މާޔަންގެ ފަށް ފޭރިގަތް މައްސަލައިގައި ބަޔަކު ހައްޔަރުކޮށްފި

މަރްޔަމް މުހައްމަދު (މާޔަން)--- ސަން ފައިލް ފޮޓޯ/ ހުސައިން ހަބީބު

ގައުމީ އަންހެން ފުޓްބޯޅަ ޓީމުގެ ކުރީގެ ކުޅުންތެރިޔާ މަރިޔަމް މުހައްމަދު [މާޔަން] ގެ ފަށް ފޭރިގަތް މައްސަލައިގައި ދެ މީހަކު މިއަދު ހައްޔަރުކޮށްފިއެވެ.

މާޔަންގެ ފަށް އިއްޔެ ހުޅުމާލެއިން ފޭރިގެންފައިވަނީ ހެނދުނު ކަސްރަތަށް ނުކުމެ އުޅެނިކޮށެވެ. މި ހާދިސާ ހިނގާފައިވަނީ އިއްޔެ ހެނދުނު 6:15 އެހާކަންހާއިރު ކަމަށް މާޔަން ވަނީ ބުނެފައެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ބުނީ މިއަދު ދެ މީހުން ހައްޔަރު ކޮށްފައިވާ ކަމަށެވެ. އެއީ 25 އަހަރާއި 27 އަހަރުގެ ދެ ފިރިހެނުން ކަމަށް ފުލުހުން ބުންޏެވެ.

ދެ މީހަކު ހައްޔަރު ކުރިއިރު ފޭރިގަތް ފަށް ފެނުން ކަމެއް ނުވަތަ ނޫން ކަމެއް ވެސް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.

މާޔަން ބުނިގޮތުގައި ފޭރިގެންފައި ވަނީ ރަން ފަށެކެވެ. އޭނާ ހުޅުމާލޭގެ ކްލޭ ސްޑޫޑިއޯ މަގުން ދުވެފައި ދަނިކޮށް ދެ މީހަކު އޭނާ ބިންމަށްޗަށް ވައްޓާލައި ކަރުގައި އޮތް ފަށް ފޭރިގަތީ ކަމަށް މާޔަން ބުންޏެވެ.

comment ކޮމެންޓް