަރުތުތަކެއް ކަނޑައަޅާފައިވާ ޕްރޮގްރާމެއްގައި ބައިވެރިވުމަށް އެއްބަސްވެފައި ކަމަށް ވެސް ބުނެފައެވެ.

https://sun.mv/188738

ސައީދު ވިދާޅުވެފައިވަނީ، ރާއްޖޭގެ މާލީ ހާލަތު ކުރިން އަންދާޒާކުރި ވަރަށްވުރެ އަވަހަށް ރަނގަޅުވަމުން އަންނަ ކަމަށާއި ރާއްޖެއިން އައިއެމްއެފްގެ ޕްރޮގްރާމެއްގައި ބައިވެރިވާން ނުޖެހޭނެ ކަމަށެވެ.

comment ކޮމެންޓް