އަހަރު ތެރޭގައި އަންނަ އެހެން އެއްވެސް ރެއަކަށް ދެއްވާފައި ނުވާ މާތް ކަމާއި މަތިވެރިކަން އެކުލެވިގެން ވާ ހަމަ އެކަނި ރެއަކީ ލައިލަތުލްޤަދުރި ވިލޭރެއެވެ. އެއްހާސް މައްސަރަށް ވުރެ އެ ރޭގެ ހެޔޮކަން ބޮޑުވެގެން ވެއެވެ. އެހެން ހުރިހައި ރޭތަކެއްގެ މައްޗަށް ލައިލަތުލްޤަދުރި ވިލޭރޭ ޚާއްސަ ވާ ގިނަ ސަބަބުތަކެއް ވެއެވެ. މީގެ ތަފުސީލު ތިރީގައި އެ ވަނީއެވެ.
ކީރިތި ޤުރުއާން ބާވައިލެއްވި ރޭ ކަމުގައި ވުން
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް އެންމެ ފުރަތަމަ ޤުރުއާން ބާވައި ލެއްވުނީ ލައިލަތުލްޤަދުރި ވިލޭރޭގައެވެ (އަލްޤަދުރި، 1). އަދި އެ ކަމުގެ ސަބަބުން އެއީ ބަރަކާތްތެރި ވެގެން ވާ ރެއެއް ކަމުގައި ލެއްވިއެވެ (އައްދުޚާން، 3).
އެއްހާސް މައްސަރަށް ވުރެ އެ ރޭގެ ހެޔޮކަން ބޮޑުވުން
ދުނިޔޭގައި ވޭތި ކުރަމުން ދާ އެއްހާސް މައްސަރަށް ވުރެ ލައިލަތުލްޤަދުރި ވިލޭރޭގެ ހެޔޮކަން ބޮޑު ކަމަށް ﷲ އެންގެވިއެވެ (އަލްޤަދުރި، 3). އޭގެ މާނައަކީ އެ ރޭގައި ﷲ ގެ އަޅާ ކުރާ އަޅުކަންތަކަށް ދެއްވާނެ ދަރުމަ އާއި ސަވާބުގެ މިންވަރު، އެއްހާސް މައްސަރުގައި ކުރެވޭ އަޅުކަމަށް ލިބޭނެ ދަރުމަ އާއި ސަވާބަށް ވުރެ އިތުރު ވެގެންވުމެވެ (އައްޠަބަރީ، 1994).
އެ ރޭގެ އަޅުކަމުގައި ޤާއިމުވެ ހުރެއްޖެ މީހާގެ އިސްވެ ގޮސްފައިވާ ފާފަތައް ފުއްސެވުން
އީމާންކަމާ އެކު ﷲ ގެ ޙަޟުރަތުން ސަވާބާއި ދަރުމަ އަށް އެދޭ ހާލު، ލައިލަތުލްޤަދުރި ވިލޭރޭ އަޅުކަން ކޮށްފި މީހާގެ އިސްވެ ގޮސްފައި ވާ އެންމެހައި ފާފަތައް ފުއްސަވާނެ ކަމަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ (ބުޚާރީ، 1901، މުސްލިމު، 760). މި ޙަދީޘްފުޅުގައި ވާ ފަދައިން، ހެޔޮ ޢަމަލު ކުރުމުން، އިސްވެ ގޮސްފައި ވާ އެންމެހައި ފާފަތައް ފުއްސަވާނެ ކަމަށް އަންގަވާފައި ވާ ބަސްފުޅުތަކުގައި އެ ވަނީ ކުދި ފާފަތަކާއި ބޮޑެތި ފާފަތައް ވެސް ފުއްސަވާނެ ވާހަކަ ކަމަށް އިބުނު ޙަޒުމް އާއި އަދި އެ ނޫން ވެސް ބައެއް ބޭފުޅުން ވިދާޅުވެއެވެ. ނަމަވެސް ޖުމުހޫރު ޢިލްމުވެރިން ވިދާޅުވާ ގޮތުގައި އޭގެ މުރާދަކީ ހަމަ އެކަނި ކުދި ފާފަތައް ފުއްސެވުމެވެ. ޤުރުއާނާއި ސުންނަތުން އިނގޭ ގޮތުގައި، ބޮޑެތި ފާފަތަކަށް ތައުބާ ވުން ވާޖިބު ވާނެއެވެ (އިބުނު ރަޖަބު، 2008).
