ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. "އީމާން ކަމާ އެކު ﷲ ގެ ޙަޟުރަތުން ސަވާބާއި ދަރުމަ އަށް އެދިގެން، ރަމަޟާން މަހު ރޯދަ ހިފައިފި ނަމަ އޭނާގެ އިސްވެ ދިޔަ ފާފަތައް ފުއްސަވާނެ" އެވެ (ބުޚާރީ، 2014). އަދިވެސް ޙަދީޘް ކުރެއްވިއެވެ. "އީމާން ކަމާ އެކު ﷲ ގެ ޙަޟުރަތުން ސަވާބާއި ދަރުމައަށް އެދިގެން، ލައިލަތުލްޤަދުރި ވިލޭރޭ އަޅުކަންކޮށްފި މީހާގެ އިސްވެ ގޮސްފައިވާ އެންމެހައި ފާފަތައް ފުއްސަވާނެއެވެ" (ބުޚާރީ، 35، މުސްލިމު، 760). އެކަލޭގެފާނުގެ އެހެން ބަސްފުޅެއްގައި ވެއެވެ. "... ރަމަޟާން މަސް އެ މީހަކާ ބައްދަލު ވެ އެ މަސް ނިމިގެން ދިޔައިރު ވެސް އެ މީހެއްގެ ފާފަ ނުފޮހެވުނު މީހާ ނިކަމެތި ވާ ހުއްޓެވެ," (ބުޚާރީ، 646).
އިސްވެ ދިޔަ ބަސްފުޅުތަކުގައި އެ ވަނީ އާދައިގެ ޚަބަރެއް ނޫނެވެ. ފުރަތަމަ ދެ ބަސްފުޅުގައި އޮތީ ހުރިހާ ފާފަތަކެއް ފުހެވޭނެ ދެ ޢަމަލަކާ ބެހޭ އުފާވެރި ޚަބަރެކެވެ. އެއީ, ރަމަޟާން މަހުގެ ރޯދަ ހިފުމާއި އަދި ލައިލަތުލްޤަދުރި ވިލޭރޭ އަޅުކަމުގައި ޤާއިމުވެ ހުރުމެވެ. ޙަދީޘުން އިނގޭ ގޮތުގައި މި ކޮންމެ ޢަމަލަކީ ވެސް މީހާގެ އިސްވެ ދިޔަ ފާފަތައް ފުއްސަވާނެ ޢަމަލެކެވެ.
ތިންވަނަ ޙަދީޘްފުޅުގައި އޮތީ ފުރަތަމަ ދެ ޙަދީޘްފުޅުގައި އެ ވާ އުފާވެރި ޚަބަރުގެ އިދިކޮޅެވެ. އެއީ ރަމަޟާން މަސް އެމީހަކާ ބައްދަލު ވެ އެ މަސް ނިމުނު އިރު ވެސް އެމީހެއްގެ ފާފަތައް ނު ފޮހެވުނު މީހާ ނިކަމެތި ވެއްޖެ ކަމުގެ ހިތާމަވެރި ޚަބަރެވެ.
ލައިލަތުލްޤަދުރި ވިލޭރެއަކީ ރަމަޟާން މަހުގެ ސީދާ ކޮން ރެއެއްކަން ކަނޑަ އެޅިގެން ނޭނގުނު ނަމަވެސް އެ ރޭ ހިމެނެނީ ރަމަޟާން މަހުގެ ފަހު ދިހައިގެ އޮނަހިރި ރޭ ތަކުން ރެއެއްގައި ކަން ސާބިތުވެއެވެ (ބުޚާރީ، 2017، މުސްލިމު، 1167). ހަމަ މިއާ އެކު އެއީ ރަމަޟާން މަހުގެ އެކާވީސް، ތޭވީސް އަދި ފަންސަވީސް ވިލޭރޭ ކަމަށާއި (ބުޚާރީ، 2021) އަދި އެއީ ހަތާވީސް ވިލޭރޭ ކަމަށް ވެސް ވާރިދު ވެގެން ވެއެވެ (މުސްލިމު، 762). ނަމަވެސް ލައިލަތުލްޤަދުރި ވިލޭރޭ ކަނޑަ އެޅުމާ ބެހޭ ގޮތުން އައިސްފައިވާ ރިވާޔަތްތަކުގައި ހުރި ޚިލާފުތަކުގެ ސަބަބުން، އެއީ ސީދާ މިވެނި ރެއެއްކަން ޤަޠުޢީކޮށް އެނގޭކަށް ނެތެވެ.
ރަމަޟާން މަހު ރޯދަ ހިފުމުން، އެ މީހެއްގެ އިސްވެދިޔަ ފާފަތައް ފުއްސަވާނެ ކަމަށް އޮތް ބަސްފުޅުގައި ޝަރުތެއް ކަނޑަ އަޅުއްވާފައި އެބަ އޮތެވެ. އެއީ إيمانًا واحتسابًا އެވެ. މި ބަސްފުޅުގެ މުރާދަކީ ރަމަޟާން މަހުގެ ރޯދަ ހިފުމަކީ ވާޖިބެއްކަން އެނގުމާއެކު އޭގެ ފަރުޟިއްޔަތު ގަބޫލުކުރުމެވެ. އެ އަޅުކަން ދޫކޮށްލައިފި ނަމަ ލިބޭނެ އަޒާބަށް ބިރުވެތިވެ، އެ އަޅުކަން އަދާ ކުރުމުން ލިބޭނެ ގިނަ ވެގެންވާ ދަރުމައަށް އެދުންވެރި ވުމެވެ. މުއުމިނުންގެ ސިފައަކީ މިއެވެ. މި ޝަރުތާ އެކު ރޯދަ ހިފައިފި މީހާގެ އިސްވެ ގޮސްފައި ވާ ފާފަތައް ފުއްސަވައި ދެއްވާނެއެވެ.
ލައިލަތުލްޤަދުރި ވިލޭރޭ އަޅުކަން ކުރުމުން، އެ މީހެއްގެ އިސްވެދިޔަ ފާފަތައް ފުއްސަވާނެ ކަމަށް އޮތް ބަސްފުޅުގައި ވެސް ހަމަ އެ ޝަރުތު ކަނޑައަޅުއްވާފައި އެބައޮތެވެ. އެ ބަސްފުޅުގައި ވާ إيمانًا واحتسابًا ގެ މާނައަކީ އެ ރޭގެ މާތް ކަމާއި މަތިވެރިކަން އަދި އެ ރޭގައި އަޅުކަން ކުރުމުގެ މާތްކަން ހިތުން ތެދުކޮށް ގަބޫލު ކުރުމެވެ. އަދި, ﷲ ގެ ވަޖުހުފުޅު އަދައިގެން އެ ރޭ އަޅުކަން ކޮށްފި ނަމަ އެ ކަލާނގެ ދެއްވާނެ ކަމަށް އަންގަވާފައިވާ ގިނަ ސަވާބަށް އެދުންވެރިވުމެވެ. މި ޝަރުތު ފުރިހަމަވާ ގޮތަށް، ލައިލަތުލްޤަދުރި ވިލޭރޭ އަޅުކަން ކޮށްފި މީހާގެ އިސްވެ ދިޔަ ފާފަތައް ﷲ ފުއްސަވާނެއެވެ.
ވަކި ޢަމަލުތަކެއް ކުރުމުން، އެ މީހެއްގެ އިސްވެދިޔަ ފާފަތައް ފުއްސަވާނެ ކަމަށް އައިސްފައިވާ ބަސްފުޅުތަކުގައި އެ ވަނީ އިންސާނުންގެ ހައްގުތަކާ ގުޅޭ ފާފަތައް ފިޔަވައި އެހެނިހެން ފާފަތައް ފުއްސެވުން ކަމުގައި ޢިލްމުވެރިން ވިދާޅުވެއެވެ. ފާފަ ފުއްސެވުމާ ބެހޭ އެހެނިހެން ދަލީލުތަކުން އެނގޭ ގޮތުގައި، އިންސާނުންގެ ހައްގުތަކާ ގުޅޭ ފާފަތައް ފުއްސަވާނީ ތައުބާވުމުންނެވެ. މިކަމާ މެދު ޢިލްމުވެރިން އިޖުމާޢުވެފައިވެއެވެ (އަލްޤަސްޠަލާނީ، 2006). އިންސާނުންގެ ހައްގުތަކާ ބެހޭ ފާފައަށް ތައުބާވުމަށްޓަކައި އެ ހައްގު އަދާކުރުން ނުވަތަ ހައްގުގެ ވެރި ފަރާތުން މާފު ހޯދުން ހިމެނެއެވެ.
