ގަވާއިދު އިސްލާހުނުކުރެވޭތީ ޔޮޓުތަކާއި ކްރޫޒްލައިނާތަކަށް ރާއްޖެ ނާދެވޭ: މާޔާ

ރާއްޖެ އައި ކްރޫޒް ލައިނާއެއް: މާޔާއިން ބުނީ ގަވާއިދު އިސްލާހުނުކުރެވޭތީ ޔޮޓުތަކާއި ކްރޫޒްލައިނާތަކަށް ރާއްޖެ ނާދެވޭ ކަމަށް -- ސަން ފޮޓޯ: އަހުމަދު ސަދޫފް މޫސާ

ޓޫރިޒަމް މިނިސްޓްރީގެ ގަވާއިދަށް އިސްލާހެއް ނުގެނެވި އެތައް ދުވަހެއްވުމުގެ ސަބަބުން ރާއްޖެއަށް އަންނަން އުޅޭ ޔޮޓުތަކާއި ކްރޫޒްލައިނާތައް ކެންސަލް ކުރަމުންދާތީ، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޔޮޓް އޭޖެންޓްސް (މާޔާ)އިން މިއަދު ކަންބޮޑުވުން ފާޅުކޮށްފިއެވެ.

މި ކަމާ ގުޅިގެން "ސަން"އަށް މައުލޫމާތުދެމުން މާޔާއިން ބުނީ، ޓޫރިޒަމް މިނިސްޓްރީއަށް ގަވާއިދު އިސްލާހުކުރުމަށް ހުށަހަޅައިގެން އުޅޭތާ ހައެއްކަ މަސް ވެއްޖެ ކަމަށެވެ. ނަމަވެސް، މިނިސްޓްރީން ދޭ ޖަވާބަކީ "އަދު ނޫން މާދަން" ކަމަށް މާޔާއިން ބުންޏެވެ.

ނަމަވެސް، އަދި މިހާތަނަށް އެ މަސައްކަތް ކޮށްފައިނުވާ ކަަމަށް ވަނީ ބުނެފައެވެ.

ޓޫރިޒަމް މިނިސްޓްރީގެ ގަވާއިދު މިހާރު އޮންނަ ގޮތުން ނަމަ ރާއްޖެއަށް އަންނަ ޔޮޓުތަކާއި ކްރޫޒްލައިނާތައް އައިސް އޮންނަ ދުވަސްތަކުގެ އަދަދު ވެސް ވަނީ ވަރަށް ބޮޑަށް ލިމިޓުކޮށްފައެވެ. އަދި، ރާއްޖެ އައިސް ޚިދުމަތެއް ނުލިބި އޮންނަންޖެހޭ ކަމަށް މާޔާއިން ފާހަގަކުރެއެވެ.

މާޔާއިން ބުނީ، އެ ގަވާއިދުގެ ސަބަބުން ވަރަށް ގިނަ ޔޮޓުތައް މިހާރު ވެސް ރާއްޖެ އައުން ކެންސަލްކުރާ ކަމަށެވެ. އެ ގޮތުން، ބައެއް ޔޮޓުތަކުން މިހާރު ވެސް ރާއްޖެއަށް އަންނަ ރޫޓު އެހެން ގައުމުތަކަށް ބަދަލުކުރަމުންދާކަން ވަނީ ފާހަގަކޮށްފައެވެ.

އިރުއިރުކޮޅާ ގަވާއިދު ބަދަލުކުރީމާ އެތައް އަހަރެއް ކުރިން ޕްލޭންކޮށްގެން އެއް ގައުމުން އަނެއް ގައުމަށް އަންނަން ތިބޭ ޔޮޓުތަކާއި ކްރޫސްލައިނާތައް މި ކެންސަލްކުރަނީ. ދެން މި ތަނަށް އަންނަން ބަލާއިރު ކުރީގެ އަގުތަކެއް ނޫން އަންނައިރު މި ހުންނަނީ. އެހެންވީމާ އެ ގަވާއިދުތަކުގެ ދަށުން ފިކްސްޑް އަދަދެއް ނީންނާތީ މީގައި މައްސަލައަކީ. ރާއްޖެއަށް ކިހާ ބޮޑު ފައިދާއެއް މި އެއްޗެހި އަންނާތީ،މޯލްޑިވްސް އެސޯސިއޭޝަން އޮފް ޔޮޓް އޭޖެންޓްސް

މާޔާއިން ބުނީ، އޭގެން ޔޮޓެއް އައިސް ހަފުތާއަކުން ދެ ހަފުތާއަކުން ފަސް، ހަ ލައްކަ ލީޓަރު ތެޔޮ އަޅާނެ ކަމަށެވެ. އެއީ، އެފްއެސްއެމްއަށް ލިބޭނެ ވަރަށް ބޮޑު އާމްދަނީއެއް ކަމަށް މާޔާއިން ފާހަގަކުރިއެވެ.

