ތޮއްޔިބަށް ސްޓެލްކޯއިން ވަޒީފާއެއް

ތޮއްޔިބު ޝަހީމް: އޭނާ ވަނީ ސްޓެލްކޯގެ ވަޒީފާއަކަށް ހޮވިފައި ---

އެމްޑީޕީގެ އިސް އެކްޓިވިސްޓެއް ކަމަށްވާ ތޮއްޔިބު ޝަހީމަށް، ސަރުކާރު ކުންފުނި ސްޓެލްކޯގެ ވަޒީފާއެއް ލިބިއްޖެއެވެ.

ތޮއްޔިބު ޝަހީމަކީ އިދިކޮޅު އެމްޑީޕީގެ ސޯޝަލް މީޑިއާ އެކްޓިވިސްޓެކެވެ. އަދި، ޕީޕީއެމްގެ ފުރަތަމަ ސަރުކާރުގައި ސަރުކާރާ ދެކޮޅު ގިނަ ލިޔުންތަކެއް ވެސް އޭނާ އާންމުކުރަމުން ގެންދިޔައެވެ.

ސްޓެލްކޯގެ މީޑިއާ އޮފިޝަލް މިއަދު ވަނީ، ތޮއްޔިބަށް ސްޓެލްކޯއިން ވަޒީފާއެއް ލިބުނުކަން 'ސަން'އަށް ކަށަވަރުކޮށްދެއްވައިފައެވެ.

އޭނާ ވިދާޅުވީ، ތޮއްޔިބަށް ވަޒީފާ ލިބުނީ އާންމުކޮށް ގެޒެޓުކުރި ވަޒީފާއަކަށް ކުރިމަތިލައިގެން ކަމަށެވެ. އޭނާއަށް ސްޓެލްކޯއިން ލިބުނީ 'ސާވިސް ސްޕަވައިޒަރުގެ' މަގާމެވެ.

"ހަމަ އާންމުކޮށް ކުރިމަތިލައިގެން ވަޒީފާއަށް ހޮވުނީ،" މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

މީގެ ކުރިން ޓީވީއެމްގައި މަސައްކަތްކުރެއްވި ތޮއްޔިބަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ވެއްޓުމަށްފަހު ސޯޝަލް މީޑިއާ އެކްޓިވިސްޓެއްގެ ގޮތުގައި ހަރަކާތްތެރިވަމުން އައި މީހެކެވެ. އަދި، ޕީޕީއެމްގެ ފުރަތަމަ ސަރުކާރުގައި އޭރުގެ ސަރުކާރުތަކުގެ އިދާރާތަކުން "ލީކުވާ މައުލޫމާތު"ތައް ޓުވިޓާގައި ހާމަކުރުމުގެ ތެރެއިން ގިނަ ބައެއްގެ ސަމާލުކަން ހޯދި އެކްޓިވިސްޓެކެވެ.

ކުރީގެ ސަރުކާރުތަކަށް ވަރަށް ބޮޑަށް ފާޑުކިޔަމުން ދިޔަ ތޮއްޔިބު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި 2017 ވަނަ އަހަރުގެ މާޗް މަހު ހައްޔަރުކުރިއެވެ. ނަމަވެސް އެ އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައި ހައިކޯޓުން އަމުރުކޮށްގެން އޭނާ ދޫކޮށްލުމުން އޭނާ ވަނީ ސްރީލަންކާއަށް ދިރިއުޅުން ބަދަލުކޮށްފައެވެ.

އެނބުރި ރާއްޖެ އައީ އެމްޑީޕީން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމުންނެވެ.

އެމްޑީޕީގެ ދެވަނަ ސަރުކާރުގައި އޭނާ ހުރީ ޓޫރިޒަމް މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރުކަމުގެ މަގާމުގައެވެ.

comment ކޮމެންޓް