ރައްޔިތުންގެ މަޖިލީސް އިންތިޚާބު ރޯދައިގެ ފަހަށް ބަދަލުކުރާނަމަ، ރީ-ރެޖިސްޓްރޭޝަންގެ މުއްދަތު އިތުރު ކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ނައިބު ރައީސް އިސްމާއިލް ހަބީބް މިއަދު ވިދާޅުވެއްޖެއެވެ.
'ސަން'އަށް މައުލޫމާތު ދެއްވަމުން ހަބީބް ވިދާޅުވީ ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭ ގޮތަށް މަޖިލީހުން އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނަށް ގެނައި އިސްލާހު ތަންފީޒުވެ، ރޯދައިގެ ފަހުން މަޖިލިސް އިންތިޚާބު ބާއްވަން ޖެހިއްޖެ ނަމަ، ރީ ރެޖިސްޓްރޭޝަންގެ މުއްދަތު އިތުރު ކުރާނެ ކަމަށެވެ.
ހަބީބް ވިދާޅުވީ ރޯދައިގެ ފަހުން އިންތިޚާބު ބާއްވަންވެއްޖެ ނަމަ، ގިނަ ބަޔަކު ޢީދު ފަހުން ވެސް ދަތުރު ކުރާނެ ކަމަށެވެ. އެހެންވެ، ރީ-ރެޖިސްޓްރޭޝަނަށް މުއްދަތު އިތުރު ކޮށްދެނީ މި ކަންކަމަށް ރިއާޔަތް ކޮށްފައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ
ހަބީބް އިތުރަށް ވިދާޅުވީ އެގޮތަށް ތާރީޚު ބަދަލުވެއްޖެ ނަމަ އެންމެ ފުރަތަމަ 18 އަހަރު ފުރޭ މީހުންގެ ލިސްޓު އާންމު ކުރާނީ ކަމަށެވެ.
"އެންމެ ފުރަތަމަ އެގޮތަށް ބަދަލު ވެއްޖިއްޔާ އޮންނާނީ އެ ތާރީޚަކާ ހަމައަށް 18 އަހަރު ފުރޭ މިހުންގެ ލިސްޓު އާންމުކޮށްލާނީ. އާންމު ކުރުމަށް ފަހު ދެން އެ ލިސްޓަށް ޝަކުވާ ހުށަހަޅަން ހުޅުވާނީ. ދެން ޝަކުވާ ހުށަހެޅުމަށް ފަހު ފައިނަލް ލިސްޓު އާންމު ކުރާނީ،" ހަބީބް ވިދާޅުވިއެވެ.
ރީ-ރެޖިސްޓްރޭޝަނަށް މުއްދަތު ދޭނި އެއަށް ފަހުގައިކަން ވެސް ހަބިބް ވަނީ ފާހަގަކޮށްފައެވެ.
ނަމަވެސް މިހާރު އީސީން ކަނޑައަޅައިފައި ހުރި އެހެން މުއްދަތުތަަކަށް އެއްވެސް ބަދަލެއް ނާންނާނެކަން ހަބީބު ވަނީ ފާހަގަ ކުރައްވައިފައެވެ.
"އެހެން މުއްދަތުތަކެއް، މިސާލަކަށް އެޕްލިކޭޝަނަށް ހުޅުވާލި 14 ދުވަހު، ގާނޫނުގައި ބުނާ 14 ދުވަސް ހަމަވާނެ ބުދަ ދުވަހަށް. އެޔެއް އިތުރެއް ނުކުރާނެ،" ހަބީބް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އިންތިޚާބު ފަސްވި ނަމަވެސް އެކަމާ މާ ބޮޑު ޚިޔާލުތަކެއް އިލެކްޝަންސް ކޮމިޝަނުގެ ނެތް ކަމަށެވެ. އަދި، ގާނޫނުގައި އޮންނަ ގޮތަކަށް އެ ކޮމިޝަނުން މަސައްކަތް ކުރަމުން ގެންދާނެ ކަމަށް ވެސް ހަބީބު ވިދާޅުވިއެވެ.
އެކަމަކު، އިންތިޚާބު ލަސްވެއްޖެ ނަމަ އޮފިޝަލުންނަށް އަނެއްކާ ވެސް ރިފްރެޝާ ޓްރެއިނިން ދޭންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. އީސީން މަސައްކަތްކުރަނީ އިންތިޚާބު ބޭއްވުން ފިޔަވާ ހުރިހާ މަސައްކަތެއް ރޯދައިގެ ކުރިން ނިންމައިލުމެވެ.
މަޖިލިސް އިންތިޚާބު ބާއްވަން އަދި ހަމަޖެހިފައި އޮތީ މި އަންނަ މާޗު މަހުގެ 17 ވަނަ ދުވަހަށެވެ. އެހެންނަމަވެސް އިއްޔެ މަޖިލީހުން ރޯދައިގެ ފަހަށް އިންތިޚާބު ބާއްވަން ފާސްކުރުމާ އެކު ގާނޫނު ތަންފީޒުވުމުން އިންތިޚާބު އޮންނާނީ ރޯދައިގެ ފަހަށެވެ.