ވިކްޓަރީ އާއި ކުޑަހެންވޭރު މެޗުގައި ބޮޑު ހަމަނުޖެހުމެއް

ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގައި ވިކްޓަރީން ކުޅުނު މެޗެއްގެ ތެރެއިން -- ފޮޓޯ/ ވިކްޓަރީ

ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގައި ވިކްޓަރީ ސްޕޯޓްސް ކްލަބާއި ކުޑަހެންވޭރު ޔުނައިޓެޑް ބައްދަލުކުރި މެޗުގައި ހަމަނުޖެހުން ބޮޑުވެ، މެޗު ނިންމާލަން ޖެހިއްޖެއެވެ.

ގައުމީ ފުޓުބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު އެ މެޗު ނިމެނިކޮށް ހަމަނުޖެހުން ހިނގާފައިވަނީ މެޗުގެ ތެރެއިން ހިނގި ކަމެއްގެ ސަބަބުންނެވެ. އޭރު ވިކްޓަރީ އޮތީ 3-1ގެ ނަތީޖާއަކުން ކުރީގައެވެ.

ހަމަނުޖެހުން ހިނގާފައިވަނީ ވިކްޓަރީގެ ބިދޭސީ ކުޅުންތެރިޔާ އަނަޓޮލީ ވްލަސިޗޭވްއަށް ކުޑަހެންވޭރުގެ މުހައްމަދު ހާޒިމް ރިފްއަތު ކުރި ފައުލަކާ ގުޅިގެންނެވެ. އެ ފައުލާ ގުޅިގެން އެނަޓޮލީ ވަނީ ގަސްތުގައި ހާޒިމްގެ ގައިގައި ޖަހައިފައެވެ. އެ މައްސަލަ ހޫނުވީ އެނަޓޮލީއަށް ރަތް ކާޑު ދެއްކުމުގެ ބަދަލުގައި ރެފްރީ ރީނދޫ ކާޑެއް ދެއްކި ހިސާބުންނެވެ.

އެ ހަމަނުޖެހުމުގައި ކުޑަހެންވޭރުގެ ސަޕޯޓަރުން ވަނީ ދަނޑަށް އަރައި، ވިކްޓަރީގެ ބެންޗު ކައިރިއަށް ގޮސް، އޮފިޝަލުންނާއި ކުޅުންތެރިންނާ ކުރިމަތިލައިފައެވެ. ހަމަނުޖެހުމުގެ ތެރެއިން ވިކްޓަރީގެ ކޯޗު ސޮބާހު މުހައްމަދު (ސޮބާ)އަށް ވެސް ހަމަލާދިން އިރު، ފުލުހުން ވަނީ ހަމަނުޖެހުން ކޮންޓްރޯލުކުރުމަށް މަސައްކަތްކޮށްފައެވެ.

އެ ހަމަނުޖެހުމާއެކު މެޗުގެ ކުޅުން މެދުކަނޑާލިއިރު، އޮފިޝަލުން ވަނީ މެޗާ މެދު ގޮތެއް ނިންމުމަށް ވާހަކަދައްކައިފައެވެ. ނަމަވެސް ގިނަ ވަގުތުތަކަކަށް މެޗު މެދުކަނޑާލާފައި އޮތުމަށްފަހު، ރެފްރީ ނިންމީ މެޗުގެ ކުޅުން އިތުރަށް ކުރިއަށް ނުގެންދިއުމަށެވެ.

އެކަމާ ގުޅޭގޮތުން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އިން މިއަދު ބުނީ މުބާރާތާ ބެހޭ އެމަޖެންސީ ކޮމިޓީ ބައްދަލުވުމަށްފަހު މެޗާ ދޭތެރޭ ގޮތެއް ނިންމާނެ ކަމަށާއި އެ ނިންމުން ހިއްސާކުރާނެ ކަމަށެވެ.

comment ކޮމެންޓް