މި މަޖިލީހަށް 882 މިލިއަން ހޭދަކޮށްފި، ކެއުމަށް 13 މިލިއަން

މި ހިނގާ 19 ވަނަ ރައްޔިތުންގެ މަޖިލީހަށް 882 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް މަޖިލީހުގެ އިދާރާއިން ހާމަކުރި ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މަޖިލީހުގެ މެންބަރުންނަށް ބޮޑު މުސާރައެއްގެ އިތުރުން ގިނަ އިނާޔަތްތަކެއް ވެސް ލިބެއެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން 'ސަން'އިން ހޯދަން އެދުނު މައުލޫމާތު ހިއްސާކުރަމުން މަޖިލީހުގެ އިދާރާއިން ދިން މައުލޫމާތުގައި ވާގޮތުން މި ހިނގާ 19 ވަނަ މަޖިލީހަށް މިހާތަނަށް ޖުމުލަ 882،160،153 ރުފިޔާ ވަނީ ހަރަދުކޮށްފައެވެ.

އެ އިދާރާއިން ދިން މައުލޫމާތުގައި ވާގޮތުން، މި ދައުރުގައި މެންބަރުންގެ މުސާރައަށް 200،991،000 ރުފިޔާ ހޭދަވިއެވެ. އަދި، އިނާޔަތްތަކުގެ ގޮތުގައި 188،160،000 ރުފިޔާ ހޭދަކުރަން ޖެހޭއިރު ކެއިންބުއިމުގެ ހަރަދުގެ ގޮތުގައި 13،211،442 ރުފިޔާ ހޭދަވިއެވެ. އެއީ އެވްރެޖްކޮށް އަހަރެއްގެ މައްޗަށް 2.6 މިލިއަން ރުފިޔާއެވެ.

މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން: މަޖިލީހަށް ބޮޑު ހޭދައެއް ކުރަންޖެހޭ -- ފޮޓޯ/ މަޖިލިސް

ދެހާސް ނަވާރަވަނަ އަހަރު އިންތިޚާބުކުރި 19 ވަނަ މަޖިލީހަށް މިހާތަނަށް އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ މުސާރައާއި އިނާޔަތްތަކަށެވެ. އެ ކަމަށް މި މުއްދަތުގައި 601،282،796 ރުފިޔާ ވަނީ ހޭދަކޮށްފައެވެ. ދެވަނައަށް އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ އޮފީސް ހިންގުމުގެ ހަރަދުގެ ގޮތުގައެވެ. އެ ކަމަށް 146،341،502 ރުފިޔާ ވަނީ ހަރަދުކޮށްފައެވެ.

ތިންވަނައަށް އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ އޮފީސް ހިންގުމަށް ބޭނުންވާ ހަރުމުދާ ގަތުމަށެވެ. އެ ކަމަށް 46،358،060 ރުފިޔާއެވެ.

އެއީ، 19 ވަނަ މަޖިލީހަށް ޖުމުލަ 882 މިލިއަނަށް ވުރެ ގިނަ ރުފިޔާއެވެ. އަހަރެއްގެ މައްޗަށް އެވްރެޖްކޮށް 176 މިލިއަނަށް ވުރެ ގިނަ ރުފިޔާއެވެ.

ފުރަތަމަ 19 ވަނަ މަޖިލީހަށް މެންބަރުން އިންތިޚާބުވި 2019 ވަނަ އަހަރު 192 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޭދަކުރިއިރު ޖެހިގެން އައި 2020 ވަނަ އަހަރު 169 މިލިއަނަށް ވުރެ ގިނަ ރުފިހާ ހަރަދުވިއެވެ. އެއަށް ފަހު، 2021 ވަނަ އަހަރާއި 2022 ވަނަ އަހަރު އެ އަދަދު ހުރީ 160 މިލިއަނާއި 163 މިލިއަން ރުފިޔާއާ ދެމެދުގައެވެ. އެކަމަކު، މިދިޔަ 2023 ވަނަ އަހަރު 195 މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ހަރަދުކޮށްފައެވެ.

މިހާރު ވެސް މަޖިލީހަށް ބޮޑު ހޭދައެއް ކުރަންޖެހޭއިރު، މި ފަހުން ވަނީ މެންބަރުންގެ މުސާރަ އެއް ލައްކަ ރުފިޔާއަށް ބޮޑުކުރަން ވެސް މަޖިލީހުން ފާސްކޮށްފައެވެ. މިހާރު ވެސް މުސާރައާއި އިނާޔަތުގެ ގޮތުގައި މަޖިލިސް މެންބަރުންނަށް 82،500 ލިބިވަޑައިގަންނަވައެވެ.

comment ކޮމެންޓް