މަޖިލިސް އިންތިޚާބުގެ ކެންޑިޑޭސީ އަނބުރާ ގެންދަން ބޭނުންވާ މީހުންނަށް ފުރުސަތު ހުޅުވާލައިފި

އީސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން: މަޖިލިސް އިންތިޚާބުގެ ކެންޑިޑޭސީ އަނބުރާ ގެންދަން ބޭނުންވާ މީހުންނަށް އެ ފުރުސަތުވަނީ ހުޅުވާލައިފަ -- ފޮޓޯ/ އީސީ

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރުމަށް ފޯމް ހުށަހެޅި މީހުންގެ ތެރެއިން ނަން އަނބުރާ ގެންދަން ބޭނުންވާ މީހުންނަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން މިއަދު އެ ފުރުސަތު ހުޅުވާލައިފިއެވެ.

އީސީން މިއަދު ކުރި އިއުލާނެއްގައި ވަނީ އެ ފުރުސަތު ހުޅުވާލީ އަންނަ ހުކުރު ދުވަހުގެ 14:00އާ ހަމައަށް ކަމަށެވެ. އެ އިއުލާނާއެކު ކޮމިޝަނުން ވަނީ އެކަމަށް އެދި ފުރިހަމަ ކުރަން ޖެހޭ ފޯމް ހިއްސާކޮށްފައެވެ.

އަންނަ މާޗު މަހުގެ 17ގައި ބާއްވާ މަޖިލިސް އިންތިޚާބަށް ކުރިމަތިލާން އޮތް މުއްދަތު މިއަދުގެ 14:00އަށް ހަމަވެފައިވާއިރު، 381 ކެންޑިޑޭޓުން ފޯމު ހުށަހަޅާފައިވާ ކަމަށް އީސީން ވަނީ ބުނެފައެވެ.

މި އަހަރުގެ މަޖިލީސް އިންތިޚާބުގައި 93 ދާއިރާއަށް މެންބަރުން އިންތިޚާބުކުރާނެއެވެ.

މި ފަހަރު އެންމެ ގިނަ ކެންޑިޑޭޓުން ނެރެނީ ވެރިކަން ކުރާ ޕީޕީއެމް/ޕީއެންސީ ކޯލިޝަނުންނާއި އިިދިކޮޅު އެމްޑީޕީންނެވެ. ތިން ދާއިރާއެއް ފިޔަވައި ހުރިހާ ދާއިރާއަކަށް ސަރުކާރު ކޯލިޝަނުން ކެންޑިޑޭޓުން ނެރޭއިރު، އެމްޑީޕީން ވެސް ވަނީ ހަތަރު ދާއިރާއަކަށް ވާދަނުކުރާން ނިންމައިފައެވެ.

ދެން އެންމެ މެންބަރުން ގިނަ ޖުމްހޫރީ ޕާޓީން މި އިންތިޚާބުގައި ވާދަކުރަނީ 10 ދާއިރާއަކަށެވެ.

މަޖިލީސް އިންތިޚާބު ބާއްވާ ތާރީޚު ރޯދަމަހާ ދިމާވާތީ، އިންތިޚާބުތައް ރޯދަ މަސް ނިމޭތާ 10 ދުވަސް ފަހުން ބޭއްވޭ ގޮތަށް އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނު އިސްލާހު ކުރަން މަޖިލީހުން ވަނީ މިދިޔަ އާދިއްތަ ދުވަހު ފާސްކޮށްފައެވެ. އެހެންވެ، އެ އިސްލާހު ތަންފީޒުވުމުން، އިންތިޚާބު ރޯދައިގެ ފަހަށް ލަސްވާނެއެވެ.

comment ކޮމެންޓް