ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ގުޅިގެން އިލެކްޝަންސް ކޮމިޝަން (އީސީ)އިން ފަސް މުއައްސަސާއަކާއެކު އެއްބަސްވުންތަކުގައި ސޮއިކޮށްފިއެވެ.
އަންނަ މާޗު މަހުގެ 17ގައި ބާއްވާ އިންތިޚާބަށް އީސީން އެއްބަސްވުންތައް ހަދާފައިވަނީ ސިވިލް ސާވިސް ކޮމިޝަނާއި ފުލުހުންނާއި ޑިޕާޓްމަންތް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަނާއި ލޯކަލް ގަވަމަންޓް އޮތޯރިޓީ އާއި މޯލްޑިވްސް ޕޯސްޓާއެކުއެވެ.
އެ ރަސްމިއްޔާތުގައި އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވަނީ އެ ކޮމިޝަނާއެކު އެއްބަސްވުމުގައި ސޮއި ކުރެއްވި މުއައްސަސާތަކަށް ޝުކުރު އަދާ ކުރައްވައިފައެވެ.
އެގޮތުން ސިވިލް ސާވިސް ކޮމިޝަންގެ ވާހަކަ ފާހަގަ ކުރައްވަމުން އޭނާ ވިދާޅުވީ އެ ކޮމިޝަނުގެ މުވައްޒަފުންނާ ނުލައި އިންތިޚާބެއް ކާމިޔާބު ކަމާއެކު ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. އަދި އެ ބޭފުޅުންގެ މަސައްކަތް ވަރަށް ޝުކުރުވެރިކަމާއެކު ފާހަގަ ކުރާކަމަށް އޭނާ ވިދާޅުވިއެވެ.
ހަބީބް ވިދާޅުވީ އިންތިޚާބީ ހަރަކާތް މުޅި ރާއްޖޭގައި ކުރިއަށް ގެންދެވެނީ ސިވިލް ސާވިސް ކޮމިޝަނުގެ އިތުރުން ލޯކްލް ގަވަމަންޓް އޮތޮރިޓީން ވެސް ވަރަށް ބޮޑު އެއްބާރުލުމެއް ލިބޭތީ ކަމަށެވެ.
އިތުރަށް އޭނާ ވިދާޅުވީ، ހުރިހާ އިންތިޚާބުތަކަށް ވެސް ފުލުހުންގެ ޚިދުމަތް ވަރަށް ފުރިހަމައަށް ލިބެމުން އަންނަ ކަމަށެވެ.
"ޚާއްޞަކޮށް ފަހުން ބޭއްވުނު މި ހުރިހާ ރިޔާސީ އިންތިޚާބެއްގައި މިކަން ވަރަށް ބޮޑަށް ފާހަގަ ކުރެވިގެން ދިޔަ އެހެން އިންތިޚާބުތަކާ ޚިލާފަށް،" ހަބީބް ވިދާޅުވިއެވެ.
ހަބީބް ވިދާޅުވީ އިންތިޚާބާ ބެހޭ ޑޮކިއުމަންޓުތަށް ރަށް ރަށަށް ގެންދިއުމަށް ފުލުހުންގެ އުޅަނދުތަށް ބޭނުންކުރެވޭތީ އެތައް ގުނައެއް ފަސޭހަވާ ކަމަށެވެ.
ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަންއާ ގުޅޭ ގޮތުން ހަބީބް ވިދާޅުވީ ވޯޓުލާ މީހުންގެ ރަޖިސްޓަރީ ތައްޔާރު ކުރުމުގައި އެ މުއައްސަސާއިން ވަރަށް ބޮޑު އެހީތެރިކަމެއް ލިބޭ ކަމަށެވެ. އަދި މޯލްޑިވްސް ޕޯސްޓް ލިމިޓެޑުގެ ވާހަކަ ފާހަގަ ކުރައްވައި އޭނާ ވިދާޅުވީ ރާއްޖެއިން ބޭރަށް ފޮނުވަން ޖެހޭ ވޯޓުފޮށިތަކާއި އިންތިޚާބާ ގުޅޭ ސާމާނު އެތަންތަނަށް ފޮނުވުމުގައި ޕޯސްޓުގެ ވަރަށް ބޮޑު އެހީތެރިކަމެއް ލިބޭ ކަމަށެވެ.
މިއަހަރުގެ މަޖިލިސް އިންތިޚާބުގައި ވޯޓުލެވޭ މީހުންގެ ލިސްޓު އިއުލާންކޮށް، މިމަހުގެ 21އާ ހަމައަށް ޝަކުވާއަށް ހުޅުވާލިއެވެ. އެ ޝަކުވާތަކާ ގުޅިގެން ގެނައި ބަދަލުތަކަށް އަލުން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ވެސް އިއްޔެ ވަނީ ހުޅުވާލައިފައެވެ.