އިސްވެ ބަޔާން ކުރި ޝަރުތާ އެކު، ލައިލަތުލްޤަދުރި ވިލޭރޭ އަޅުކަމުގައި ޤާއިމުވެ ހުރުމަށްޓަކައި ކުރެވޭނެ މުހިއްމު ކަންތައްތަކާ މެދު ބަލައިލަމާ ހިނގާށެވެ.
ފަރުޟު ނަމާދުތައް ކުރުން: ލައިލަތުލްޤަދުރި ވިލޭރޭ ކިޔަނީ ރޭގަނޑަކަށެވެ. އެއީ، އެ ރޭގެ އިރު އޮއްސުނީއްސުރެ ފަޖުރުގެ އަލިކަން ފާޅު ވެއްޖައުމަށް ދާންދެން އެ ދެމެދުގައި ވާ ވަގުތެވެ. ވީމާ ރޭގަނޑުގައި ކުރެވޭ އެންމެ ޚާއްސަ އަޅުކަން ކަމުގައި ވާ މަޣުރިބު ނަމާދާއި ޢިޝާ ނަމާދު އަދި ފަތިސް ނަމާދަށް ފަރުވާތެރިވެ، އެ ނަމާދުތައް ބަރާބަރަށް ކުރަން ވާނެއެވެ. ނަމާދު ކުރާނީ އޭގެ ރުކުންތަކާއި ވާޖިބުތަކާއި ސުންނަތްތަކަށް ސަމާލުކަން ދިނުމާ އެކު، ނަމާދުގައި ކުރުން މަކުރޫހަ ވެގެންވާ ކަންތައްތަކާ ދުރުވެގެން ހުރެއެވެ. ނަމާދުކޮށް އަވަދިވުމުން، ނަމާދުގެ ފަހުގައި ކިޔެވޭ ޒިކުރުތައް ކިޔަން ވާނެއެވެ.
ޖަމާޢަތަށް މިސްކިތަށް ދިއުމާއި ރަވާތިބު ސުންނަތްތައް ކުރުން: ކޮންމެ ނަމާދެއް ވެސް އޭގެ އެންމެ ފުރަތަމަ ޖަމާޢަތާ އެކު މިސްކިތުގައި ކުރުމަށް ފަރުވާތެރި ވާން ޖެހޭނެއެވެ (މުސްލިމު، 85، އަބޫ ދާއޫދު، 551). އަވަހަށް މިސްކިތަށް ދިއުމާ އެކު ވީހާވެސް ކުރިމަތީ ސަފަކުން ޖާގަ ހޯދޭތޯ ބަލަން ވާނެއެވެ (ބުޚާރީ، 2689). ހަމަ މިއާ އެކު ރަވާތިބު ސުންނަތްތައް ވެސް ދޫކޮށްލައިގެން ނުވާނެއެވެ. އެގޮތުން، ރޭގަނޑުގެ ތިން ނަމާދު ކަމުގައި ވާ މަޣުރިބު ނަމާދުގެ ފަހުގައި ކުރެވޭ ދެ ރަކުޢަތާއި، ޢިޝާ ނަމާދުގެ ފަހުގައި ކުރެވޭ ދެ ރަކުޢަތާއި އަދި ފަތިސް ނަމާދުގެ އިހުގައި ކުރެވޭ ދެ ރަކުޢަތް ހިމެނެއެވެ (މުސްލިމު، 725، ތިރުމިޛީ، 414، އިބުނު މާޖާ، 1140).
