ކޮންމެ ކަމަކަށް ވަކި ހޮސްޕިޓަލެއް އެޅުން ދެކޮޅެއް ނުޖެހޭ: ޔާމީން

ގޭބަންދުގައި ހުންނެވި ކުރީގެ ރައީސް ޔާމީން، ޕީއެންއެފްގެ ޖަލްސާއެއްގައި: ޔާމީން ވަނީ، ކޮންމެ ކަމަކަށް އާ ހޮސްޕިޓަލެއް އަޅާ ކަމަށް ވިދާޅުވެ، ފާޑު ވިދާޅުވެފައި -- ސަން ފޮޓޯ: އިންފިނިޓް މޮމެންޓްސް/ އަމަން ލަތީފް

ކޮންމެ ހާއްސަ ދާއިރާއަކަށް ވަކި ހޮސްޕިޓަލް އެޅުމަކީ ތަހުޒީބު ގައުމުތަކުގައި ކަންކުރާ ގޮތް ނޫން ކަމަށާއި އެއީ ދެކޮޅު ޖެހޭ ކަމެއް ނޫން ކަމަށް ވިދާޅުވެ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރޭ މި ސަރުކާރަށް ފާޑު ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު އުފައްދަވަން މަސައްކަތްކުރައްވައި ޕީޕަލްސް ނެޝަނަލް ފްރަންޓު (ޕީއެންއެފް)ގެ ޓިކެޓުގައި ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުން ތައާރަފުކުރަން ބާއްވާ ސިލްސިލާ ޖަލްސާތަކުގެ ތެރެއިން ރޭ ބޭއްވި ޖަލްސާގައި ވެސް ޔާމީން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި، ވާހަކަދެއްކެވި އެ ޕާޓީގެ މެންބަރުންނަށް އެ މަނިކުފާނު ވަނީ ސުވާލު އަމާޒުކުރައްވައިފައެވެ.

މި ވަގުތު ވެސް މިދިޔަ ޑިސެމްބަރު 25ގައި އިއްވި ހުކުމުން ސަލާމަތްވެވަޑައިނުގެން، ގޭބަންދެއްގައި ހުންނެވުމުން ޔާމީން ޕޯޑިއަމްގައި ވާހަކައެއް ނުދައްކަވައެވެ.

ރޭގެ ޖަލްސާގައި ސުވާލުކުރައްވަމުން ޔާމީން ވިދާޅުވީ، ކޮންމެ ކަމަކަށް ވަކި ހޮސްޕިޓަލެއް އެޅުމަކީ ދެކޮޅު ޖެއްސޭނެ ކަމެއް ނޫން ކަމަށެވެ. އަދި، އެއީ ބޭރުގެ ތަހުޒީބު ގައުމުތަކުގައި ވެސް ކަންކުރާ އުސޫލު ނޫން ކަމަށް ވިދާޅުވެ، އެ މަނިކުފާނު ވަނީ ސަރުކާރުގެ ސިޔާސަތަށް ފާޑު ވިދާޅުވެފައެވެ.

ޕީއެންއެފްއިން ރޭ ބޭއްވި ޖަލްސާގެ ތެރެއިން: އެ މަނިކުފާނު ވިދާޅުވީ، ރާއްޖެތެރޭގައި ވެސް ތިބީ އެއްވަނަ ދަރަޖައިގެ ދިވެހީން ކަމަށް -- ސަން ފޮޓޯ: އިންފިނިޓް މޮމެންޓްސް/ އަމަން ލަތީފް

"މި ސަރުކާރުގައި އަޑުއިވިގެން މިދަނީ ކެންސަރަށް ވަކި ހޮސްޕިޓަލެއް، ތެލަސީމިއާއަށް ވަކި ހޮސްޕިޓަލެއް، ބޯންމެރޯއަށް ވަކި ހޮސްޕިޓަލެއް،" ޔާމީން ސުވާލު ފެއްޓަވަމުން ވިދާޅުވިއެވެ.

"ހޮސްޕިޓަލަކީ އޭގެ ޒާތުގައި ވަރަށް ބައިވަރު ހަރަދުތަކެއް ހިނގާ ތަނެއް. އެހެން ތަންތަނުގައި މި ފެންނަނީ އެންމެ ރަނގަޅު ހޮސްޕިޓަލްތަކުގައި ވެސް ތެލަސީމިއާ ޑިޕާޓްމަންޓެއް ހުރެފައި، ޑިޕާޓްމަންޓު އެންހާންސް ކުރެވިދާނެ. ހަމަ އެގޮތަށް ކެންސަރު ޑިޕާޓްމަންޓެއް ހުރެފައި،"

އެ މަނިކުފާނު ވިދާޅުވީ، އިގުތިސާދީ ހާލަތު އޮތް ގޮތުން އެއީ ދެކޮޅު ޖެހޭނެ ކަމެއް ނޫން ކަމަށެވެ. އެއީ، ރާއްޖެތެރޭގައި ދިރިއުޅުއްވާ ރައްޔިތުންނަށް ވެވޭ ވަރަށް ބޮޑު ބޭއިންސާފެއްގެ ގޮތުގައި ޔާމީން ވަނީ ސިފަ ކުރައްވައިފައެވެ.