އުލިގަމުގެ ބަނދަރުގައި ޔޮޓެއް އަޅާފައި: މާޔާއިން ބުނީ، ގަވާއިދު އިސްލާހުނުކުރެވޭތީ ޔޮޓުތަކާއި ކްރޫޒްލައިނާތަކަށް ރާއްޖެ ނާދެވޭ ކަމަށް -- ފޮޓޯ/ ޕޯޓްސް ލިމިޓެޑް

ހަމައެއާ އެކު ޔޮޓެއް އަންނައިރު އޭގެ ވެރިން ޕްރައިވެޓް ޖެޓުތަކުގައި ރާއްޖެއަށް އަންނަކަން ވެސް ފާހަގަކުރިއެވެ. އޭރުން އެ ޖެޓު ޖެއްސުމަށާއި، ޕާކު ކުރުމަށާއި އެއަށް އަޅާ ތެލުން ވެސް އެއާޕޯޓަށް ވެސް އިތުރު އާމްދަނީއެއް ލިބޭނެ ކަމަށް މާޔާއިން ބުންޏެވެ.

އެއީ ސުޕަ ޔޮޓެއް މެގަ ޔޮޓެއް އަންނަންޏާ އެ އަންނަނީ އޯނަރުން ޕްރައިވެޓް ޖެޓުގައި. އަންނައިރު ޕާކިން ޗާޖު ލިބޭނެ، ލޭންޑިން ޗާޖު ލިބޭނެ، އެއަށް އަޅާ ތެލަށް ލާރި ލިބޭނެ. އަނެއްކާ އެ މީހާ އަންނައިރު ވެސް ކިހާ ޚަރަދެއް ކުރާނެ ރިސޯޓުތަކަށް ވެސް. ކާން، ސްޓޭއަށް އަދި ރިސޯޓުތަކުގެ ސާވިސްތަކަށް. އަނެއްކާ ދުނިޔޭގެ މުއްސަނދިންގެ މިފަދަ ޔޮޓުތައް އައުމުން އެއީ ރާއްޖެއަށް ވެސް ލިބިދޭ ޕަބްލިސިޓީއެއް، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޔޮޓް އޭޖެންޓްސް

މާޔާއިން ބުނީ، އެ ހުރިހާ އާމްދަނީއަކާ ފައިދާއެއް ގެއްލި ދަނީ ޓޫރިޒަމް މިނިސްޓްރީން މި ގަވާއިދު ނުހެދުމުގެ ސަބަބުން ކަމަށެވެ. އަދި، މި ގަވާއިދު ބަދަލުކުރަން އުޅެނީ ދިވެހީންނާއި، ގައުމުގެ އިގުތިސާދަށް އާމްދަނީއެއް ވެއްދުމުގެ މަގުސަދުގައި ކަމަށް މާޔާއިން ބުންޏެވެ.

މީގެ ކުރިން މި އަހަރުގެ ޖެނުއަރީގައި މާޔާއިން ބުނީ، މިނިސްޓްރީން އަލަށް ނެރުނު ގަވާއިދުގައި ހަމައެކަނި ބަދަލު އައީ ކްރުޒްލައިނާތަކަށް ކަމަށެވެ.

އެ ގޮތުން، މިހާރު ކްރޫޒްލައިނާތަކަށް ވަންނަން ހަތް ދުވަސް ލިބިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް، މާޔާއިން ހުށަހެޅި ހުށަހެޅުމުގައި މި ހަތް ދުވަހަށް ވަންނައިރު ވެސް މިހާރު ލިބެން އޮތް އާމްދަނީއަށް ވުރެ ބޮޑު އާމްދަނީއެއް ދައުލަތަށް ލިބޭނެ ގޮތް ހުށަހަޅައިފައިވާ ކަމަށް އޭރު މާޔާއިން ބުނެފައިވެއެވެ.

https://sun.mv/186869

މީގެ އިތުރުން، ގަވާއިދާ ޚިލާފުވާ އެޖެންޓުންނަށް އަޅާ ފިޔަވަޅުތަކަށް ވެސް އަލަށް ނެރުނު ގަވާއިދުގައި ވަނީ ކޮންމެ ވެސް ވަރަކަށް ބަދަލު ގެނެސްފައެވެ.

އެ ގޮތުން، ދެ ފަހަރަށް ވުރެ އިތުރަށް ގާނޫނާ ޚިލާފު ވެއްޖެ ނަމަ، އަލަށް ނެރުނު ގަވާއިދުގައި 6000 ޑޮލަރުން ޖޫރިމަނާ ކުރުމަށް ފަހު، އެ ފަރާތްތަކަށް ދޫކޮށްފައިވާ ލައިސެންސް ނުވަތަ ހުއްދަ ވެސް ބާތިލުކުރާނެއެވެ. ޓޫރިސްޓު އުޅަނދުތަކާ ގުޅޭ އާ ގަވާއިދެއް ގެޒެޓު ކުރުމާ އެކު، ވޭތުވެދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 14 ވަނަ ދުވަހު ނެރުނު ގަވާއިދު ވަނީ އުވާލައިފައެވެ.

އެ ފަހަރު މާޔާއިން ބުނީ، އެ ގަވައިދު އެކުލަވާލީ ދާއިރާގެ ތަޖުރިބާކާރުންނާ މަޝްވަރާނުކޮށް ކަމަށާއި އެ ބަދަލުތަކާ އެކު މުޅި އިންޑަސްޓްރީ ހުއްޓުމަކަށް އައި ކަމަށެވެ.

comment ކޮމެންޓް