މާތްﷲ ގެ ރަޙުމަތްވަންތަ ކަމުން އަހުރެމެންގެ ހިތްތަކަށް އުފާވެރި ކަމާއި ނަފުސުތަކަށް ހަމަ ޖެހުން ގެނެސް ދިން، 1446 ވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާން މަސް މާޒީގެ ތެރެއަށް ވަނުން އޮތީ ވަރަށް ކައިރީގައެވެ. މި މާތް މައްސަރުގެ ހުޅެވި ހަނދު ފެނިއްޖެ ކަމުގެ ޚަބަރާ އެކު ލޯ ތަކުން އުފާވެރި ކަމުގެ ކަރުނަ ނީރައިލި ފަދައިން، މި ބާއްޖަވެރި މޫސުން އަލްވަދާޢު ކިޔާތީ ހިތާމަވެރިކަން އިހުސާާސް ކުރެވޭން ފަށައިފިއެވެ.
އޭ ރަމަޟާނެވެ! ތިބާ އަށް ޓަކައި އަހުރެމެން އެގާރަ މަސް ދުވަހުގެ ދިގު އިންތިޒާރެއް ކުރީމުއެވެ. ތިބާ އަންނާތީ، ރޫޙާނީ ގޮތުންނާއި މާއްދީގޮތުން ގިނަ ތައްޔާރީތަކެއް ވީމުއެވެ. އާއްމު ދިރިއުޅުމުގެ ބައެއް ކަންކަން ބަދަލު ކޮށްލައި ތިބާ އަށް ޓަކައި ޚާއްސަ އިންތިޒާމު ތަކެއް ހަމަ ޖެއްސީމުއެވެ.
ހިތްތައް ސާފުކޮށް ނަފުސުގެ ނުބައި އެދުންތަކާ ދުރުވާން ފަރިތަ ކުރީމުއެވެ. މާޒީގައި ފަރުވާ ކުޑަ ކުރެވިފައި ވި އަޅުކަންތަކާ މެދު ސަމާލު ވުމަށް ނިޔަތް ގަތީމުއެވެ. ގޯތި ގެދޮރު ސާފު ކޮށްލައި ބައެއް ތަކެތި މަރާމާތު ކޮށް އަނެއްބައި ތަކެތި އައު ކޮށްލީމުއެވެ. އެހެން މައްސަރުތަކާ ތަފާތު ކޮށް، އަތްމަތި ކުރި ކާބޯތަކެތީގެ މިންވަރާއި ފެންވަރު ވެސް ހެޔޮ ކޮށްލެވޭތޯ ބެލީމުއެވެ.
މި ގިނަ ތައްޔާރީ ތަކާ އެކު ތިއްބައި، ހެޔޮ ކަމާއި ސަވާބުގެ ކަންޒުތަކާއިގެން ތިބާ އަހުރެމެންނާ ބައްދަލު ކުރީތީ ﷲ އަށް ޙަމްދުކޮށް ޝުކުރު ކުރީމުއެވެ. އޭގެ ފަހުގައި، ރަމަޟާން މަސް އައީ ކަން އެންމެ ރަނގަޅަށް އިޢުލާނު ވެވޭ، ތަރާވީޙު ނަމާދުގެ ބަރަކާތުން އަހުރެމެން ތިބާ އަށް މަރުޙަބާ ކީމުއެވެ. ތިބާ އަހުރެމެންނާ ވަކި ވުމުގެ ކުރީން، އެންމެ ކުޑަ މިނުން އެއްފަހަރު ނަމަވެސް ޚަތިމު ކުރުމުގެ ގަސްތާއެކު ޤުރުއާން ކިޔެވީމުއެވެ.
އެންމެ ނަމާދެއް ވެސް ދޫކޮށް ނުލައި، ބަރާބަރު ވަގުތުގައި ނަމާދުތައް ކުރުމަށް ސަމާލުކަން ދިނީމުއެވެ. އެއީ ސުންނަތް ނަމާދުތަކާ ވެސް އެކުގައެވެ. ދުނިޔޭގެ އުޑަށް ﷲ ތަޢާލާ ތަޖައްލީވެވޮޑިގަންނަވާ ވަގުތު - ފުރަމެންދަމު - ތަންމައްޗާ ބުރިކަށި ދުރު ކޮށްލައި، ނަމާދު ކުރުމާއި އިސްތިޣުފާރު ކޮށް ދުޢާ ޒިކުރު ކުރުމުގައި ވަގުތު ހޭދަ ކުރީމުއެވެ.
