ރަޝްފަޑްގެ 2 ލަނޑާ އެކު ވިލާ އެފްއޭ ކަޕްގެ ސެމީއަށް

އިނގިރޭސި އެފްއޭ ކަޕްގެ ސެމީ ފައިނަލުގައި ކްރިސްޓަލް ޕެލަސް ބައްދަލުކުރާ ޓީމަކަށް އެސްޓަން ވިލާ ހަމަޖެހިއްޖެއެވެ.

މި މުބާރާތުގެ ސެމީ ފައިނަލްގެ ޖާހައެއް ވިލާއިން ކަށަވަރުކުރީ ކުއާޓާ ފައިނަލްގައި ޕްރެސްޓަން 3-0 އިން ބަލިކޮށްގެންނެވެ.

ޕްރެސްޓަންގެ ދަނޑުގައި ކުޅުނު މި މެޗުގައި މޮޅަށް ކުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ވިލާއިންނެވެ. ނަމަވެސް، މިއާއެކު ވެސް ޕްރެސްޓަންއިން ވަނީ ވިލާ ކައިރީ ހިތްވަރު ގަދަ ކުޅުމެއް ދައްކާފައެެވެ. މެޗުގެ ގަޑިއެއްހާއިރު ވިލާއަށް ލަނޑެއް ޖެހުނަނުދީ އެ ޓީމުން ހިފަހައްޓާލިއެވެ.

ވިލާއިން ކާމިޔާބުކުރި ފުރަތަމަ ލަނޑު ޖަހައި، ލީޑު ނަގާފައިވަނީ 58 ވަނަ މިނެޓުގައެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ ލޯން އެއްބަސްވުމެއްގެ ދަށުން އެ ޓީމަށް މިހާރު ކުޅެމުން އަންނަ މާކަސް ރަޝްފަޑްއެވެ. މިއީ އޭނާ މި އަހަރުގެ ފެބްރުއަރީ މަހުގެ ޓްރާންސްފާ މާކެޓްގައި ވިލާއަށް ބަދަލުވި ފަހުން އެ ޓީމަށް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ. ވިލާގެ ދެވަނަ ލަނޑު ވެސް 63 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ރަޝްފަޑެވެ. ވިލާގެ ފަހު ލަނޑު 71 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޖޭކޮބް ރަމްސީއެވެ.

މި ކާމިޔާބީއާ އެކު ވިލާއަށް ސެމީ ފައިނަލްގެ ޖާގައެއް ކަށަވަރުކޮށްފައިވާއިރު ގާތްގަނޑަކަށް 70 އަހަރުގެ އިންތިޒާރަކަށް ފަހު މި މުބާރާތުގެ ތަށި ކާމިޔާބުކުރުމަށް ވިލާއިން ކުރާ އުންމީދު މިވަނީ ދަމަހައްޓާފައެވެ. މުބާރާތުގެ ސެމީފައިނަލްގައި ވިލާ ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ ޕެލަސްއާއެވެ. މުބާރާތުގެ ސެމީ ފައިނަލްގެ ދެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ އެޕްރީލް މަހުގެ 26 ވަނަ ދުވަހެވެ.

comment ކޮމެންޓް