ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ މި ސަރުކާރުން މިހާރު ރާއްޖޭގެ އިގްތިޞާދު ހަމައަކަށް އެޅުވުމަށް ޓަކައި އަޅަމުން އަންނަ ފިޔަވަޅުތަކަކީ ފުރިހަމަ ފިޔަވަޅެއް ކަމަށާއި އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)ގެ ފުރިހަމަ އިތުބާރު އެ ފިޔަވަޅުތަކާމެދު އެބައޮތްކަމަށް ފަންޑުގެ މެނޭޖިން ޑިރެކްޓަރު ކްރިސްޓަލީނާ ޖޯޖީވާ ވިދާޅުވެއްޖެއެވެ.
ވޯލްޑް ގަވަމަންޓް ސަމިޓުގެ ހަވާސާގައި ރައީސް ޑރ. މުއިއްޒާ ބައްދަލުކުރައްވައި ޖޯޖީވާ ވަނީ ރާއްޖޭގެ އިގްތިޞާދަށް އެތެރެއިންނާއި ބޭރުގެ އެކި ހާލަތްތަކުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތަކުން ރައްކާތެރިވުމަށް ޓަކައި ރަނގަޅު ފިސްކަލް ސިޔާސަތުތަކެއް ތަންފީޒުކުރުން މުހިންމު ކަމަށް ފާހަގަކުރައްވައިފައެވެ.
އަދި އާ ސަރުކާރަކުން ވެރިކަމާ ހަވާލުުވީ ވަގުތު ރާއްޖޭގެ އިގްތިޞާދު ނާޒުކު ފައްތަރެއްގައި އޮތުމަކީ ވަރަށް ބޮޑު ބުރައަކަށް ވާނެ ކަމެއްކަން ފާހަގަކުރައްވައި އޭނާވަނީ ފިސްކަލް ސިޔާސަތުތައް ތަންފީޒުކުރުން އަވަސްކުރުން މުހިންމު ކަން ވެސް ފާހަގަކުރައްވައިފައެވެ.
އެއާއެކު ޖޯޖީވާ ވަނީ ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން އިގްތިޞާދީ ގޮތުން މިހާރު އަޅުއްވައިފައިވާ ފިޔަވަޅުތަކަކީ އިގްތިޞާދީ ގޮތުން ރާއްޖެ ކުރިއަރައި ދިއުމަށާއި، ހިންދެމިލުމަށް ފަހިވާނެ ބާރުހުރި ކަންކަން ކަމަށް ވިދާޅުވެފައެވެ.
އަދި ސަރުކާރުގެ ސިޔާސަތުތަކާމެދު އައިއެމްއެފްގެ ފުރިހަމަ އިތުބާރު އެބަ އޮތްކަމަށާއި އެއީ ހާލަތު ރަނގަޅުކުރުވާނެ ކަންކަން ކަމަށް ޖޯޖީވާ ފާހަގަކުރެއްވިއެވެ.
ހަމައެއާއެކު ޖޯޖީވާ ވަނީ ރައީސް ޑރ. މުއިއްޒު އިސްނަންގަވައިގެން ސަރުކާރުގެ ސިޔާސަތުތަކާއި އަމަލުތައް ވީހާ ވެސް ދެފުށް ފެންނަ ގޮތަކަށް އާންމުންނަށް ގެނެސްދިނުމަށް ކުރާ މަސައްކަތްތަކަށް ވެސް ތައުރީފުކުރައްވައިފައެވެ.
އަދި ރާއްޖެއަކީ ގުދުރަތީ ރީތިކަން ލިބިފައިވާ ނަމަވެސް ނާޒުކު ވެއްޓެއް އޮތް ގައުމެއްކަން ފާހަގަކުރައްވައި އިތުރު އިންވެސްޓްމަންޓުތައް ރާއްޖެ ގެނައުމަކީ މުހިންމު ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ބައްދަލުވުމުގައިވަނީ މޫސުމީ ބަދަލުތަކުން ރައްކާތެރިވުމަށް ރާއްޖެއިން ކުރާ މަސައްކަތަށް އެއްބާރުލުން ދިނުމާ ގުޅޭ މަޝްވަރާކުރައްވައިފައެވެ. އަދި މުސްތަގްބަލުގައި އިތުރު ދާއިރާތަކުން ރާއްޖެއާއި އެ އިދާރާ ގުޅިގެން މަސައްކަތް ކުރުމުގެ އުންމީދު އާކުރެއްވިއެވެ.
ޖޯޖީވާއަކީ މީގެ ކުރިން ވޯލްޑް ބޭންކުގެ ސީއީއޯކަމާއި ޔޫރޮޕިއަން ކޮމިޝަންގެ ބަޖެޓާއި ހިއުމަން ރިސޯސަސްގެ ނައިބު ރައީސްކަން ކުރައްވައިފައި ހުންނެވި ތަޖުރިބާކާރު ބޭފުޅެކެވެ.
މިއަދު ރައީސްވަނީ އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމަންޓުގެ ޑިރެކްޓަރު ޖެނެރަލާ ވެސް ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފައެވެ.