ޕާކިސްތާނުގައި އާ ސަރުކާރެއް އެކުލަވާލުމުގެ މަސައްކަތް އިމްރާންޚާންގެ ޕާޓީން ފަށައިފި

ޖޯހަރު އަލީ ޚާން

އިސްލާމް އާބާދު (11 ފެބްރުއަރީ 2024) : ޕާކިސްތާނުގައި ބޭއްވި ޢާންމު އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާނު ކުރުން އެ ގައުމުގެ އިންތިޚާބުތަކާބެހޭ އިދާރާއިން ލަސްކުރަމުން ގެންދަނީ ނަތީޖާ އާ ކުޅުމުގެ ރޭވުމެއް އޮވެގެންކަމަށް ތުހުމަތުކޮށް އެކަމާދެކޮޅަށް މުޒާހަރާކުރަން ޖެހިދާނެ ކަމުގެ އިންޒާރުދިނުމަށްފަހު ސަރުކާރެއް އެކުލަވާލުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ކުރީގެ ބޮޑުވަޒީރު އިމްރާންޚާންގެ ޕާޓީކަމަށްވާ "ޕާކިސްތާން ތަހްރީކޭ އިންސާފު" (ޕީޓީއައި) އިން ބުނެފިއެވެ.

ޕީޓީއައިއިން ނެރުނު ބަޔާނެއް ބުނިގޮތުގައި މުސްތަގިއްލު ކެންޑިޑޭޓުންގެ ގޮތުގައި އިންތިޚާބަށް ކުރިމަތިލި އެ ޕާޓީއަށް ނިސްބަތްވާ ކެންޑިޑޭޓުން ވަނީ އިންތިޚާބު ކާމިޔާބުކޮށްފައެވެ. ޕާކިސްތާނުގައި އިންތިޚާބު ކާމިޔާބު ކުރުމަކީ އިންތިޚާބުގައި އެހެން ފަރާތްތަކަށްވުރެ ކުރިހޯދުމެވެ. ނޫނީ އެހެން ފަރާތްތަކަށް ވުރެ ގިނަ ގޮނޑި ހޯދުމެވެ. ކޮންމެހެން އިންތިޚާބުގެ 50 އިންސައްތަ ހޯދުން ލާޒިމެއް ނޫނެވެ. އެންމެ ގިނަ ވޯޓު ނުވަތަ އެންމެ ގިނަ ގޮނޑި ކާމިޔާބުކުރާ ފަރާތަކީ އިންތިޚާބު ކާމިޔާބުކުރާ ފަރާތެވެ.

މީޑިއާ ތަކުން ކަށަވަރު ކޮށްދޭގޮތުގައި މުސްތަގިއްލު ކެންޑިޑޭޓުންގެ ގޮތުގައި އިންތިޚާބަށް ކުރިމަތިލި ބޭފުޅުންގެ ތެރެއިން 102 ކެންޑިޑޭޓަކު ގޮނޑި ކާމިޔާބުކޮށްފައިވާއިރު މީގެތެރެއިން 90 ކެންޑިޑޭޓުންނަކީ "ޕީޓީއައި" ގެ މެންބަރުންނެވެ. އިމްރާންޚާންގެ "ޕީޓީއައި" ގެ މެންބަރުން މިނިވަން ކެންޑިޑޭޓުންގެ ގޮތުގައި ކުރިމަތިލާން ޖެހުނީ އެ ޕާޓީގެ ލޯގޯ ޖަހައިގެން ކެންޑިޑޭޓުންގެ ގޮތުގައި ވާދަ ކުރުން ޕާކިސްތާނުގެ އިންތިޚާބުތަކާބެހޭ ކޮމިޝަނުން މަނާ ކުރުމާ ގުޅިގެންނެވެ.

މިއީ އިމްރާންޚާން އާއި އޭނާގެ ޕާޓީ ޕާކިސްތާނުގެ ސިޔާސީ މަސްރަހުން އެއް ފަރާތްކުރުމުގެ ރޭވުމުގެ ދަށުން ސިފައިންގެ މުއައްސަސާގެ ބާރުގައި އެ ކޮމިޝަނުން ނިންމި ނިންމުމެއް ކަމަށް ވަނީ ބެލެވިފައެވެ.

އިމްރާންޚާންގެ ޕާޓީގެ އިސްވެރިއެއް ކަމަށްވާ ގާނޫނީ ވަކީލު ގޯހަރު އަލީ ޚާން ވިދާޅުވިގޮތުގައި "ޕީޓީއައި" މިހާރު ގެންދަނީ އިންތިޚާބުގެ ނުރަސްމީ އެހެންނަމަވެސް ހަގީގީ ނަތީޖާއަށް ބަލައި ސަރުކާރެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންނެވެ. އިންތިޚާބު ކާމިޔާބުކުރީ މުސްތަގިއްލު ކެންޑިޑޭޓުންގެ ގޮތުގައި ކުރިމަތިލި "ޕީޓީއައި" ގެ މެންބަރުން ކަމަށާއި އެ ބޭފުޅުން ތިއްބެވީ އެބޭފުޅުން ތާއީދުކުރާ ޕާޓީއަކީ "ޕީޓީއައި" ކަމަށް ނިންމާގޮތަށްކަމަށް އޭނާ ވިދާޅުވިއެވެ. މި ހާލަތުގައި "ޕީޓީއައި" އަށް ސަރުކާރު އެކުލަވާލުމުގެ ފުރުސަތު ގާނޫނީގޮތުން ލިބޭނެއެވެ.

މިކަން ބަދަލުކޮށް ނަތީޖާ ގަޑުބަޑުކުރަން އުޅެފިނަމަ "ޕީޓީއައި" ގެ ސަޕޯޓަރުން މުޒާހަރާތަކަށް ނުކުމެ މަގުތައް ފުރާލާނެކަމުގެ އިންޒާރު ގޯހަރު އަލީ ޚާން ދެއްވިއެވެ.

ނުރަސްމީ ނަތީޖާތައް ދައްކާގޮތުން ސިފައިންގެ ތާއީދުއޮތް ނަވާޒް ޝަރީފުގެ މުސްލިމް ލީގު ނަވާޒް ޕާޓީއަށް ލިބުނީ 71 ގޮނޑިއެވެ. އަދި ބަލާވަލު ބުއްޓޫގެ ޕާކިސްތާން ޕީޕަލްސް ޕާޓީ (ޕީޕީޕީ) އަށް ލިބުނީ 53 ގޮނޑިއެވެ. ބާކީ ގޮނޑިތައް ބެހިގެން ދިޔައީ ކުދި ޕާޓީތަކަށެވެ.

ޕާކިސްތާނުގެ ޕާލަމެންޓްގައި 342 ގޮނޑި ހިމެނޭއިރު އިންތިޚާބުކުރާ ގޮނޑީގެ އަދަދަކީ 336 އެވެ. އަޣްލަބިއްޔަތުގެ ގޮތުގައި ކަނޑައަޅާފައިވާ އަދަދަކީ 169 ގޮނޑިއެވެ. އެހެން ޕާޓީތަކުންނާއި މުސްތަގިއްލު ފަރާތްތައް ހިމެނޭގޮތަށް 169 ގޮނޑީގެ ތާއީދު ލިބިއްޖެ ޕާޓީއަކަށް ސަރުކާރު އެކުލަވާލުމުގެ ފުރުސަތު، ގާނޫނު ބުނާގޮތުން ލިބޭނެއެވެ.

މި ފުރުސަތު ހޯދަން އެންމެ ފަސޭހަ ޕާޓީއަކީ "ޕީޓީއައި" އެވެ. އެއީ މުސްތަގިއްލު ކެންޑިޑޭޓުންގެ ގޮތުގައި އިންތިޚާބަށް ކުރިމަތިލި އެ ޕާޓީއަށް ނިސްބަތްވާ މެންބަރުންގެ ތެރެއިން 102 ކެންޑިޑޭޓަކު ގޮނޑި ކާމިޔާބުކޮށްފައިވާއިރު އެއްވެސް ޕާޓީއަކަށް އެއާ ގާތްކުރާ އަދަދަކަށް ގޮނޑި ކާމިޔާބު ކުރެވިފައި ނުވާތީއެވެ.

އިންތިޚާބުގެ ނަތީޖާ އިއުލާންކުރުން ފަސްޖެހޭ މައްސަލާގައި ޕާކިސްތާނުގެ އިންތިޚާބާބެހޭ ކޮމިޝަނަށް ދަނީ އެތެރެއާއި ބޭރުގެ ފިއްތުންތައް ކުރިމަތިވަމުންނެވެ.

comment ކޮމެންޓް