އެ ރޭގައި މަލާއިކަތުން ފައިބައިވަޑައިގެންނެވުން
މަލާއިތުންނާއި، ޖިބުރީލުގެފާނު ﷲ އިޒުނަފުޅާ އެކު، ހުރިހާ އަމުރުފުޅަކާއިގެން އެ ރޭ ފައިބައިވަޑައިގަންނަވާނެއެވެ (އަލްޤަދުރި، 4). މަލާއިކަތުން ވަޑައިގަންނަވަނީ ﷲ ގެ އަޅުތަކުންނަށް އެ އިލާހުގެ ބަރަކާތް ފެތުރުއްވުމަށެވެ. މިއިން ވެސް އަންގައި ދެނީ ލައިލަތުލްޤަދުރި ވިލޭރޭގެ މާތް ކަމާއި މަތިވެރިކަމެވެ (ޠަންޠާވީ، 1996).
ފަތިސް ވެއްޖައުމަށް ދާންދެން ހެޔޮ ކަން އެކުލެވިގެން ވުން
އެ ރޭގެ އިރު އޮއްސުނީއްސުރެ ފަޖުރުގެ އަލިކަން ފާޅު ވެއްޖައުމަށް ދާންދެން ލައިލަތުލްޤަދުރި ވިލޭރޭގައި އެކުލެވިގެން ވަނީ މުޅިން ވެސް ހެޔޮކަމެވެ (އަލްޤަދުރި، 5). އެއީ އެ ރޭގައި ﷲ އާ ކުއްތަން ވެ އެ ކަލާނގެ އަށް ކިޔަމަންތެރި ވާ އަޅުންނަށް ސަލާމަތް ކަމާއި ހެޔޮކަން ލިބިގެން ވާ ރެއެކެވެ (އަލްބަޣަވީ، 2007).
އެ ރޭގެ ހެޔޮ ކަމުން މަހުރޫމު ވެއްޖެ މީހާ ހުރިހާ ހެޔޮ ކަމަކުން މަހުރޫމު ވާނެ ކަމަށް އަންގަވާފައި ވޭ
ރަމަޟާން މަސް އައުމުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވައެވެ. "ހަމަކަށަވަރުން މި (ރަމަޟާން) މަސް ތިޔަބައި މީހުންނާ ބައްދަލު ކޮށްފިއެވެ. އެއްހާސް މައްސަރަށް ވުރެ ހެޔޮ ކަން ބޮޑު ވެގެން ވާ ރެއެއް މި މަހުގައި ވެއެވެ. އެ ރޭގެ ހެޔޮ ކަމުން މަހުރޫމު ވެއްޖެ މީހާ، ހަމަ ކަށަވަރުން، ހުރިހާ ހެޔޮ ކަމަކުން މަހުރޫމު ވެއްޖެއެވެ" (އިބުނު މާޖާ، 1644).
ސުވާލަކީ "އެ ރޭ (އެބަހީ: ލައިލަތުލްޤަދްރި ވިލޭރޭ) ގެ ހެޔޮ ކަމުން މަހުރޫމު ވެއްޖެ މީހާ، ހަމަ ކަށަވަރުން، ހުރިހާ ހެޔޮ ކަމަކުން މަހުރޫމު ވެއްޖެއެވެ." މި ތަނުގައި އެވާ "ހުރިހާ ހެޔޮ ކަމަކުން މަހުރޫމު ވެއްޖެއޭ" އެ އޮތް ބަސްފުޅުގެ މާނައަކީ ކޮބައިބާވައެވެ؟ ލައިލަތުލްޤަދްރި ވިލޭރޭ އަޅުކަމުގައި ދެމި ނުހުރުމުގެ ސަބަބުން، އެ ރޭގެ ހެޔޮ ކަން ނުލިބުނު މީހާ ކުރިން ކޮށްފައިވާ ނުވަތަ ފަހުން ކުރާނެ ހުރިހާ ހެޔޮ ކަންތަކެއް ނެތިގެން ދަނީހެއްޔެވެ؟
މި ސުވާލުގެ ޖަވާބުގައި ޢިލްމުވެރިން ވިދާޅުވެއެވެ. ޙަދީޘްގައި އެ ވަނީ ލައިލަތުލްޤަދްރި ވިލޭރޭ އަޅުކަމުގައި ދެމި ނުހުރި މީހާ އަށް، އެ ރޭގައި އެކުލެވިގެން ވާ އަދަދު ނުކުރެވޭހައި ގިނަ ހެޔޮ ކަން ނުލިބޭނެ ވާހަކައެވެ. އެއީ އޭނާ ކޮށްފައިވާ އެހެނިހެން ހެޔޮ ޢަމަލުތަކުގެ ދަރުމަ ނެތިގެން ދާނެ ވާހަކައެއް ނޫނެވެ (މުޙައްމަދުލްޤާރީ، 2001).
