ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމަށް މިއަދު ހެނދުނު ބަޔަކު ދިން ހަމަލާ ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
މިއަދު ހެނދުނު ސައިކަލެއްގައި ދިޔަ ބަޔަކު ވަނީ ޕީޖީ ޝަމީމަށް ހަމަލާދީފައެވެ. އެ ހާދިސާގައި އޭނާގެ ވާއަތަށް ވަނީ އަނިޔާވެ، ރެނދުލައިފައެވެ. އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު، އޭނާ މިހާރު ވަނީ ގެއަށް ދޫކޮށްލައިފައެވެ.
ސަރުކާރުގެ ފަރާތުން 'ސަން'އަށް މައުލޫމާތު ހިއްސާކުރައްވަމުން ރައީސް އޮފީހުގެ ކޮމިއުނިކޭޝަންސް މިނިސްޓަރު އިބްރާހިމް ޚަލީލް މިއަދު ވިދާޅުވީ، ޝަމީމަށް ދިން ނުރައްކާތެރި ހަމަލާ ދިވެހި ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި، މިފަދަ ޓެރަރިޒަމްގެ އަމަލުތައް ހިންގާ ކޮންމެ މީހަކު އިންސާފުގެ ކުރިމައްޗަށް ގެންނަން ސަރުކާރުގެ ހުރިހާ ވަސީލަތަކާއި އިޚުތިޔާރެއްގެ ބޭނުންކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"މިފަދަ ޢަމަލުތައް ހިންގާ ކޮންމެ މީހަކު އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ސަރުކާރުގެ ހުރިހާ ވަސީލަތަކާއި އިޚްތިޔާރެއް ބޭނުންކޮށްގެން ހަލުވިކަމާ އެކު މަސައްކަތްކުރަމުން ދާނެ،" ޚަލީލް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، މިފަދަ ނުރައްކާތެރި ޖަރީމާތައް ތަކުރާރުވިޔަ ނުދޭން ސަލާމަތީ ބާރުތަކުން އަބަދު ވެސް ފާރަވެރިވަމުން ދާނެ ކަމަށެވެ. އަދި، ދައުލަތުގެ ޒިންމާދާރު މަގާމުތަކުގައި ތިއްބަވާ ޚިދުމަތްތެރިންގެ ރައްކާތެރިކަމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ ކަމަށް ވެސް ޚަލީލް ވިދާޅުވިއެވެ.
"ސަރުކާރުން އަބަދު ވެސް މަސައްކަތްކުރާނީ ގައުމުގެ އަމާންކަމާ ސަލާމަތްކަން ދެމެހެއްޓުމަށް. ޓެރަރިސްޓް ހަރަކާތްތަކަށް އެއްވެސް ޖާގައެއް ނުދިނުމަށް،" އޭނާ ވިދާޅުވިއެވެ.
ޚަލީލް ވަނީ ޕީޖީ ޝަމީމަށް އަވަސް ޝިފާއަކަށް އެދިލައްވައިފައެވެ. އަދި، ފަރުވާއަށް ފަހު ވަރަށް އަވަހަށް އެނބުރި ރަސްމީ މަސައްކަތްޕުޅުތަކަށް ނުކުމެވަޑައިގަންނަވާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ޝަމީމަށް ދިން ހަމަލާއަށް ފަހު، ސިފައިން ވަނީ އޭނާގެ ސެކިއުރިޓީ ވެސް ވަރުގަދަކޮށްފައެވެ. އަދި، ފުލުހުން މިހާރު އަންނަނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވަނީ އެ ހަމަލާއަކީ ސިޔާސީ މަގުސަދެއްގައި ދިން ހަމަލާއެއް ކަމަށް ސިފަކުރައްވައިފައެވެ. އެހެންވެ، ފުލުހުންގެ ފަރާތުން ހޯމް މިނިސްޓަރު އަލީ އިހުސާން ވަނީ އެ ހަމަލާގެ މައުލޫމާތު ހިއްސާ ކޮށްދެއްވަން އެ މަނިކުފާނުގެ ކިބައިން އެދިވަޑައިގެންފައެވެ.