އެންމެން 'ދަވާލާފައި' މަންޑޭ އުޅުނީ ޖަވާހިރުގެ ދާނެއްގައި!

ހަސަން މަމްދޫހާއި އޭނާގެ ގެއިން ފެނުނު ތަކެތި: މަމްދޫހު ފޮޓޯ: އަވަސް

މާލޭގައި ތޮށްޖެހި ބާރުވެގެން ބިކަވެ ނިކަމެތިކަމުގައި އުޅެނިކޮށް ހުޅުމާލޭގެ ހަމަހިމޭން ޖަށްވުން މާ ރީތި އެޕާޓުމެންޓުތަކެއްގެ ހުވަފެން ދައްކާފައި އެ ފައިސާ "ދަވާލައިގެން" ހަސަން މަމްދޫހް (މަންޑޭ) އުޅެމުން ދިޔައީ ޖަވާހިރުގެ ދާނެއްގައެވެ. މި ފަހުން ފުލުހުން އަތުލައިގެން އޭނާގެ އަގުބޮޑު އެޕާޓްމެންޓު ޖަރީކޮށްފައިވަނީ ހަތް މިލިއަނެއްހާ ރުފިޔާގެ އަގު ބޮޑު މުދަލާއި ޖަވާހިރުންނެވެ.

ނިކަމެތި ބަޔަކަށް މަންޑޭ ދެއްކީ ހުޅުމާލޭގައި ހަދަން ފަށާފައި ހުރި ކޭޕާކް ރެސިޑެންސްގެ ފުލެޓުތަކެވެ. އެއް ފުލެޓެއް އެތައް ސަތޭކަ ބަޔަކަށް ވިއްކިކަން ވަނީ ފަޅާއަރައިފައެވެ. އެ ފައިސާތައް ދަވާލިކަމުގެ ތުހުމަތުވާ މީހަކީ މަންޑޭއެވެ.

ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް މިއަދު ވަނީ މަންޑޭގެ ޗާލާކީ ދިރިއުޅުން ނޫސްވެރިންނަށް ދައްކާލައިފައެވެ. އެންމެން 'ދަވާލައިގެން' ހޯދި ފައިސާން އޭނާ އުޅެމުން ދިޔަ އަގު ބޮޑު ދިރިއުޅުމުގެ 'ކޯރެއްގެ ކޯވަރެއް' ފަޅާ އަރުވާލައިފައެވެ.

މަންޑޭ ޕެންޓްހައުސްއިން ފެނުނު ފައިސާތަކެއް: އެ ގޭގެ އަގު 7.8 މިލިއަން ރުފިޔާގެ އަރާއިރު އެގޭގައި ހުރި މުދަލުގެ އަގު ހަތް މިލިއަން ރުފިޔާއަށް އަރާ -- ފޮޓޯ/ ފުލުހުން

މަންޑޭގެ އެޕާޓުމެންޓުގެ އަގު އެކަނި ވެސް ގާތްގަނޑަކަށް އަށް މިލިއަނަށް އަރައެވެ. އެ ތަނުގައި ޖަމާކޮށްފައި ހުރި އަގުބޮޑު ގަހަނާއާއި ޖަވާހިރާއި މުދަލުގެ އަގު ވެސް ހަތް މިލިއަނަށް ވުރެ ބޮޑު ވާނެ ކަމަށް ޝަމީމް މިއަދު ވިދާޅުވިއެވެ.

މިލިއަނުގެ ސެންޓު ޖަހައިގެން މަންޑޭ އުޅުނު ޗާލާކީ ދިރިއުޅުން

ފައިސާގެ ކުށްތައް ހިނގާފައި ހުންނަ ގޮތް ދެނެގަންނަން ވަގުތު ކޮޅެއް ނެގިޔަސް އެ މައްސަލަތަކުގެ އެންމެ ފުނަށް ފީނޭނެކަމާ މެދު ޝަމީމަށް ޝައްކެއް ނެތެވެ.

ކޯޓު އަމުރެއްގެ ދަށުން ފުލުހުން މަންޑޭގެ އެޕާޓްމެންޓެއް ހިފެހެއްޓީ ޕީޖީގެ އެދުމަށެވެ. އެ ތަން ބަލައި ފާސްކުރިއިރު، ހުސް އެކަނި ސެންޓު ވެސް ކަނޑަކަނޑާފައި 200 އަށް ވުރެ ގިނަ ފުޅި ހުއްޓެވެ. އެއީއަކީ އަދި އާދައިގެ ސެންޓެއް ވެސް ނޫނެވެ. ކޮންމެ ފުޅިއެއްގެ އަގު އެކަނި ވެސް އުޅެނީ ލައްކައަކުން މަތީގައެވެ.

"ގާތްގަނޑަކަށް 90،000 ރުފިޔާގެ ދަބަސް، 40،000 ރުފިޔާ 50،000 ރުފިޔާގެ އަތް ދަބަސް، ދެން އަނެއްކަހަލަ ގަހަނާ ތަފާތު ވައްތަރުގެ ގަހަނާ 10،000 ޑޮލަރު 25،000 ޑޮލަރު ގަހަނާ އެބަހުރި ޖުމްލަ މި ހުރިހާ އެއްޗެއްގެ އަގު ހަތް މިލިއަން ރުފިޔާއަށް އެބައަރާ،" ޝަމީމް ވިދާޅުވިއެވެ.

