ފުލެޓުތައް ވީ އެންމެ އަވަހަކަށް ދޫކުރަން ގޮވާލައި މައްސަލައެއް

މެންބަރު އީވާ އަބްދުﷲ: އޭނާ ވަނީ ފުލެޓުތައް އަވަހަށް ދޫކުރަން ގޮވާލައި މައްސަލައެއް ހުށަހަޅާފައި -- ފޮޓޯ/ މަޖިލިސް

މިދިޔަ ސަރުކާރުން ހުޅުމާލޭގައި އިމާރާތްކުރަން ފެށި 4،000 ފުލެޓު ލިބުނު ކަމަށް އިއުލާނުކުރި ދާއިމީ ލިސްޓުގައި ޝަރުތުހަމަވާ މީހުންގެ ތެރެއިން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް އެއްވެސް މައްސަލައެއް ފާހަގަނުކުރެވޭ މީހުންގެ ފުލެޓުތައް ވީ އެންމެ އަވަހަކަށް ދޫކުރަން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް މިއަދު ހުށަހަޅައިފިއެވެ.

މިދިޔަ ސަރުކާރުގައި އާންމުކުރި ފުލެޓު ލިބޭ މީހުންގެ ދާއިމީ ލިސްޓަށް ގިނަ ޝަކުވާތަކެއް ހުށަހެޅުނެވެ. އެ މައްސަލަ ބެލުމަށް ފަހު އޭސީސީން ބުނީ، ފުލެޓު ލިބުނު މީހުންގެ ތެރެއިން 60 އިންސައްތަ މީހުންގެ ޝަރުތުހަމަނުވާ ކަމަށެވެ.

އޭސީސީގެ ތަހުގީގަށް ފުލެޓު ދޫކުރުން ހުއްޓުވާފައި އޮތުމުން ގިނަ ދުވަސްތަކެއް ވަންދެން ފުލެޓުތައް ދޫނުކުރެވި އޮތެވެ. އެކަމަކު، އޭސީސީން މިހާރު ވަނީ ފުލެޓުތަކުގެ ހައްގުވެރިންނަށް ފުލެޓު ދޫކުރުމުގެ ހުއްދަ ދީފައެވެ.

މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ މިއަދު ހުށަހެޅުއްވި މައްސަލައިގައި ވަނީ މާލޭ ސަރަހައްދުން ފުލެޓު ލިބުނު މީހުންނަށް ވީހާ ވެސް އަވަހަށް އެ ފުލެޓުތައް ދޫކުރަން ސަރުކާރަށް ގޮވާލައިފައެވެ.

https://sun.mv/188326

އެ މައްސަލަ ހުށަހަޅުއްވަމުން އީވާ ވިދާޅުވީ، ބޯހިޔާވަހިކަމުގެ މައްސަލައަކީ އަދިވެސް ހައްލުނުވެ އޮތް މުހިއްމު މައްސަލައެއް ކަމަށްވާއިރު، ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ގެދޮރުވެރިޔާ ސްކީމްގެ ދަށުން 4،000 ފުލެޓު ލިބިފައިވާ ކަމަށް އާންމުކުރި ދާއިމީ ލިސްޓު ނެރުން ވެގެން ދިޔައީ އެތައް ހާސް އާއިލާއަކަށް ރީތި ސާދާ ފޮނި ދިރިއުޅުމެއް އުޅެވޭނެ ކަމުގެ އުންމީދަކަށް ކަމަށެވެ.

އެކަމަކު، އެކިއެކި ސަބަބުތަކަށްޓަކައި އެ ފުލެޓުތައް އޭގެ ހައްގުވެރިންނަށް ދޫނުކުރެވި ދިގުލައިގެން ދިއުމުގެ ސަބަބުން އެ މީހުންނަށް ނުހަނު ގެއްލުންވެފައިވާ ކަމަށް އެ މައްސަލައިގައި ވަނީ ބުނެފައެވެ.

"އާއިލާގެ ހުރިހާ މެންބަރުންނާ އެކު ކުދިކުދި ތަންތަނުގައި ދިރިއުޅެންޖެހިފައިވާ އެތަކެއް އާއިލާތަކެއް އެބަތިބި،" މައްސަލަ ހުށަހަޅުއްވަމުން އިދިކޮޅު ދަ ޑިމޮކްރެޓްސްއަށް ނިސްބަތްވާ އީވާ ވިދާޅުވިއެވެ.

މި މައްސަލައިގައި ފުލެޓުތައް ދީފައިވާ ގޮތާ މެދު ގިނަ ޝަކުވާތަކެއް ހުށަހެޅި އޭސީސީން އެ ކަމުގެ ތަހުގީގެއް ހިންގާފައިވާއިރު، ފުލެޓު ލިބުމުގެ ޝަރުތުހަމަވާ، އެއްވެސް މައްސަލައެއް ނެތް ހައްގުވެރިންނަށް ލަސްކުރުމަކައިނުލާ ފުލެޓުތައް ދޫކުރަން އީވާ ވަނީ ސަރުކާރަށް ގޮވާލައިފައެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އާ ހަވާލުކޮށްގެން ހުޅުމާލޭގައި މިދިޔަ ސަރުކާރުން ތަރައްގީކުރަން ފެށި 4،000 ފުލެޓަށް ޝަރުތުހަމާ މީހުންގެ ދާއިމީ ލިސްޓު އާންމުކުރުމާ އެކު އާންމުންގެ ގިނަ ޝަކުވާތަކެއް ފެންމަތިވިއެވެ.

އޭސީސީން ބުނީ، ފުލެޓު ލިބުނު މީހުންގެ ތެރޭގައި ދޮގު މައުލޫމާތު ދީގެން ފުލެޓަށް ޝަރުތު ހަމަވީ މީހުން ވެސް ހިމެނޭ ކަމަށެވެ. އެ މައްސަލައިގައި ދެން އަމަލުކުރާނެ ގޮތެއް ނިންމާނީ މިނިސްޓްރީން ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.

comment ކޮމެންޓް