މާލީ އިސްލާހީ ފިޔަވަޅުތައް އައިއެމްއެފުން ބަލައިގަތުމުން މިނިސްޓަރުގެ މަރުހަބާ

އިކޮނޮމިކް މިނިސްޓަރު --

ދިވެހިރާއްޖެއިން އަޅަން ނިންމާފައިވާ މާލީ އިސްލާހީ ފިޔަވަޅުތައް، އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް)އިން ބަލައިގަތުމުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މަރުހަބާ ދަންނަވައިފިއެވެ.

މިނިސްޓަރު ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފިސްކަލް ރިފޯމް އެޖެންޑާގައި ސަބްސިޑީ ދޭ އުސޫލު ބަދަލު ކުރުމާއި ސިއްހީ ދާއިރާ ރިފޯމް ކުރުން ފަދަ ކަންކަން ހިމެނޭކަމަށެވެ.

އައިއެމްއެފްގެ މިޝަންއަކުން މިދިޔަ މަހުގެ 23އިން އިއްޔެއާ ހަމައަށް ވަނީ ރާއްޖެއަށް ޒިޔާރަތްކޮށް، އިގުތިސާދީ ހަކަތައާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވައި، މާލީ ސިޔާސަތުތައް ބައްޓަންކުރާ ގޮތްތަކާ ގުޅޭ ގޮތުން ބައްދަލުވުންތައް ކުރިއަށް ގެންގޮސްފައެވެ.

މި ބައްދަލުވުންތަކަށް ފަހު އައިއެމްއެފުން އިއްޔެ އާންމުކުރި ރިޕޯޓުގައި ބުނެފައިވަނީ ކޮވިޑު 19ގެ ބަލިމަޑުކަމަށް ފަހު ރާއްޖޭގެ އިގުތިސާދު ހަލުވިކަމާއެކު ކުރިއަރަމުން އައިސްފައި މި ފަހުން މަޑުޖެހިފައިވާ ކަމަށެވެ. މި އަހަރު 5.2 އިންސައްތަ ކުރިއަރާނެ ކަމަށް ލަފައި ކުރެވޭއިރު ފަތުރުވެރިން ޒިޔާރަތްކުރާ މިންވަރު ވެސް އިތުރުވާނެކަމަށް އައިއެމްއެފުން ލަފާކުރެއެވެ.

އާސަންދަ ސްކީމް، އޭގެ އެންމެ ހައްގުވެރިންނަށް އިސްކަންދޭ އުސޫލަށް ބަދަލުކޮށް، ސަބްސިޑީ ދޭ އުސޫލު ވެސް ހައްގުވެރިންނަށް އިސްކަންދޭ އުސޫލަކަށް ބަދަލުކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތު އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

https://sun.mv/188409

އަދި، ކުރިއަށް ބަލާއިރު، ވިޔަފާރީގެ މާހައުލު ރަނގަޅުކޮށް، ވެރިކަން ހަރުދަނާކޮށް، ހުނަރު ކުރިއެރުން އިތުރުކުރުމަކީ ވެސް ހަރުދަނާ، ޝާމިލު، އަދި ދެމެހެއްޓެނިވި ކުރިއެރުމަކަށް އެހީތެރިވެދޭނެ ކަމެއް ކަމަށް އެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.

އިގުތިސާދީ ހާލަތު ގޯސްކަން ފާހަގަކުރައްވައި، މާލީ އިސްލާހީ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ ހޯމަ ދުވަހު އިއްވެވި ރިޔާސީ ބަޔާނުގައި ވެސް ވަނީ ވިދާޅުވެފައެވެ.

އެ މަނިކުފާނު ވިދާޅުވީ، ކުރީ ސަރުކާރުން ވާރުތަވި މާލީ ނުތަނަވަސްކަމުން އަރައިގަންނަން މާލީ އިސްލާހީ ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށެވެ.

comment ކޮމެންޓް