ރާއްޖޭގެ ޑެސްޓިނޭޝަން މާކެޓިން ހަރުދަނާކުރަން އެމްއެމްޕީއާރުސީއާއި މަޓީން އެއްބަސްވުމަކަށް

އެމްއެމްޕީއާރުސީ އާއި މަޓީއިން މިއަދު ސޮއިކުރި އެއްބަސްވުމުގެ ތެރެއިން: މިއީ ގުޅުން ހަރުދަނާކުރުމަށްޓަކައި ވެފައިވާ އެއްބަސްވުމެއް -- ފޮޓޯ/ އެމްއެމްޕީއާރްސީ

ދިވެހިރާއްޖޭގެ ޑެސްޓިނޭޝަން މާކެޓިން ސްޓްރެޓެޖީތައް ހަރުދަނާކޮށް، އެއްބާރުލުން އިތުރުކުރުމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)އާއި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)އިން މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި އެމްއެމްޕީއާރްސީގެ ފާތުން ސޮއިކުރެއްވީ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީއެވެ. މަޓީގެ ފަރާތުން ސޮއިކުރެއްވީ ސެކްރެޓަރީ ޖެނެރަލް އަހުމަދު ނަޒީރެވެ.

އެއްބަސްވުމުގައި ސޮއިކުރައްވާ އެމްއެމްޕީއާރްސީގެ އެމްޑީ ޝިއުރީ ވިދާޅުވީ، މަޓީގެ އިލްމާއި ތަޖުރިބާއަކީ ރާއްޖޭގެ ޑެސްޓިނޭޝަން މާކެޓިންގެ މަސައްކަތްތައް ހަރުދަނާކުރުމުގައި އަގުހުރި އެސެޓަކަށް ވާނެ ކަމަށެވެ. އަދި، އެމްއެމްޕީއާރްސީގެ ސްޓްރެޓެޖިކް އަމާޒުތައް ހާސިލުކުރުމަށް މަޓީގެ ވިސްނުމާއި ސަޕޯޓު ވަރަށް ބޮޑު އެހީއަކަށް ވާނެ ކަމަށް ވެސް ޝިއުރީ ވިދާޅުވިއެވެ.

"މަޓީއާ އެކު މި މުހިންމު އެއްބާރުލުން ރަސްމީކޮށް ފެށުން މިއީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް،" ޝިއުރީ ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީ އާއި މަޓީއިން މިއަދު ސޮއިކުރި އެއްބަސްވުމުގެ ތެރެއިން: މިއީ ގުޅުން ހަރުދަނާކުރުމަށްޓަކައި ވެފައިވާ އެއްބަސްވުމެއް -- ފޮޓޯ/ އެމްއެމްޕީއާރްސީ

މަޓީގެ އެސްޖީ ނަޒީރު ވިދާޅުވީ، އަބަދު ވެސް އެމްއެމްޕީއާރުސީއާއި މަޓީން ގާތް މަސައްކަތުގެ ގުޅުމެއް ބާއްވަމުން އަންނަ ކަމަށެވެ. އަދި، މިއަދު ސޮއިކުރި އެއްބަސްވުމާ އެކު އެ ގުޅުން އިތުރަށް ވަރުގަދަވާނެކަމަށް އުންމީދު ކުރާކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"މިއީ ޝައްކެއް ވެސް ނެތްގޮތުގައި އަޅުގަނޑުމެންގެ ޑެސްޓިނޭޝަން ބްރޭންޑެއްގެ ގޮތުގައި ވަރުގަދަ ކުރުމަށާއ،ި އަޅުގަނޑުމެންގެ ޖުމްލަ ޕާފޯމަންސް ޓާގެޓްތައް ހާސިލުކުރުމަށް މުހިންމު ކަމެއް،" ނަޒީރު ވިދާޅުވިއެވެ.

މި އެއްބަސްވުމުގެ ދަށުން ދިވެހިރާއްޖޭގެ ޑެސްޓިނޭޝަން މާކެޓިން ސްޓްރެޓެޖީތަކާއި ކެމްޕޭންތަކާއި އުކުޅުތައް ކޮންސެޕްޓުއަލައިޒްކޮށް އެކުލަވާލުމުގައި އެމްއެމްޕީއާރުސީއަށް އެހީތެރިވެ، އެޑްވައިޒަރީ ރޯލެއް އަދާކުރުމުގައި މަޓީން މުހިންމު ދައުރެއް އަދާކުރާނެއެވެ.

މާކެޓިން އިނިޝިއޭޓިވްތައް ތައްޔާރުކުރުމުގައި ޑޭޓާ ޑްރައިވަން އެޕްރޯޗަކަށް ދިޔުމަށް ފަތުރުވެރިކަމާ ގުޅުންހުރި ތަފާސްހިސާބުތައް ހިއްސާކުރުން ވެސް އެއްބަސްވުމުގައި އެކުލެވިގެންވެއެވެ.

comment ކޮމެންޓް