އިންތިހާބު ނިމިގެންދިޔައީ މިނިވަން އަދި އިންސާފުވެރިކޮށް: ޕާކިސްތާން ބޮޑު ވަޒީރު

ޕާކިސްތާނުގެ އިންތިހާބު އޮޅުވައިލައިފައިވާ ކަމަށްބުނެ ކުރި މުޒާހަރާގެ ބައިވެރިޔަކު. ފޮޓޯ/އަލްޖަޒީރާ

އިންތިހާބު ނިމިގެންދިޔައީ މިނިވަން އަދި އިންސާފުވެރިކޮށް ކަމަށް ޕާކިސްތާނުގެ ބޮޑު ވަޒީރު އަންވަރު އަލް ޙައްގު ކަކާރު ވިދާޅުވެއްޖެއެވެ.

އަންވަރު އެގޮތަށް ވިދާޅުވެފައި ވަނީ މި މަހުގެ އަށް ވަނަ ދުވަހު ބާއްވައިފައިވާ ޕާކިސްތާނުގެ އާންމު އިންތިހާބުގައި މަކަރުހަދައި އޮޅުވާލާފައިވާ ކަމަށް ތުހުމަތު ކޮށްފައިވާ ދަނޑިވަޅެއްގައެވެ. އެ ތުހުމަތުކޮށް ޕާކިސްތާނުގެ ކުރީގެ ބޮޑު ވަޒީރު އިމްރާން ޚާނަށް ތާއީދުކުރާ މީހުން ވަނީ މުޒާހަރާއަށްވެސް ނުކުމެފައެވެ.

ނަމަވެސް އިންތިހާބު ނިމިގެންދިޔައީ މިނިވަންކަމާއި އިންސާފުވެރިކޮށް ކަމަށާއި އެއްވެސް ސިޔާސީ ޕާޓީއެއް ނުވަތަ މީހެއްގެ ނުފޫޒާއި ބިރުދެއްކުމެއް އަދި ވަކި މީހަކަށް ފައިދާވާ ގޮތަކަށް ނޫން ކަމަށް އަންވަރު ވިދާޅުވިއެވެ.

ނަމަވެސް ވޯޓުލުމުގެ ނިޒާމާއި، އެކަމާ ގުޅުންހުރި މައްސަލަތަކަށް ކުރިއަށްހުރި އިންތިހާބުތަކުގައި ބޮޑަށް ފޯކަސްކުރަން ޖެހޭ ކަމަށް ގަބޫލުފުޅު ކުރައްވައި ކަމަށް އަންވަރު ވިދާޅުވިއެވެ. މާލީގޮތުން މިނިވަން އިންތިހާބެއް ބޭއްވުމަށްވެސް މަސައްކަތްކުރަންޖެހޭ ކަމަށް އަންވަރު ވިދާޅުވިއެވެ.

އިންތިހާބުގެ ކުރިން ހިނގި ހަމަނުޖެހުންތަކާއި ، ވޯޓަށް ފަހު ނަތީޖާ ލަސްވުން ފަދަ ކަންކަމުގެ ސަބަބުން އިންތިހާބުގެ އިންސާފުވެރިކަމާމެދު ގިނަ ބަޔަކު ވަނީ ސުވާލު އުފައްދައިފައެވެ. އެ ތުހުމަތުތަކާއެކު އިމްރާންގެ ޕާޓީ، ޕާކިސްތާން ތަހްރީކީ އިންސާފް (ޕީޓީއައި)ގެ މެމްބަރުން ވަނީ ޕާކިސްތާނުގެ އިންތިހާބުތަކާބެހޭ އިދާރާގެ ކުރިމަތީގައި މުޒާހަރާކޮށްފައެވެ. ވެރިރަށް ލާހޯރާއި ރާވަލްޕިންޑީ އާއި އެކި ހިސާބުތަކުގައި މުޒާހަރާ ފަށާފައި ވާއިރު ފުލުހުންނާ ކުރިމަތިލުންތައް ވެސް ހިނގިއެވެ.

މުޒާހަރާއަށް ގޮވާލުމާ އެކު ފުލުހުން ބުނެފައިވަނީ މިއީ ޣައިރު ގާނޫނީ އެއްވުމެއް ކަމަށާއި އެހެންވެ މުޒާހަރާ ކުރިއަށް ގެންދަން ފުރުސަތު ނުދޭނެ ކަމަށެވެ.

ބުރާސްފަތި ދުވަހުގެ އިންތިޚާބުގައި ގިނަ ގޮނޑިތައް ނަގާފައިވަނީ މިހާރު ޖަލުގައި އޮންނެވި ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ ޕީޓީއައި ޕާޓީގެ ތާއީދު ލިބިފައިވާ މިނިވަން ކެންޑިޑޭޓުންނެވެ. އެހެންކަމާއެކު މިނިވަން ކެންޑިޓޭޑުން އައު ޕާޓީއެއް އުފައްދާނީތޯ ނުވަތަ މިހާރު އޮތް ޕާޓީއާ ގުޅޭނެތޯ ނުވަތަ ކޯލިޝަނަކާ ގުޅިދާނެތޯ ވަނީ ސުވާލު އުފެދިފައެވެ.

އަނެއްކޮޅުން މިނިވަން މެމްބަރުންނަށްފަހު އެންމެ ގިނަ ގޮނޑި ހޯދި ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފްގެ ޕާޓީ، ޕީއެމްއެލްއެންއާއި ތިން ވަނައަށް އެންމެ ގިނަ ގޮނޑި ކާމިޔާބުކުރި ބިލާވަލް ބުއްޓޫ ޒަރުދާރީގެ ޕާޓީ(ޕީޕީއެމް) އިން އަންނަނީ އިއްތިހާދުގެ މަޝްވަރާތައް ބާއްވަމުންނެވެ.

ނަވާޒުގެ ޕީއެމްއެލްއިން ވަނީ މީގެކުރުން ތިން ފަހަރު މަތިން ޕާކިސްތާނުގެ ވެރިކަންކޮށްފައެވެ. އަސްކަރިއްޔާގެ ތާއީދުއޮތް ކަމަށް ބުނާ ޕީއެމްއެލްއަކީ މިފަހަރު އެންމެ ގިނަ ގޮނޑި ލިބުނު ޕާޓީ ކަމަށް ވާތީ މިހާރު ސަރުކާރު އެކުލަވާލުމުގެ ފުރުސަތު އެ ޕާޓީއަށް އޮތީ ފަހިވެފައެވެ.

ޕާކިސްތާނުގެ ސިޔާސަތު އޮންނަ ގޮތުން ބޮޑު ވަޒީރަކަށް އިންތިހާބުވުމަށް 336 ގޮނޑީގެ ތެރެއިން 169 ގޮނޑީގެ ސާދާ އަގުލަބިއްޔަތު ލިބެންޖެހެއެވެ.

މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި ޕާކިސްތާނުގައި މިހާރުއޮތް ސިޔާސީ ހަމަނުޖެހުންތައް އަދިވެސް އޮތީ ކުރިއަށެވެ.

comment ކޮމެންޓް