ކުރީގެ އިސްލާމީ ފިޤުހު އެކަޑަމީން 2013 ވަނަ އަހަރު، 'މުސްލިމަކު ބަނގުރަލާއި އޫރުމަހުގެ މުޢާމަލާތު ކުރާ ތަންތަނުގައި މަސައްކަތް ކުރުމާ ބެހޭ' ގޮތުން ނެރެފައިވާ ފަތުވާ، 13 ފެބުރުވަރީ 2024 ގައި، މިހާރުގެ ސްޕްރީމް ކައުންސިލް ފޯ ފަތުވާގެ ފޭސްބުކް ފޭޖުގައި ޝާއިޢުކޮށްފައިވެއެވެ. މި ފަތުވާގައި ބުނެފައިވާގޮތުގައި، 'ރާ ހަދާ ތަންތަނާއި، ރާ ވިއްކާ ތަންތަނާއި، ރާގެ މުޢާމަލާތުކުރާ ތަންތަނާއި، އޫރުމަހާއި، އޫރުމަހުގެ ބާވަތްތައް އުފައްދާ ވިއްކާ ތަންތަނުގައި، ނުވަތަ މިދެބާވަތުންކުރެ ބާވަތެއްގެ ޚިދުމަތްދޭ ތަންތަނުގައި، މުސްލިމަކު އުޖޫރައަށް ނުވަތަ ވަޒީފާގެ ގޮތުން މަސައްކަތް ކުރުމަކީ، އިޟްތިރާރީ ޙާލަތެއްގައި މެނުވީ، އިސްލާމީ ޝަރީޢަތުގައި ހުއްދަކަމެއްނޫނެވެ. އަދި އެއީ ޙަރާމް ކަމެކެވެ. މިއީ ކީރިތި ޤުރުއާނުންނާއި، ކީރިތި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތުންނާއި، މި އުއްމަތުގެ ޢިލްމުވެރިންގެ އިޖުމާޢުން ސާބިތުވާ ކަމެކެވެ.'
ބަނގުރަލަކީ މުސްލިމުންނަށް ޙަރާމްވެގެންވާ އެއްޗެއްކަން އެނގޭ ވަރަށް ގިނަ ދަލީލުތައްވެއެވެ. އޭގެ ތެރޭގައި، ބަޤަރާ ސޫރަތުގެ 173 ވަނަ އާޔަތާއި 219 ވަނަ އާޔަތާއި ނިސާ ސޫރަތުގެ 43 ވަނަ އާޔަތާއި މާއިދާ ސޫރަތުގެ 90 ވަނަ އާޔަތާއި އަދި 91 ވަނަ އާޔަތް ހިމެނެއެވެ. ހަމަ މިއާއެކު، ރަލަކީ މުސްލިމުންނަށް ޙަރާމް އެއްޗެއްކަން ބަޔާންކޮށްދޭ ޞައްޙަ ޙަދީޘްފުޅުތައްވެއެވެ. ކަން މިހެން އޮތްނަމަވެސް، ބަނގުރަލުގެ މުޢާމަލާތްކުރާ ތަނެއްގައި ވަޒީފާ އަދާކުރުމުގެ ޙުކުމަކީ ކޮބައިތޯ ސުވާލުކުރެވޭތަން އާދެއެވެ. ޙަޤީޤަތަށް ބަލާއިރު މި ސުވާލަށް ދެވޭނެ އޮތީ އެންމެ ޖަވާބެކެވެ. އިސްވެ ބުނި ފަތުވާގައިވެސް ބަޔާންކޮށްފައިވާފަދައިން، ބަނގުރަލުގެ މުޢާމަލާތުކުރާ ތަނެއްގައި މުސްލިމަކު މަސައްކަތް ކުރުމަކީ ޙަރާމް ކަމެކެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވި ބަސްފުޅުގައިވެއެވެ. 'ރާ ބޯ މީހާއާއި، ރާ ބޯންދޭމީހާއާއި، ވިއްކާމީހާއާއި، ގަންނަމީހާއާއި، (ރާ ހެދުމަށްޓަކައި) ދިޔަ ފެލާމީހާއާއި، ދިޔަ ފެލައިދެވޭމީހާއާއި، (އެއްތަނުން އަނެއްތަނަށް ރާ) އުފުލާމީހާއާއި، އުފުލައިދެވޭމީހާއަށް ﷲ ލަޢުނަތް ލެއްވިއެވެ.' (އަބޫދާއޫދު: 3674، އިބުނު މާޖާ: 3380) މިއީ ޞައްޙަ ޙަދީޘެކެވެ.
