ކޭޕާކު ފުލެޓުތައް އޮޅުވާލައިގެން ގިނަ އަދަދެއްގެ މީހުންނަށް ވިއްކި ކަމުގެ ތުހުމަތު ކުރެވޭ ހަސަން މަމްދޫހު (މަންޑޭ)ގެ އަގުބޮޑު މުދާތައް ހިފަހައްޓަން ހުޅުމާލޭ ކޯޓުން ނެރުނު އަމުރު ބާތިލުނުކުރެވޭނެ ކަމަށް ހައިކޯޓުން މިއަދު ހުކުމްކޮށްފިއެވެ.
އޮޅުވާލައިގެން ކޭޕާކު ފުލެޓުތައް ގިނަ ބަޔަކަށް ވިއްކާ، އެ ފައިސާ އަތުލިކަމުގެ ތުހުމަތުގައި ފުލުހުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ވަނީ މަންޑޭ ދިރިއުޅެމުން ދިޔަ ޕެންޓް ހައުސްއާއި އަގު ބޮޑު ސާމާނުތައް ކޯޓު އަމުރެއްގެ ދަށުން ހިފަހައްޓައިފައެވެ.
މަންޑޭ ވަނީ އެ މުދާތައް ހޯދަން ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެ.
އެ މައްސަލައިގައި މިއަދު ހައިކޯޓުން ކުރި ހުކުމުގައި ބުނީ، މަނީ ލޯންޑްރިންގެ ގާނޫނުގެ ދަށުން އެފަދަ މައްސަލަތަކުގައި އެކަށިގެންވާ ސަބަބުގެ މައްޗަށް ބިނާކޮށް މުދާ ހިފެހެއްޓުމުގެ ބާރު އޮންނަ ކަމަށެވެ.
މީގެ އިތުރުން، އެފަދަ އަމުރުތައް މުރާޖާ ކުރަން ދަށު ކޯޓު މަރުހަލާގައި އެދެވެން އޮންނަކަން ފާހަގަކޮށް ހައިކޯޓުގެ ހުކުމުގައި ބުނީ، މަންޑޭގެ ފަރާތުން ހުޅުމާލޭ ކޯޓުން ނެރުނު އަމުރު މުރާޖާކޮށްދޭން އެދިފައިނުވާ ކަމަށެވެ.
އެހެންވެ، މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ވަނީ މި ވަގުތު އެ އަމުރު ބާތިލުކޮށްދެވެން ނެތް ކަމަށް ހުކުމްކޮށްފައެވެ.
ކޭޕާކް މައްސަލައިގައި މަންޑޭގެ މައްޗަށް 100 އަށްވުރެ ގިނަ ދައުވާ ވަނީ އުފުލައިފައެވެ. އެއީ، ޚިޔާނާތްވި ކޮންމެ މީހަކަށް ވަކިވަކިން ދައުވާއެއް ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މީގެ ކުރިން ވަނީ ބުނެފައެވެ.
ކޭޕާކުގެ ފްލެޓްތައް އޮޅުވާލައިގެން ވިއްކާ ފައިސާ ނެގި މައްސަލަ ހަންބޯ ކުންފުންޏާއި އާބަންކޯއިން ވަނީ ފުލުސް އޮފީހަށް ހުށަހަޅައިފައެވެ. އަދި, ކޭޕާކު ރެސިޑެންސްގެ އެޕާޓްމެންޓްތައް ހަންބޯ ކުންފުނީގެ ނަމުގައި ހަދާފައިވާ ފޯޖު ލިޔެކިޔުންތަކެއް ބޭނުންކޮށްގެން، މަކަރާއި ހީލަތުން އެކި ފަރާތްތަކަށް ވިއްކައި ލިބުނު ފައިސާއަށް ޚިޔާނަތްތެރިވި ކަމަށް ތުހުމަތުކުރާ މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
އެ މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން ހިފަހައްޓާފައި ހުރި މަންޑޭގެ ޕެންޓު ހައުސްގައި ހުރި ތަކެތީގެ ވަރަށް ތަފުސީލީ މައުލޫމާތު ޕީޖީ ހުސައިން ޝަމީމް ވަނީ ނޫސްވެރިންނަށް އަރުވައިފައެވެ.
ތަހުގީގުގެ ތެރެއިން އެ ޕެންތުހައުސްގެ އަގު އޭރު ބެލި އިރު އަގު ހުރީ 7.8 މިލިއަން ރުފިޔާގައި ކަމަށާއި އެ ތަނުގައި ހުރި މުދާ ބަލައި ފާސްކުރިއިރު ގާތްގަނޑަކަށް ހަތް މިލިއަން ރުފިޔާގެ މުދާ ފެނުނު ކަމަށް އޭނާ ވިދާޅުވިއެވެ.
ހަންބޯ ކުންފުނިން މީގެ ކުރިން ބުނެފައިވާ ގޮތުގައި އެ ކުންފުނީގެ ބޭންކް އެކައުންޓް ހުޅުވާފައިވަނީ ސްޓޭޓް ބޭންކް އޮފް އިންޑިއާގައި ނަމަވެސް ކުންފުނީގެ އެމްޑީގެ ސޮއި ފޯޖުކޮށް، ބީއެމްއެލްގައި ހުޅުވާފައިވާ ރުފިޔާ އަދި ޑޮލަރު އެކައުންޓެއް މެދުވެރިކޮށް ބައެއް ކަސްޓަމަރުންގެ އަތުން މަމްދޫހް ފައިސާ ހޯދާފައިވެއެވެ.
އެ އެކައުންޓަށް ގިނަ އަދަދެއްގެ ރައްޔިތުން ޖަމާކުރި ފައިސާ ވެސް އެ އެކައުންޓުން މަމްދޫހު ނަގާފައިވާ ކަމަށް ހަންބޯއިން ތުހުމަތުކުރެއެވެ.
އެ ތުހުމަތުތައް ދޮގުކޮށް، މަންޑޭ މީގެ ކުރިން ބުނެފައިވަނީ ކޭޕާކް ޕްރޮޖެކްޓް މައްސަލައިގައި ރާއްޖޭގެ ލޯކަލް އެޖެންޓުގެ ހިއްސާދާރުންގެ މެދުގައި މައްސަލަޖެހިފައިވާ ކަމަށް ބުނާ ވާހަކައަކީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ. މަންޑޭ ވަނީ މިހާރު އުފެދިފައިވާ މައްސަލައާ ގުޅިގެން ކޭޕާކް އެޕާޓްމަންޓް ގަނެފައިވާ ފަރާތްތަކަށާއި ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް އޭނާގެ އެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަން ދީފައެވެ.