ލައިލަތުލްޤަދުރި ވިލޭރޭގެ ހެޔޮކަން ގެއްލުވައިލާ މީހާ ވިސްނައިލަން ޖެހެއެވެ. އެއީ އެއްހާސް މައްސަރަށް ވުރެ ގިނަ ހެޔޮ ކަމެވެ. އަދަދުން ބަލާ ނަމަ އެއްހާސް މައްސަރަކީ 83 އަހަރާއި 4 މަސްދުވަހެވެ. ދުވަހުން ބަލާ ނަމަ އެއީ 30,000 (ތިރީސްހާސް) ދުވަހެވެ. މިސާލަކަށް މީހަކު ދުނިޔޭގައި ހުންނަ އުމުރަކީ 83 އަހަރު ކަމަށް ބަލާ ނަމަ، އޭނާގެ މުޅި އުމުރުގައި އަޅުކަން ކުރުމުން ލިބޭނެ ސަވާބު އެންމެ ރެޔަކުން އެބަ ލިބެއެވެ. އެ ރޭގައި އެކުލެވިގެން ވާ ހެޔޮކަން ގެއްލިއްޖެ ނަމަ އެ ހުރިހާ ހެޔޮކަން އަނބުރައި ނުލިބޭނެއެވެ.
ލައިލަތުލްޤަދުރި ވިލޭރޭ ވަނީ ރަމަޟާން މަހުގެ ފަހު ދިހައިގެ އޮނަހިރި ރޭ ތަކުން ރެއެއްގައި ކަމަށް ޞައްޙަ ޙަދީޘްތަކުގައި އައިސްފައި ވިޔަސް، އެއީ ސީދާ ކޮން ރެއެއް ކަމެއް އަންގަވާފައެއް ނުވެއެވެ (ބުޚާރީ، 2017، މުސްލިމު، 1167). އެއީ ވަރަށް މަތިވެރި ހިކުމަތަކަށް ޓަކައެވެ. އެ ރޭ އެނގޭ ނަމަ އެހެން އެއްވެސް ރެޔަކު އަޅުކަން ނުކޮށް ސީދާ އެ ރޭގައި އަޅުކަން ކުރަން މީސްތަކުން އުޅެދާނެއެވެ. ވީމާ، އަޅުކަމުގައި ހީވާގިވެ އެ ކަމުގައި މީސްތަކުން ދެމި ތިބުމުގެ ފުރުސަތު ދެއްވުމަށް ޓަކައި، އެ ރޭ ވަނީ ސިއްރު ކުރައްވާފައެވެ.
އެހެން ކަމުން، ލައިލަތުލްޤަދުރީގެ ހެޔޮ ކަން ހޯދުމަށް އެދޭ މީހާ އަށް އެންމެ މޮޅު އިތުރު ވެގެން ވާ ގޮތަކީ ރަމަޟާން މަހުގެ ހުރިހައި ރެއެއްގައި ވެސް އަޅުކަމުގައި ދެމި ހުރުމެވެ. ނަމާދު ކުރުމާއި، ޤުރުއާން ކިޔެވުމާއި، ޒިކުރު ކުރުމާއި، ދުޢާ ކުރުމާއި ޞަދަގާތް ކުރުން ފަދަ ހެޔޮ ޢަމަލުތައް ކުރުމުގައި ރަމަޟާން މަހުގެ ރޭތައް ހޭދަކުރުމެވެ. ލައިލަތުލްޤަދުރި ވިލޭރޭގެ ހެޔޮ ކަން ނުލިބުނު މީހާ އެ ގެއްލުވައިލަނީ އޭނާގެ މުޅި އުމުރުގައި ވެސް ނުލިބޭނެހައި ގިނަ ހެޔޮ ކަމެވެ!