ބަޔާންވެދިޔަ ފަތުވާގައިވާގޮތުން، ބަނގުރަލާ ގުޅޭ މުޢާމަލާތުތަކުގައި މުސްލިމަކު އުޖޫރައަށް ނުވަތަ ވަޒީފާގެ ގޮތުން މަސައްކަތް ކުރުމަކީ އިޟްތިރާރީ ޙާލަތެއްގައި ހުއްދަކަމެކެވެ. ސުވާލަކީ އެބުނާފަދަ އިޟްތިރާރީ ޙާލަތެއް ދިވެހިރާއްޖޭގައި ދިވެއްސަކަށް މެދުވެރިވެދާނެހެއްޔެވެ؟ މިކަން ދެނެގަތުމަށްޓަކައި އިޟްތިރާރީ ޙާލަތަކީ ކޮބައިކަން ދެނެގަންނާންޖެހެއެވެ.
އިޟްތިރާރީ ޙާލަތަކީ ޢާއްމުކޮށް މިކިޔާ ޟަރޫރީ ޙާލަތެވެ. އެއީ ނިހާޔަތަށް އޭގެ ބޭނުން ބޮޑުވެފައިވާ ނުވަތަ ނިހާޔަތަށް ދަތިކަން ބޮޑުވެފައިވާ އުނދަގޫ ޙާލަތެވެ. މިފަދަ ޙާލަތެއް ކުރިމަތިވުމުން އިންސާނާގެ ނަފުސަށް ނުވަތަ ގުނަވަނަކަށް ނުވަތަ ބުއްދިއަށް ނުވަތަ އަބުރަށް ނުވަތަ މުދަލަށް ގެއްލުމެއް ލިބިދާނެކަމުގެ ބިރު އޮންނާނެއެވެ. ޟަރޫރީ ޙާލަތެއް މީހަކަށް ކުރިމަތިވެއްޖެނަމަ އެކަމުން ސަލާމަތްވުމަށްޓަކައި، ޝަރުޢުގައި ހުއްދަނޫން ބައެއް ކަންކަން ހުއްދަވެގެންދެއެވެ. ޤުރުއާނާއި ސުންނަތުން މިކަމުގެ ޞަރީޙު ދަލީލުތައް ލިބެއެވެ. މިފަދަ ޙާލަތުގައި، ޙަރާމް ކަންކަން ހުއްދަވުމާ ބެހޭގޮތުން އޮންނަ ފިޤުހީ ޤާޢިދާއަކީ الضَّرُوْرَاتُ تُبِيْحُ الْمَحْظُوْرَاتِ "ޟަރޫރަތްތައް، މަނާކަންތައްތައް ހުއްދަކުރެއެވެ." މިއެވެ. ޟަރޫރީ ޙާލަތުގައި، ޙަރާމް ކަމަކަށް އަރައިގަތުން ހުއްދަވަނީ ވަކި ޝަރުޠުތަކެއް ފުރިހަމަވާނަމައެވެ. މީގެތެރެއިން މިތަނުގައި ބަޔާންކުރާނީ ވާހަކަދައްކަމުން މިގެންދާ މައްސަލައާ ގުޅޭ ޝަރުޠުތަކެވެ.
އެންމެ ފުރަތަމަ، ކުރިމަތިވެފައިވާ ޟަރޫރަތުގެ ޙާލަތުން ސަލާމަތްވުމަށްޓަކައި، މަނާކުރެވިފައިވާ ކަންތަކަށް އަރައިގަތުންނޫން އެހެން އެއްވެސް ގޮތެއް ނެތް ޙާލަތަކަށް ވާންޖެހޭނެއެވެ. މަނާ ކުރެވިފައިވާ ކަންތަކަށް އަރައި ނުގަނެ ފަރުޖެހޭނެ އެހެން އެއްވެސް ގޮތެއް އޮތްނަމަ، އެ މަނާ ކަންތައް ހުއްދައެއް ނުވާނެއެވެ. ހަމައެއާއެކު، އެ ޟަރޫރަތަކީ ޙަޤީޤީ ޟަރޫރަތަކަށްވެފައި އެކަމުން ސަލާމަތްވުމަށްޓަކައި އަރައިގަންނާންޖެހޭ މަނާ ކަންތަކަށް އަރައިނުގެންފިނަމަ ފަސް ޟަރޫރިއްޔާތުކަމުގައިވާ ދީނާއި، ނަފުސާއި، އަބުރު ނުވަތަ ނަސްލާއި، ބުއްދި އާއި މުދަލާ މިއިން ކޮންމެ ވެސް ކަމަކަށް ސީރިޔަސް ގެއްލުމެއް ލިބުމުގެ ޙަޤީޤީ ބިރު އޮތް ޙާލަތަކަށްވާންޖެހޭނެއެވެ.
ބުނެވިދިޔަ ދެޝަރުޠުގެތެރެއިން ފުރަތަމަ ޝަރުޠަށް ބަލާއިރު، ދިވެހިރާއްޖޭގައި ބަނގުރަލުގެ ޚިދުމަތް ފޯރުކޮށްދޭ (ރިޒޯޓު ނުވަތަ ހޮޓަލުގެ ބާ އާއި ރެސްޓޯރަންޓުފަދަ) ތަނެއްގައި ދިވެއްސަކު މަސައްކަތްކުރާންޖެހޭނެ ޟަރޫރީ ޙާލަތެއް އޮވެދާނެކަމަކަށް ޤަބޫލެއްނުކުރެވެއެވެ. ސަބަބަކީ، ރާއްޖޭގެ ރިޒޯޓުތަކުގައި ބަނގުރަލާބެހޭ މަސައްކަތްތައް ފިޔަވައި، ދެން ހުންނަ ވަޒީފާތަކަކީ ހުއްދަ ޙަލާލު މަސައްކަތްތަކެވެ. ވުމާއެކު، ދިރިއުޅުމަށްޓަކައި ވަޒީފާއެއް ހޯދަން މަޖުބޫރުވެފައިވާ މީހާވެސް ޙަރާމްވެގެންވާ ވަޒީފާއެއް އަދާނުކޮށް، ޙަލާލު ވަޒީފާއަކަށް ދިއުމުގެ ފުރުޞަތު އެތަންތަނުގައި އެބަ އޮތެވެ. އަދި އެފަދަ ކަމެއް ހިންގާ ތަނެއްގައި ވަޒީފާ އަދާނުކޮށް މުޅީން އެހެން ތަނެއްގައި މަސައްކަތް ކުރުމުގެ ފުރުޞަތުވެސް އޮންނާނެއެވެ. ދެވަނަ ޝަރުޠަށް ބަލާއިރު، ބަނގުރަލުގެ ޚިދުމަތްދޭ ވަޒީފާ އަދާނުކުރިޔަސް، ދިވެހި، މުސްލިމު މުވައްޒަފުގެ ފަސްޟަރޫރިއްޔާތުގެތެރެއިން އެއްވެސް ކަމަކަށް ގެއްލުމެއްވެދާނެ ޙާލަތެއްނެތެވެ. އެފަދަ ތަނެއްގައި ވަޒީފާ އަދާނުކުރުމުން، އޭނާގެ ދީނާއި، ނަފުސާއި، އަބުރު ނުވަތަ ނަސްލާއި، ބުއްދިއާއި މުދަލަށް ގެއްލުމެއްވެދާނެ ޙާލަތެއް ނުފެނެއެވެ. އަދި މުސްތަޤުބަލުގައި އެއިން ކަމަކަށް ލިބިދާނެކަމަށް 'ލަފާކުރެވޭ ގެއްލުމަކަށް' ބަލައިގެންވެސް ޙަރާމް ވަޒީފާއެއް އަދާކުރުމުގެ ހުއްދައެއް ނުލިބޭނެއެވެ. އެއީ މިހާރު ޤާއިމުވެފައި ނެތް، އެކަމަކު މުސްތަޤުބަލުގައި އުފެދިދާނެކަމަށް ބެލެވޭ ޟަރޫރަތަކީ މަނާ އެއްވެސްކަމެއް ހުއްދަކުރާ ޟަރޫރަތަކަށްނުވާތީއެވެ.
