ފޮރެސްޓުން ޔުނައިޓެޑް ބަލިކޮށް 3 ވަނައިގައި

އިންގްލިޝް ޕްރިމިއާ ލީގުގައި ނޮޓިންހަމް ފޮރެސްޓް އާއި މެންޗެސްޓަ ޔުނައިޓެޑް ބައްދަލުކުރި މެޗު ފޮރެސްޓުން ކާމިޔާބުކޮށް ތާވަލްގެ ތިންވަނައިގާ ފައިހަމަކޮށްފިއެވެ.

ފޮރެސްޓްގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައިވަނީ އެއް ލަނޑު ސުން ލަނޑުންނެވެ. ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ޔުނައިޓެޑުންނެވެ.

ނަމަވެސް މި މެޗުގައި މޮޅަށް ކުޅުމާއެކު ވެސް ވަރަށް ގަދަޔަށް ޑިފެންޑް ކުރި ފޮރެސްޓްގެ ޑިފެންސް ފޫއަޅުވާލެވޭގޮތެއް ނުވިއެވެ.

ފޮރެސްޓުން ގަދަޔަށް ޑިފެންޑް ކުރިއިރު އެޓީމުގެ ކައުންޓާ އެޓޭކްތައް ހުއްޓުވުން ވެސް ވެގެންދިޔައީ ޔުނައިޓެޑަށް އުނދަގޫ ކަމަކަށެވެ.

ނަތީޖާއަކަށް ވެގެންދިޔައީ މެޗުގެ ފަސްވަނަ މިނެޓުގައި ޔުނައިޓެޑަށް ލިބިގެންދިޔަ ކޯނަރެއްގައި ފޮރެސްޓުން އުފެއްދި ކައުންޓާ އެޓޭކެއްގައި އެ ޓީމުން މެޗުގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށް މެޗުގެ ލީޑު ނެގުނެވެ.

ފޮރެސްޓްގެ ޕެނަލްޓީ އޭރިއާ ބޭރުން ލިބިގެންދިޔަ ބޯޅަ އެންތަނީ އެލާންގާ ހިފައިގެންދިޔަ ގޮތަށް އޭނާ ހުއްޓުނީ ޔުނައިޓެޑްގެ ގޯލަށް އެބޯޅަ ވައްދާލައިގެންނެވެ.

އުމުުރުން 12 އަހަރުގައި ޔުނައިޓެޑާއި ގުޅުނު އެލާންގާ ފޮރެސްޓަށް ބަދަލުވެފައިވަނީ ގަވައިދުން ކުޅުމުގެ ފުރުސަތު ހޯދުމުގެ މަޤްސަދުގައި 2023 ވަނަ އަހަރު 15 މިލިއަން ޕައުންޑްގެ އަގަކަށެވެ.

މި މެޗުގައި ޔުނައިޓެޑުން ގިނަ ހަމަލާ ތަކެއް އުފެއްދި ނަމަވެސް މިހަމަލާތައްވަނީ ފޮރެސްޓްގެ ޑިފެންސް ލައިނުން ވަރަށް ހުޝިޔާރު ކަމާއެކު ދިފާއުކޮށްފައެވެ. އަދި މެޗު ނިމެން ސިކުންތު ކޮޅަކަށް ވެފައިވަނިކޮށް ހެރީ މެގުއާ ފޮރެސްޓްގެ ގޯލަށް ފޮނުވާލި ހަމަލާ ދިފާއު ކޮށްފައިވަނީ ގޯލް ރޮނގު މަތިން ކަހަލަ ގޮތަކަށެވެ.

ފޮރެސްޓްގެ ސިޓީ ގްރައުންޑް މިސީޒަންގައި ވެފައިވަނީ އެ ޓީމަށް ވަރަށް މުހިންމު ކާމިޔާބީ ތަކެއް ހާސިލް ކުރެވެމުންދާ ދަނޑަކަށެވެ. އަދި މިގޮތުން ވަރުގަދަ ކަމަށް ފާހަގަކުރެވޭ ގިނަ ޓީމު ތަކެއްވަނީ މި ދަނޑުގައި ފޮރެސްޓްގެ އަތް ދަށުވެފައެވެ.

މިކާމިޔާބީއާއެކު ފޮރެސްޓް ތާވަލްގެ ތިންވަނައިގާ އުޅެނީ 57 ޕޮއިންޓާއެކުއެވެ. އަދި ހަތަރު ވަނައިގާ އުޅޭ ޗެލްސީ އާއި ދެމެދުގައި ފަރަގު މިހާރުވަނީ އަށް ޕޮއިންޓަށް ބޮޑު ކޮށްފައެވެ. އަދި މި މެޗުން ބަލިވުމުން ޔުނައިޓެޑް އުޅެނީ 37 ޕޮއިންޓާއެކު ތާވަލްގެ 13 ވަނައިގައެވެ.

މި މުބާރާތުގައި ވުލްވަހެމްޕްޓަން ވޮންޑަރާސް އާއި ވެސްޓް ހޭމް ޔުނައިޓެޑް ބައްދަލުކުރި މެޗު އަމިއްލަ ދަނޑުގައި އެއް ލަނޑު ސުން ލަނޑުން ކާމިޔާބު ކޮށްފައިވަނީ ވުލްވްސްއެވެ.

މި މެޗުގައި ވުލްވްސްއިން ކާމިޔާބު ކުރި ހަމައެކަނި ލަނޑު މެޗުގެ 21 ވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދިނީ ޔޯގެން ސްޓްރޭންޑް ލާސެންއެވެ. މިކާމިޔާބީ އާއެކު ވުލްވްސް މިހާރު އުޅެނީ 29 ޕޮއިންޓާއެކު ތާވަލްގެ 17 ވަނައިގައެވެ.

އަދި މިއާއެކު އެ ޓީމު އަންނަނީ ރެލިގޭޝަނާއި ދުރަށް ޖެހެމުންނެވެ. އަދި މި މެޗުން ބަލިވުމުން ވެސްޓް ހޭމް އުޅެނީ 34 ޕޮއިންޓާއެކު ތާވަލްގެ 16 ވަނައިގައެވެ.

comment ކޮމެންޓް