ނަފުސުގެ ނުބައި ގޮވައިލުންތަކަށް ނޫނެކޭ ބުނެ، ފާފަތަކާ ދުރުގައި ހުރުމަށް ޖިހާދު ކުރީމުއެވެ. ދުވާލު ހަތަރު ދަމު ނުކައި ނުބޮއެ އަދި އެހެނިހެން ބައެއް ޝަހުވަތްތަކާ ދުރުހެލި ވެގެން ހުރެ، ރޫޙާނީ އަދި އަޚުލާގީ ގޮތުން ވަރުގަދަ ތަމުރީނު ތަކެއް ފުރިހަމަ ކުރީމުއެވެ. ރަޙިމުގެ ގުޅުން ޤާއިމު ކޮށް، ދޭދޭ މީހުންގެ މެދުގައި ހީނަރު ވެފައި ވި ގުޅުންތައް ބަދަހި ކޮށް އައު ކުރީމުއެވެ.
އެހެން މައްސަރުތަކަށް ވުރެ ބޮޑަށް، އާއިލާއާ އެކު ހޭދަ ކުރާ ވަގުތު އިތުރު ކޮށް، އެކަކު އަނެކަކަށް އެހީތެރި ވެދީ، އެންމެން އެކުގައި ކައި ބޮއެ އުފާވެރި ވަގުތުތަކެއް ހޭދަ ކުރީމުއެވެ. އަވަށްޓެރިންނަށް އެތިކޮޅު ދިއްކޮށްލުމާއި، އެހެން މީހަކަށް ރޯދަ ވީއްލާނެ އެއްޗެއް ދީގެން އެ ކަމުގެ ސަވާބު ހޯދޭތޯ ބެލީމުއެވެ. ލިބުނު މިންވަރުން ސަދަގާތް ކޮށް، ފިތުރު ޒަކާތުގެ ފަރުޟު އަދާ ކުރުމަށް ސަމާލުކަން ދިނީމުއެވެ.
ވަޢުޡާއި ނަސޭހަތް އަޑުއަހައި، މަންފާހުރި ޢިލްމުތައް މުތާލިޢާ ކުރުމުގައި ވަގުތު ހޭދަ ކުރީމުއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ދެއްކެވި ނަމޫނާގައި ހިފައި، ފަހު ދިހައިގެ ރޭތަކުގައި އިހުނަށް ވުރެ ބޮޑަށް އަޅުކަމުގައި ހީވާގި ވެ ލައިލަތުލްޤަދުރީގެ ހެޔޮކަން ލިބޭތޯ ގަދަ އަޅައި މަސައްކަތް ކުރީމުއެވެ.
ނަފުސު ޠާހިރު ކޮށް، ﷲ އަށް ކުއްތަން ވުމާއި ތަޤުވާ ވެރިކަން އިތުރު ކޮށް ދިން، ބަރަކާތާއި ރަޙުމަތާއި މަޣުފިރަތުގެ މައްސަރު ވަކިވެ ދާތީ ހިތާމަ ކުރެވުނަސް، މި މައްސަރުގައި ކުރެވުނު ހެޔޮ ޢަމަލު ތަކާ މެދު ހިތް ހަމަ ޖެހި އުފާ ކުރަމުއެވެ. ﷲ ގެ ރަޙުމަތުން، ދުނިޔޭގައި އިތުރަށް ލަހައްޓަވައިފި ނަމަ އެ އިލާހަށް ކިޔަމަންތެރި އަޅެއްގެ ގޮތުގައި ހުރުމަށް އަޒުމު އައު ކުރަމުއެވެ.
ބުނަމާ ހިނގާށެވެ! ރަމަޟާން މަސް ނިމުމާ އެކު އީމާން ކަމުގެ ފޭރާން ބާލާ މީހަކަށް - އިރާދަ ކުރެއްވިއްޔާ - އަހުރެން ނުވާނަމުއެވެ. ރަމަޟާން މަހުގައި ކުރި ގިނަ އަޅުކަންތަކަކީ އަބަދުވެސް ކުރަން ޖެހޭ ކަންތައްތައް ކަން ހަނދާން ނައްތައެއް ނުލާނަމުއެވެ. ފާފަތަކާ ދުރުގައި ހުރުމަކީ ރަމަޟާން މަހަށް އެކަނި ޚާއްސަ ކަމެއް ނޫންކަން ދަންނާނަމުއެވެ. އެ މީހެއްގެ ގާތަށް މަރު އަތުވެއްޖައުމަށް ދާންދެން، ﷲ އަށް އަޅުކަން ކުރުމަށް އަންގަވާފައި ވާ ކަން ހަނދާނުގައި ބަހައްޓާނަމުއެވެ (އަލްޙިޖުރު، 99).
އަޅަމެންގެ ރޯދައާއި ނަމާދާއި ޒަކާތާއި އެންމެހައި އަޅުކަންތައް ޤަބޫލު ކުރައްވައި، ރަމަޟާން މަހާއި އަދި އެ ނޫންވެސް ހެޔޮ ކަމުގެ މޫސުންތަކާ ބައްދަލު ކުރުމުގެ ތައުފީޤު ދެއްވާށިއެވެ.