އެހެންކަމުން، ދިވެހިރާއްޖޭގައި ދިވެއްސަކު ރިޒޯޓު ހޮޓާތަކުގެ ބާއާއި ރެސްޓޯރަންޓުގައި ބަނގުރާ ސާވްކުރުމާއި އެއާ ގުޅޭ ކަންކަމުގައި މަސައްކަތްކުރާންޖެހޭނެ ޟަރޫރީ ޙާލަތެއް އޮތްކަމަކަށް ނުފެނެއެވެ. މިއާ ޚިލާފަށް، ޣައިރު މުސްލިމު މުޖުތަމަޢެއްގައި އުޅޭ މުސްލިމަކަށް އެފަދަ ޙާލަތެއް ކުރިމަތިވުމަކީ ވެދާނެކަމެކެވެ. މިސާލަކަށް؛ އެފަދަ ތަނެއްގައި ދިރިއުޅެންޖެހިފައިވާ މުސްލިމަކު ޙާލުގައިޖެހި، ބަނޑުފުރާނަ މުއްތިކުރާނެގޮތެއް ހޯދަން މަޖުބޫރުވާހިނދު، ބަނގުރާ ވިއްކާ ރެސްޓޯރަންޓެއްގައި ވެއިޓަރެއްގެ ވަޒީފާ އަދާކުރުންނޫން އެހެންގޮތެއްނެތް ޙާލަތުގައި އޭނާއަކީ އިޟްތިރާރީ ޙާލަތުގައިވާ މީހެއްކަމަށް ބަލައި (ޝަރީޢަތުގައި ކަނޑައަޅާފައިވާ ޤައިދުތަކާއި ޝަރުޠުތަކާއެކު) އެ ވަޒީފާ އަދާކުރުން އޭނާއަށް ހުއްދަވާނެއެވެ.
ދިވެހިރާއްޖޭގެ ފަތުވާ ކޮމެޓީއަކުން ނެރޭ ފަތުވާއަކީ ދިވެހިރާއްޖޭގެ މާޙައުލަށް އަމާޒުކުރެވޭ، ދިވެހީންގެ ދިރިއުޅުމުގެ ޙާލަތަށް ބިނާކޮށްފައިވާ ފަތުވާއަކަށްވާންޖެހޭނެއެވެ. މިގޮތުން ބަލާއިރު، ބަނގުރަލާއި މަސްތުވާތަކެތި ޢާއްމުވެ ގާތްގަނޑަކަށް ކޮންމެ ޢާއިލާއަކަށްހެން އެވަބާގެ އަސަރު ފޯރާފައިވާކަމަށް ބެލެވޭ މިރާއްޖޭގައި، ބަނގުރަލާބެހޭ މުޢާމަލާތުގައި މުސްލިމުން ބައިވެރިވުން ޙަރާމްކަމަށް ބުނާ ފަތުވާއެއްގައި، އިޟްތިރާރީ ޙާލަތުގައި އެކަން ހުއްދަވާނެކަށް ބުނުމަކީ ދެރަކަމެކެވެ. އަމުދުން އެ އިޟްތިރާރީ ޙާލަތަކީ ކޮބައިކަން ބަޔާންކޮށްނުދީ ފަތުވާ ނިންމައިލާފައި އޮތުމަކީ ބޮޑު އުނިކަމެކެވެ.