މަސް ކުންފުނި މިފްކޯއިން މަސްވެރިންނަށް ދައްކަންޖެހިފައި އޮތް ފައިސާގެ ތެރެއިން މިހާތަނަށް 422 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށާއި އަދިވެސް ދޫނުކުރެވި 270 މިލިއަނެއްހައި ރުފިޔާ އެބައޮތް ކަމަށް މަސްވެރިކަމާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެއެވެ.
ކުރީ ސަރުކާރުން މިދިޔަ ސެޕްޓެމްބަރު މަހުގެ 16 ގައި ވަނީ މަސް ގަންނަ އަގު 17 ރުފިޔާއިން 25 ރުފިޔާއަށް ބޮޑުކޮށްފައެވެ. އެކަމަކު، މި ސަރުކާރުން ވަނީ އެ އަދަދު 20 ރުފިޔާއަށް ދަށްކުރަން ނިންމައިފައެވެ.
އެ ފިޔަވަޅާ ގުޅިގެން ވަޒީރު މިއަދު ވަނީ ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށްފައެވެ. އިތުރު ސުވާލުގެ ވަގުތުގައި މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަހުމަދު ހައިތަމް ވަނީ މިހާތަނަށް މަސްވެރިންނަށް ދޫނުކުރެވި ހުރި ފައިސާއާ ގުޅޭ ގޮތުން ސުވާލު ކުރައްވައިފައެވެ.
އެގޮތުން، ވަޒީރު ވިދާޅުވީ މި ސަރުކާރު އުފެދުނު ފަހުން މަސްވެރިންނަށް 422 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށެވެ. އެއީ، ތެލާއި ގަނޑުފެނަށް ދައްކަން ޖެހޭ އަގު ހިމަނައިގެންނެވެ.
"މި ސަރުކާރުން 422 މިލިޔަން ރުފިޔާ ވަނީ މަސްވެރިންނަށް ޕޭކޮށްފައި. އެއީ މަސްވެރިނަށް ކްރެޑިޓަށް ދޫކުރެވިފައި ހުރި ތެލާއި އައިސް ހިމެނޭ ގޮތަށް.... އަޅުގަނޑުމެން މިއަދު ގުނާއިރުގައި 270 މިލިޔަން ރުފިޔާ މިއަދާ ހިސާބަށް މަސްވެރިންނަށް ނުދެވި އޮތްކަން ފާހަގަކުރަން،" ޝިޔާމް ވިދާޅުވިއެވެ.
"އެނގިވަޑައިގަންނަވާނެ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން އިރުގައި ވެސް 250 މިލިއަނެއްހާ ރުފިޔާ އެ މަނިކުފާނަށް ވާރުތަވެފައި އޮތީ،"
އެކަމަކު، ވަޒީރު ވިދާޅުވީ ކުރީ ސަރުކާރުން މަހުގެ އަގު ބޮޑުކުރި ފަހުން އެއްވެސް ވަރަކަށް މަސްވެރިންނަށް ފައިސާ ދޫކޮށްފައިނުވާ ކަމަށެވެ. އެހެންވެ، މި ސަރުކާރަށް ވާރުތަވީ ދަރަނި ހިމެނޭހެން މިހާތަނަށް ދޫނުކުރެވި 270 މިލިއަން ރުފިޔާ އެބައޮތް ކަމަށް ޝިޔާމް ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، މަސްވެރިންނަށް ދޫކުރަން ޖެހޭ ފައިސާ އަވަހަށް ދޫނުކުރެވިގެން އުޅެނީ ކުރީ ސަރުކާރުން ދޫނުކޮށް ހުރި ފައިސާގެ ސަބަބުން ކަމަށެވެ.

މަސްވެރިކަމުގެ ސިނާއަތާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް މިއަދު މަޖިލީހުގައި: ވަޒީރު ވިދާޅުވީ މަސްވެރިންނަށް 422 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް -- ފޮޓޯ/ މަޖިލިސް
"އަސްލު ހަގީގަތުގައި އެ އުނދަގުލުން އަޅުގަނޑުމެންނަށް އަދި ވެސް އަރައި ނުގަނެވިގެން މި އުޅެނީ. އެހެނަސް މާ ލަސްތަކެއްނުވެ މި އުނދަގުލުން އަރައިގަނެ މަސްވެރިންނަށް ދޭން އޮތް ފައިސާގެ ބެކްލޮގް އިރާދަކުރެއްވިއްޔާ ފިލުވައިލާނަން،" ޝިޔާމް ވިދާޅުވިއެވެ.
އުންމީދުކުރައްވަނީ އަދި މަސައްކަތް ކުރައްވަނީ ވީހާ ވެސް އަވަހަށް އެ ބެކްލޮގް ފިލުވައި، މަސްވެރިންނަށް ދޫކުރަން ޖެހޭ ފައިސާ ދޫކުރަން ކަމަށް ވަޒީރު ވިދާޅުވިއެވެ.
ކުރީ ސަރުކާރުން މަހުގެ އަގު ބޮޑުކުރީ ސިޔާސީ ސަބަބުތަކަކަށްޓަކައި ކަމަށް ވިދާޅުވެ، ވަޒީރު ވަނީ ކުރީ ސަރުކާރަށް ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވައިފައެވެ.