ތާރީޚީ ރިކޯޑެއް: މިއަދު 10،000 އަށްވުރެ ގިނަ ފަތުރުވެރިން އަންނާނެ!

ޑިސެމްބަރ 17، 2020: ބަޔަކު ރާއްޖެ އައިސް ވެލާނާ އެއާރ ޕޯޓްގައި - ސަން ފޮޠޯ/ ފަޔާޒު މޫސާ

ރާއްޖޭގެ ފަތުރުވެރިކަމުގެ ތާރީޚުގައި މިއަދު ފުރަތަމަ ފަހަރަށް 10،000 އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ އަންނާނެ ކަމަށް ފަތުރުވެރިކަމާ ބެހޭ ވަޒީރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެއެވެ.

މިއީ އެއް ދުވަހެއްގައި އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރުމުގެ ރިކޯޑު މި މަހު މުގުރައިލި ދެވަނަ ފަހަރެވެ. އެގޮތުން، މި މަހު އަށްވަނަ ދުވަހު ވެސް 8،900 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. އެއީ، އެ މުއްދަތާ ބަލާއިރު އެއް ދުވަހެއްގައި އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ދުވަހެވެ.

ވަޒީރު ފައިސަލް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއަދު 10،213 ފަތުރުވެރިން ޒިޔާރަތްކޮށް، އެއް ދުވަހެއްގައި އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ދުވަހުގެ ރިކޯޑު މުގުރައިލެވޭނެ ކަމަށެވެ.

"މިއީ ތާރީޚުގައި ވެސް އެއް ދުވަހެއްގައި އެންމެ ގިނަ މީހުން ޒިޔާރަތްކުރާނެ ދުވަސް،" ފައިސަލް ވިދާޅުވިއެވެ.

މި ކާމިޔާބީއާ އެކު ވަޒީރު ވަނީ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ އެންމެހައި ފަރާތްތަކަށް މަރުހަބާ ދަންނަވައިފައެވެ.

ސަރުކާރުގެ އަމާޒަކީ މި އަހަރު މުޅިން އަލަށް ރާއްޖެއަށް ދެ މިލިއަން ފަތުރުވެރިން ގެނައުމެވެ. އަދި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއު ނިމުމާ އެކު އެ އަދަދު އަދިވެސް އިތުރުވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މީގެ ކުރިން ވަނީ އަންދާޒާ ކުރައްވައިފައެވެ.

މި މަހުގެ ފަސްވަނަ ދުވަހުގެ ނިޔަލަށް ފަތުރުވެރިކަމުގެ މާކެޓުގެ އެއްވަނައިގައި އޮތީ ޗައިނާއެވެ. އެ ގައުމުން މިހާތަނަށް 23,972 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. ދެވަނައިގައި އޮތް ރަޝިއާއިން 21,898 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، އިޓަލީން 21,321 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.

ފަތުރުވެރިކަމުގެ ދާއިރާގައި ސަރުކާރުގެ އަމާޒަކީ މި އަހަރު މުޅިން އަލަށް 20 ރިސޯޓު ހުޅުވައި، 2،857 އެނދު އުފެދިގެން ދިއުން ކަމަށް ރައީސް ރިޔާސީ ބަޔާން އިއްވަވަމުން ވިދާޅުވިއެވެ. އަދި، ނުހެދި ހުރި ރިސޯޓުތައް ނިންމަން ފަހިކޮށްދެއްވާނެ ކަމަށް ވެސް އެ މަނިކުފާނުގެ ރިޔާސީ ބަޔާނުގައި ފާހަގަކުރެއްވިއެވެ.

ފަތުރުވެރިކަން ތަރައްޤީކުރުމަށް ކުއްޔަށްދޫކޮށްފައިވާ ރަށްރަށާއި ބިންބިމާއި ފަޅުތަކުގެ ތެރެއިން، އެކިއެކި ސަބަބުތަކާއި ހެދި މަސައްކަތް ހުއްޓިފައިވާ ތަންތަން ތަރައްޤީކުރުމަށް ހުރި ދަތިތަކާއި ހުރަސްތައްބަލައި އެ ކަންކަމަށް ހައްލުތައް ދެނެގަތުމުގެ މަސައްކަތް މިހާރު ފައްޓަވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

comment ކޮމެންޓް