މަޖިލިސް އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުން ހުކުރު ދުވަހު

އީސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން: މަޖިލިސް އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް ހުކުރު ދުވަހު ތަރުތީބު ކުރަނީ -- ސަން ފޮޓޯ/ މާހިލް އާތިފް

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރުމަށް ޝަރުތުހަމަވި ކެންޑިޑޭޓުންގެ ނަންތައް އަންނަ ހުކުރު ދުވަހު ތަރުތީބުކުރުމަށް ތަވާލުކޮށްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން މިއަދު ބުނެފިއެވެ.

އީސީއިން ގެޒެޓުކުރި އިއުލާނެއްގައި ބުނީ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރަން ގުރުނެގުން ހުކުރު ދުވަހުގެ މެންދުރު 14:30އިން ފެށިގެން ހަވީރު 18:30ގެ ނިޔަލަށް ދަރުބާރުގޭގައި އޮންނާނެ ކަމަށެވެ.

އެގޮތުން އިންތިޚާބުގެ ހުރިހާ ދާއިރާތަކަށް ގުރުނެގުމަށް ޚާއްޞަ ގަޑިތަކެއް އީސީއިން ވަނީ ކަނޑައަޅާފައެވެ.

އެހެންވެ، ކެންޑިޑޭޓުންނަށް ކަނޑައަޅާފައިވާ ގަޑިއަށް ގުރުނެގުމަށް ހާޒިރުވުމަށް އީސީއިން އިލްތިމާސްކުރެއެވެ.

އީސީއިން ބުނީ ގުރުނަގާ ތަަނަށް ހާޒިރުނުވެވޭ ކެންޑިޑޭޓުންގެ ބަދަލުގައި ހާޒިރުވާ ފަރާތްތަކުން އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓެއްގެ ސިޓީ ގެންދަންޖެހޭ ކަމަށެވެ.

ނަމަވެސް ކެންޑިޑޭޓުންގެ ބަދަލުގައި އެހެންފަރާތެއް ހާޒިރުނުވާ ނަމަ އެ ކެންޑިޑޭޓެއްގެ ގުރުނަގާނީ އީސީގެ ފަރާތުން ކަމަށް އިއުލާނުގައިވެއެވެ.

އަންނަ މާޗު މަހުގެ 17ގައި ބާއްވާ މަޖިލިސް އިންތިޚާބަށް ކުރިމަތިލާން އޮތް މުއްދަތު އިއްޔެ 14:00އަށް ހަމަވެފައިވާއިރު، 381 ކެންޑިޑޭޓުން ފޯމު ހުށަހަޅާފައިވާ ކަމަށް އީސީން ވަނީ މީގެ ކުރިން ބުނެފައެވެ.

މި އަހަރުގެ މަޖިލީސް އިންތިޚާބުގައި 93 ދާއިރާއަށް މެންބަރުން އިންތިޚާބުކުރާނެއެވެ.

މަޖިލީސް އިންތިޚާބު ބާއްވާ ތާރީޚު ރޯދަމަހާ ދިމާވާތީ، އިންތިޚާބުތައް ރޯދަ މަސް ނިމޭތާ 10 ދުވަސް ފަހުން ބޭއްވޭ ގޮތަށް އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނު އިސްލާހު ކުރަން މަޖިލީހުން ވަނީ މިދިޔަ އާދިއްތަ ދުވަހު ފާސްކޮށްފައެވެ. އެހެންވެ، އެ އިސްލާހު ތަންފީޒުވުމުން، އިންތިޚާބު ރޯދައިގެ ފަހަށް ލަސްވާނެއެވެ.

comment ކޮމެންޓް