ޝަމީމަށް ދިން ހަމަލާގެ ތަހުގީގު އަވަސްކުރަން ހުރިހާ ވަސީލަތެއް ބޭނުންކުރުން މުހިންމު: ޕީޕީއެމް/ޕީއެންސީ

ރައީސް ޑރ. މުޙައްމަދު މުއިއްޒާއި އެމަކުފާނުގެ މުޝީރު އަބްދުއް ރަޙީމް އަބްދުﷲ: ޝަމީމުގެ ތަހުގީގު އަވަސް ކުރުމަށް ހުރިހާ ވަސީލަތެއް ބޭނުންކުރުން މުހިންމުކަމަށް އެ ޕާޓީން ވަނީ ބުނެފަ-- ސަން ފޮޓޯ/ އިބްރާހީމް ޝަމްވީލް

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމަށް މިއަދު ހެނދުނު ބަޔަކު ދިން ހަމަލާގެ ތަހުގީގު އަވަސް ކުރުމަށް ދައުލަތުގެ ހުރިހާ ވަސީލަތެއް ބޭނުންކުރުމަށް ސަރުކާރު ހިންގާ މައި ޕާޓީ ޕީޕީއެމް/ޕީއެންސީން މިއަދު ގޮވައިލައިފިއެވެ.

މިއަދު ހެނދުނު ސައިކަލެއްގައި ދިޔަ ބަޔަކު ވަނީ ޕީޖީ ޝަމީމަށް ހަމަލާދީފައެވެ. އެ ހާދިސާގައިވަނީ އޭނާގެ ވައަތަށް ވަނީ އަނިޔާވެ، ރެނދުލައިފައެވެ. އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު، އޭނާ މިހާރު ވަނީ ގެއަށް ދޫކޮށްލައިފައެވެ.

އެ ޕާޓީން ނެރުނު ބަޔާނެއްގައި ބުނީ، ޝަމީމަށް ދިން ހަމަލާ އެ ޕާޓީން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެެވެ. މި ހަމަލާގައި ބައިވެރިވި ފަރާތްތައް ހޯދައި އިންސާފުގެ މައްޗަށް ގެނައުމަށް ހުރިހާ ވަސީލަތެއް ބޭނުންކޮށް ތަހުގީގު އަވަސް ކުރުމަށް ކަމާ ބެހޭ އިދާރާތަކަށް ގޮވައިލާ ކަމަށް އެ ބަޔާނުގައިވެއެވެ.

"މި ޖަރީމާ ހިންގުމުގައި ބައިވެރިވި ފަރާތްތައް ހޯދައި އިންސާފުގެ ކުރިމައްޗަށް ގެނައުމުގައި، ދައުލަތުގެ ހުރިހާ ވަސީލަތަކާ، ގާބިލްކަމަކާ، އިޚްތިޔާރެއް ބޭނުންކުރުމަށާ، މިކަން ހިންގި ބަޔަކު ހޯދުމާ، ތަހުގީގުކުރުން ހަލުވިކުރުމަށް، ކަމާބެހޭ ހުރިހާ އިދާރާތަކަށް އިލްތިމާސްކުރަން،" އެ ޕާޓިން ބުނެފައިވެއެވެ.

ހަމައެހެންމެ، ދައުލަތުގެ ޒިންމާދާރު ވެރިންގެ މަސައްކަތަށް ހުރަސް އެޅުމަށް ކޮށްފައިވާ މިފަދަ ޓެރަރިސްޓު އަމަލުތައް ހުއްޓުވުމަށް ހާދިސާގެ ހަގީގަތަށް ވާސިލުވުމަށް ތަހުގީގުގައި މަސައްކަތްކުރުމަކީ މުހިންމު ކަމެއް ކަމަށް އެ ފާޓީން ދެކޭ ކަމަށް ބުނެފައިވެއެވެ.

އެ ޕާޓީން ބުނެފައިވަނީ ސަރުކާރު ހިންގާ މައި ކޯލިޝަންގެ ގޮތުގައި އެ ޕާޓީ އޮތްހައި ދުވަހެއްގައި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގައި ސަރުކާރުގެ އިސްބޭފުޅުންނަށް ލަފާއެރުވުމުގައި ދެމިތިބޭނެ ކަމަށެވެ.

އަދި ގައުމުގެ އަމާންކަމާއި މަސަލަސްކަން ކަށަވަރުކޮށްދިނުމުގައި އަބަދުވެސް މަގުފަހިކޮށްދޭނެ ކަމަށް އެބަޔާނުގައި ބުނެފައިވެއެވެ.

އެ ޕާޓީން ވަނީ ޕީޖީ ޝަމީމަށް އަވަސް ޝިފާއަކަށް އެދިފައެވެ. އަދި، ފަރުވާއަށްފަހު ވަރަށް އަވަހަށް އެނބުރި މަސައްކަތަށް ނުކުންނާނެ ކަމަށް އުންމީދުކުރާ އެ ޕާޓީން ބުނެއެވެ.

ޝަމީމަށް ދިން ހަމަލާއަށް ފަހު، ސިފައިން ވަނީ އޭނާގެ ސެކިއުރިޓީ ވެސް ވަރުގަދަކޮށްފައެވެ. އަދި، ފުލުހުން މިހާރު އަންނަނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.

https://sun.mv/188130

ފާހަގަކޮށްލެވޭ ގޮތުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވަނީ އެ ހަމަލާއަކީ ސިޔާސީ މަގުސަދެއްގައި ދިން ހަމަލާއެއް ކަމަށް ސިފަކުރައްވައިފައެވެ.

އެހެންވެ، ފުލުހުންގެ ފަރާތުން ހޯމް މިނިސްޓަރު އަލީ އިހުސާން ވަނީ އެ ހަމަލާގެ މައުލޫމާތު ހިއްސާ ކޮށްދެއްވަން އެ މަނިކުފާނުގެ ކިބައިން އެދިވަޑައިގެންފައެވެ.

comment ކޮމެންޓް