ރޭ އަޅުކަން ކުރުން: އެއީ ނަމާދު ކުރުމާއި، ޤުރުއާން ކިޔެވުމާއި، ޒިކުރު ކުރުމާއި، ދުޢާ ދެންނެވުން ފަދަ ކަންކަން ކުރުމަށްޓަކައި ﷲ އާ ކުއްތަންވެ, ވަގުތު ހޭދަކުރުމެވެ. އެ މީހަކަށް ކުޅަދާނަވީ މިންވަރަކަށް މި ކަމުގައި މަޝްޣޫލު ވެވިދާނެއެވެ. ޢިޝާ ނަމާދުގެ ފަހުގައި ކުރެވޭ ތަރާވީޙު ނަމާދަކީ ވެސް ރޭ އަޅުކަމެވެ (އަބޫ ދާއޫދު، 1375). މީގެ އިތުރުން ދަންވަރުގެ ވަގުތުގައި ދަމު ނަމާދު ކުރެވިދާނެއެވެ. މި ނަމާދު ކުރާނީ ދެ ރަކުޢަތުން ދެ ރަކުޢަތުން ސަލާން ދެމުންނެވެ (ބުޚާރީ، 1137). އެންމެ މަދު މިނަކީ ދެ ރަކުޢަތެވެ. ގިނަ ވެގެން އެ މީހަކު ބޭނުން ވަރަކަށް ކުރެވި ދާނެއެވެ. ކޮންމެ ރަކުޢަތެއްގައިމެ ސޫރަތުލްފާތިޙާއަށް ފަހު އެ މީހަކު ބޭނުން ސޫރަތެއް ނުވަތަ އާޔަތްތަކެއް ކިޔަވާނީއެވެ. ކުޅަދާނަ ވެގެންވާ ނަމަ ޤުރުއާން ކިޔެވުން ދިގުކުރުމާއި ރުކޫޢުއާއި ސަޖިދައިގައި ހޭދަ ކުރާ ވަގުތު ދިގު ކުރުން އެދެވިގެން ވެއެވެ. ޢިޝާ ނަމާދަށް ފަހު ފަތިސް ނަމާދާ ހަމައަށް، ދަމު ނަމާދުގެ ވަގުތު ދެމިގެން ވެއެވެ (ބުޚާރީ، 990).
ކޮންމެ ނަމާދެއް ކުރި ނަމަވެސް، އެ ނަމާދެއް ﷲ އަށް ޓަކައި އަދާ ކުރާ ކަމަށް ހިތު ނިޔަތް ގަންނާން ޖެހޭނެއެވެ. އެއީ, މިސާލަކަށް ތަރާވީޙު ނަމާދުގެ ސުންނަތް ﷲ އަށް ކުރަމޭ ނުވަތަ ދަމު ނަމާދުގެ ސުންނަތް ﷲ އަށް ކުރަމޭ ހިތަށް އަރުވައިލުމާ އެކު ނަމާދަށް ފެށުމެވެ. ނަމާދަށް ނިޔަތް ގަތުމަކީ މިއީއެވެ.
ލައިލަތުލްޤަދުރި ވިލޭރޭ ކުރުން އައުލާވެގެންވާ އެހެނިހެން ހެޔޮ ކަންތައްތަކުގެ ތެރޭގައި، ޞަދަޤާތް ކުރުމާއި، ޤުރުއާން ކިޔެވުމާއި ދުޢާ އަދި ޒިކުރު ކުރުން ހިމެނެއެވެ. އެގޮތުން، ފާފަ ފުއްސެވުމަށާއި ތިމާގެ ހުއްދަ ބޭނުންތައް ފުއްދަވައި ދެއްވުން އެދި ﷲ ގެ ޙަޟުރަތުގައި ނިކަމެތިކަމާ އެކު ދަންނަވަން ވާނެއެވެ. ލައިލަތުލްޤަދުރި ވިލޭރޭ ކުރުމަށް އަންގަވާފައިވާ ޚާއްސަ އެއް ދުޢާ އަކީ اللهمَّ إنك عفوٌّ تُحبُّ العفوَ فاعفُ عنِّي މިއެވެ (ތިރުމިޛީ، 3513).
ރަމަޟާން މަހުގެ ރޯދަ އެދެވޭ ގޮތުގައި ނުހިފުމުން ނުވަތަ ލައިލަތުލްޤަދުރީގެ ހެޔޮކަމުން މަޙުރޫމުވުމުގެ ސަބަބުން، ރަމަޟާން މަސް ނިމޭ އިރު އެމީހެއްގެ ފާފަތައް ނުފޮހެވޭ މީހުންގެ ތެރެއިން ނުވެ ވޭތޯ ކޮންމެ މީހަކު ވެސް ގަދަ އަޅައި މަސައްކަތް ކުރަން ވާނެއެވެ.