މަންޑޭގެ އަގުބޮޑު ގޭގައި ގަނެ ރައްކާ ކޮށްފައި ހުރި އަތްދަބަހެއްގެ އަގު ވެސް 50،000 ރުފިޔާއަށް އަރައެވެ. އެއީ، މަންޑޭ އުޅެމުން އަންނަ ޗާލާކީ ދިރިއުޅުމެވެ.

މަންޑޭ ޕެންޓްހައުސްއިން ފެނުނު ދަބަސްތަކެއް: އެތައް ހާސް ޑޮލަރުގެ އަގުބޮޑު ދަބަސް އެގެއިން ފެނިފައިވޭ -- ފޮޓޯ/ ފުލުހުން

މަންޑޭގެ އަންހެނުންގެ ގަހަނާ ފޮށިން 12،950 ޑޮލަރު (200،000 ރުފިޔާ) ގެ އަގު ހުރި ރޮލެކްސް ގަޑިއެއް ވެސް ފެނިފައިވެއެވެ. އަދި، 766 ޑޮލަރު (12،000 ރުފިޔާ)ގެ އަގުހުރި ޝެނަލް ބްރޭންޑުގެ، ކަންފަތުލާ ލޯގޯއެއް ފެނިފައިވެއެވެ.

"އެހެން ގޮތަކަށް ދަންނަވާ ނަމަ، އެ ތަނުގައި ހުރި މުދަލުގެ އަގު ދައުލަތުގެ ބައެއް އިދާރާތަކުގެ އެއް އަހަރުގެ ބަޖެޓަށް ވުރެ ބޮޑު،" ޝަމީމް ވިދާޅުވިއެވެ.

މައްސަލަ ހިނގި ގޮތް

ކޭޕާކުގެ ފްލެޓްތައް އޮޅުވާލައިގެން ވިއްކާ ފައިސާ ނެގި މައްސަލަ ހަންބޯ ކުންފުންޏާއި އާބަންކޯއިން ވަނީ ފުލުސް އޮފީހަށް ހުށަހަޅައިފައެވެ. އަދި, ކޭޕާކު ރެސިޑެންސްގެ އެޕާޓްމެންޓްތައް ހަންބޯ ކުންފުނީގެ ނަމުގައި ހަދާފައިވާ ފޯޖު ލިޔެކިޔުންތަކެއް ބޭނުންކޮށްގެން، މަކަރާއި ހީލަތުން އެކި ފަރާތްތަކަށް ވިއްކައި ލިބުނު ފައިސާއަށް ޚިޔާނަތްތެރިވި ކަމަށް ތުހުމަތުކުރާ މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

އެ މައްސަލައިގައި މަންޑޭ ހައްޔަރު ވެސް ކުރިއެވެ. އެކަމަކު، މިހާރު އޭނާ ދޫކޮށްލާފައި އެ ހުރީ ޕާސްޕޯޓު ހިފެހެއްޓުމަށް ފަހުއެވެ. މަންޑޭގެ އިތުރުން ވެސް އިތުރު ދިވެއްސަކާއި ބިދޭސީއެއްގެ ޕާސްޕޯޓު ވެސް ވަނީ ހިފަހައްޓައިފައެވެ.

މައިނޯރިޓީ ހިއްސާ އޮންނަ ހަސަން މަމްދޫހް (މަންޑޭ) ---

ހަންބޯ ކުންފުނިން މީގެ ކުރިން ބުނެފައިވާ ގޮތުގައި އެ ކުންފުނީގެ ބޭންކް އެކައުންޓް ހުޅުވާފައިވަނީ ސްޓޭޓް ބޭންކް އޮފް އިންޑިއާގައި ނަމަވެސް ކުންފުނީގެ އެމްޑީގެ ސޮއި ފޯޖުކޮށް، ބީއެމްއެލްގައި ހުޅުވާފައިވާ ރުފިޔާ އަދި ޑޮލަރު އެކައުންޓެއް މެދުވެރިކޮށް ބައެއް ކަސްޓަމަރުންގެ އަތުން މަމްދޫހް ފައިސާ ހޯދާފައިވެއެވެ.

އެ އެކައުންޓަށް ގިނަ އަދަދެއްގެ ރައްޔިތުން ޖަމާކުރި ފައިސާ ވެސް އެ އެކައުންޓުން މަމްދޫހު ނަގާފައިވާ ކަމަށް ހަންބޯއިން ތުހުމަތުކުރެއެވެ.

އެ ތުހުމަތުތައް ދޮގުކޮށް، މަންޑޭ މީގެ ކުރިން ބުނެފައިވަނީ ކޭޕާކް ޕްރޮޖެކްޓް މައްސަލައިގައި ރާއްޖޭގެ ލޯކަލް އެޖެންޓުގެ ހިއްސާދާރުންގެ މެދުގައި މައްސަލަޖެހިފައިވާ ކަމަށް ބުނާ ވާހަކައަކީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ. މަންޑޭ ވަނީ މިހާރު އުފެދިފައިވާ މައްސަލައާ ގުޅިގެން ކޭޕާކް އެޕާޓްމަންޓް ގަނެފައިވާ ފަރާތްތަކަށާއި ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް އޭނާގެ އެއްބާރުލުން ލިބޭނެ ކަމުގެ ޔަގީންކަން ދީފައެވެ.

comment ކޮމެންޓް