ގެދޮރުވެރިޔާ ސްކީމްގެ ދަށުން މިދިޔަ ސަރުކާރުން ދޫކުރި 4،000 ފުލެޓު ލިބުނު މީހުންގެ ތެރެއިން 59.6 އިންސައްތަ މީހުންގެ ޝަރުތު ހަމަނުވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން މިއަދު ބުނެފިއެވެ.
އޭސީސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނީ، 4،000 ފުލެޓަށް ކުރިމަތިލީ މީހުންނަށް ޕޮއިންޓު ދިނުމުގައި އެއް ހަމައަކުން އަމަލުކޮށްފައިނުވާ ކަމަށެވެ. އަދި، ބައެއް އެޕްލިކެންޓުންނަށް އިތުރަށް ޕޮއިންޓު ދީފައިވާ ކަމަށާއި ބައެއް މީހުން ދީފައިވާ މައުލޫމާތު ވެސް ފުށުއަރައި ކަމަށް އޭސީސީން ބުންޏެވެ.
އެހެންވެ، ގިނަ ބައެއްގެ ހައްގު ގެއްލުމުގެ އިހުތިމާލު އޮތް ކަމަށް ތަހުގީގުގައި ވަނީ ނިންމައިފައެވެ.
އެ ކޮމިޝަނުގެ ތަހުގީގު ޓީމުން ބުނީ، ފުލެޓު ލިސްޓުގައި ޝަރުތު ފުރިހަމަވެ، އެއްވެސް މައްސަލައެއް ފާހަގަކުރެވިފައިނުވަނީ އެންމެ 20.7 އިންސައްތަ ފޯމުން ކަމަށެވެ. އަދި، ޝަރުތު ފުރިހަމަވި ނަމަވެސް މައުލޫމާތު ފުރިހަމަނުވާ ފޯމުތަކުގެ ނިސްބަތް 19.7 އިންސައްތައަށް އަރައި ކަމަށް އޭސީސީން ބުންޏެވެ.
އޭސީސީގެ ތަހުގީގުގައި ޖުމުލަ 4،048 ފޯމު ބަލާފައިވާ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.
އެގޮތުން، ފުލެޓަށް ޝަރުތުހަމަވާ ކަމަށް ކަނޑައަޅާފައިވާ އެޕްލިކެންޓުންގެ ތެރޭގައި މާލޭގައި މެދުނުކެނޑި ދިރިއުޅޭތާ 15 އަހަރުވީކަން ސާބިތުކުރަން ސައްހަ ނޫން ލިޔެކިޔުން ހުށަހެޅި މީހުން ވެސް ހިމެނޭކަން އެ ކޮމިޝަނުން ފާހަގަކުރިއެވެ. އަދި، ޕޯޓަލް މެދުވެރިކޮށް ދީފައިވާ މައުލޫމާތުގެ ސައްހަކަން ކަށަވަރު ކުރުމަކައިނުލާ ވެސް ބައެއް މީހުންނަށް ފުލެޓު ލިބޭ ކަމަށް ކަނޑައަޅާފައިވާ ކަމަށް އޭސީސީން ބުންޏެވެ.
އޭސީސީގެ ތަހުގީގު ޓީމުގައި ހިމެނިވަޑައިގަންނަވާ އޮފިޝަލް ވިދާޅުވީ، މާލޭގައި ވަޒީފާ އަދާކުރާކަން ސާބިތުކުރަން ކުންފުނި އުފެއްދި ތާރީޚަށް ވުރެ ކުރީގައި އެ ކުންފުނީގައި ވަޒީފާ އަދާކުރަމުންދާ ކަމަށް ބުނެ ވެސް ލިޔެކިޔުން ހުށަހަޅާފައި އޮތް ކަމަށެވެ.
މީގެ އިތުރުން، ޕޮއިންޓު ދިނުމުގައި ހުރި މައްސަލަތަކުގެ ތެރޭގައި ހާއްސަ އެހީއަށް ބޭނުންވާ މީހަކު ބަލަމުން އަންނަ މީހެއް ކަމަށް ފޯމުގައި ނެތް ބައެއް މީހުންނަށް ވެސް އެ ބަޔަށް ޕޮއިންޓު ދީފައި ހުރި ކަމަށެވެ.
ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ން ހުޅުމާލޭގައި އިމާރާތްކުރާ ފުލެޓުތަކުގެ ލިސްޓު އާންމު ކުރުމުން ގިނަ ބަޔަކު ޝަކުވާ ހުށަހެޅިއެވެ. އެގޮތުން، އެ މައްސަލައިގައި އޭސީސީއަށް 325 ޝަކުވާއެއް ވަނީ ހުށަހަޅައިފައެވެ.
ފުލެޓުތައް ދޫކުރުމުގައި މައްސަލަ އުޅޭ ކަމަށް ބުނެ، އޭސީސީން ފެށި ޖިނާއީ ތަހުގީގާ ގުޅިގެން ގިނަ ދުވަސްތަކެއް ވަންދެން ފުލެޓު ދޫކުރުން މަޑު ޖެހިފައި އޮތުމަށް ފަހު މިދިޔަ ހަފުތާގައި އޭސީސީން ވަނީ ބައެއް ކަންތަކަކަށް ރިއާޔަތްކުރުމަށް ފަހު ފުލެޓު ދޫކުރުމުގެ މަސައްކަތް ކުރިއަށް ގެންދަން ހުއްދަ ދީފައެވެ.