"އެ ތަނުން ލިބޭ ޚިދުމަތުގެ ފެންވަރު މަތިވެގެންދަނީތޯއޭ އެ ތަން ހޮސްޕިޓަލަކަށް ބަދަލުވީމާ. ކިހިނެއްތޯ މިކަން އަޅުގަނޑުމެން ދެކޮޅު ޖައްސަނީ،" އެ މަނިކުފާނު ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ، ރާއްޖެ ތެރޭގެ ރަށްރަށުގައި ވެސް ތިއްބެވީ ހަމަ އެއްވަނަ ދަރަޖައިގެ ދިވެހި ރައްޔިތުން ކަމަށެވެ. އެ މީހުންނަކީ މާލޭ މީހުންނަށް ވުރެ ދަށް މީހުން ނޫން ކަމަށާއި އެ މީހުން އެ ހާލުގައި އުޅެނިކޮށް މާލޭގައި ކޮންމެ ކަމަކަށް ވަކި ހޮސްޕިޓަލެއް އެޅުމަކީ ބޭއިންސާފެއް ކަމަށް އެ މަނިކުފާނު ގަބޫލުކުރައްވައެވެ.

https://sun.mv/188707

ފަސް އަހަރު ދުވަހު ވެރިކަން ކުރެއްވި ޔާމީން ވިދާޅުވީ، ރާއްޖެ ތެރޭގެ ރަށްރަށުގައި އަދިވެސް އަސާސީ ޚިދުމަތްތައް ގާއިމުވެފައިނުވާ ކަމަށެވެ. އެހެންވެ، އެ ކަންކަމަށް އިސްކަންނުދީ މާލޭގައި ކޮންމެ ކަމަކަށް ވަކި ހޮސްޕިޓަލެއް އަޅާނަމަ، އެއީ ގޯހެއް ކަމަށް އެ މަނިކުފާނު ގަބޫލުކުރައްވައެވެ.

"އެއްކޮޅުން މި ދައްކަނީ ކުރިއަށް އޮތް ދެތިން މަހަކީ ވަރަށް ދަތި ދެތިން މަހޭ. އަނެއްކޮޅުން އަޅުގަނޑުމެން މި ދައްކަނީ ބޭރު ފައިސާގައި ދަރަނި ދަންތުރައެއްގައި ތިބޭ ވާހަކަ،" އިގުތިސާދީ ހާލަތަށް އަލިއަޅުއްވައިލައްވައި އެ މަނިކުފާނު ވިދާޅުވިއެވެ.

ޔާމީން ވަނީ މި ހާލަތުގައި އެފަދަ މަޝްރޫއުތައް ކުރިއަށް ގެންދިއުމަކީ އެންމެ ރަނގަޅު ގޮތްތޯ ސުވާލު އުފައްދަވައިފައެވެ.

އެ މަނިކުފާނު ފާޑުވިދާޅުވަމުން ފާހަގަކުރެއްވި ކެންސަރު ހޮސްޕިޓަލަކީ ކުރީ ސަރުކާރުން ހިންގަން ރޭވި މަޝްރޫއެކެވެ. އެ ސަރުކާރުން ލ. ގަމުގައި އަޅަން އުޅުނު ހޮސްޕިޓަލް މި ސަރުކާރުން ވަނީ މާލެއަށް ބަދަލުކޮށްފައެވެ. އަދި، އެއަށް ފަހު، ތެލަސީމިއާއަށް ހާއްސަ ހޮސްޕިޓަލެއް އަޅަން ވެސް މި ސަރުކާރުން ވަނީ ނިންމައިފައެވެ.

https://sun.mv/187375

ފާހަގަކޮށްލެވޭ ގޮތުގައި ޔާމީންގެ ފުރިހަމަ ތާއީދާއެކު ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންތާ ހަފުތާއެއް ނުވަނީސް އެ މަނިކުފާނު ވަނީ ޕީޕީއެމް/ޕީއެންސީގެ ލީޑަރުކަމުން އިސްތިއުފާ ދެއްވައި، ޕީއެންއެފް އުފެއްދެވުމުގެ މަސައްކަތް ފައްޓަވައިފައެވެ.

އެ މަނިކުފާނު ގެންދަވަނީ އެކިއެކި ސިފަސިފައިގައި ސަރުކާރަށް ފާޑު ވިދާޅުވަމުންނެވެ. އެންމެ ބޮޑަށް ނުރުހުން ފާޅުކުރައްވަނީ އެ މަނިކުފާނު އަދިވެސް ބަންދެއްގައި ހުންނަވަން ޖެހިވަޑައިގަތުމުންނެވެ.

ޔާމީންގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމް ހައިކޯޓުގައި ވަނީ އިސްތިއުނާފުކޮށްފައެވެ. އެ މައްސަލައިގެ ހުކުމާ ހަމައަށް ވާސިލުވި ނަމަވެސް ހުކުމް ކުރުމުގެ ޝަރީއަތް ތާވަލުނުކޮށް ދެ މަހަށްވުރެ ގިނަ ދުވަސް ވަނީ ވެފައެވެ.

comment ކޮމެންޓް