އިމްރާން ޚާންގެ މައްޗަށް 10 އަހަރުގެ ޖަލު ހުކުމެއް އިއްވައިފި

ޕާކިސްތާނުގެ ކުރީގެ ބޮޑު ވަޒީރު އިމްރާން ހާން -- ފޮޓޯ/އިންގްލިޝް އަރަބިޔާ

ޕާކިސްތާނުގެ ކުރީގެ ބޮޑު ވަޒީރު އިމްރާން ޚާންގެ މައްޗަށް 10 އަހަރުގެ ޖަލު ހުކުމެއް ޕާކިސްތާނުގެ ކޯޓަކުން އިއްވައިފިއެވެ.

އިމްރާނުގެ މައްޗަށް ހުކުމް އިއްވީ ދައުލަތުގެ ސިއްރުތަކެއް ހާމަކުރުމުގެ ކުށް ސާބިތުވާ ކަމަށް ކަނޑައެޅުމަށް ފަހުގައެވެ.

އިމްރާންގެ ތަހްރީކް އިންސާފް (ޕީޓީއައި) ޕާޓީން ބުނީ އިމްރާންގެ މައްޗަށް ދައުވާ އުފުލާފައި ވަނީ, އެމެރިކާގައި ހުންނަވާ ޕާކިސްތާނުގެ ސަފީރު އިސްލާމްއާބާދަށް ފޮނުވި މެސެޖެއްގައި ހިމެނޭ މައުލޫމާތު ހާމަ ކުރުމާ ގުޅިގެން ކަމަށެވެ. އިމްރާންގެ މައްޗަށް މީގެ ކުރިން ވެސް ވަނީ ގިނަ ދައުވާތަކެއް ކޮށްފައެވެ.

އިމްރާންގެ އިތުރުން އޭނާގެ ވެރިކަމުގައި ޚާރިޖީ ވަޒީރުކަން ކުރައްވައިފައިވާ ޝާޙް މަޙްމޫދު ޤުރައިޝީގެ މައްޗަށް ވެސް, ވަނީ އެ މައްސަލައިގައި ދައުވާ އުފުލައި، 10 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވައިފައެވެ.

ކޮރަޕްޝަންގެ ކުށް ސާބިތުވެ ތިން އަހަރުގެ ޖަލު ހުކުމެއް ވެސް އިމްރާންގެ މައްޗަށް ވަނީ އިއްވައިފައެވެ. އެ ހުކުމާ އެކު 2023 ވަނަ އަހަރުގެ އޮގަސްޓު މަހުން ފެށިގެން އޭނާ އަންނަނީ ޖަލު ހުކުމް ތަންފީޒުކުރަމުންނެވެ. ހުކުމާ އެކު ޕާކިސްތާނުގެ އާންމު އިންތިޚާބުގައި ވާދަ ކުރެއްވުމުގެ ފުރުސަތު ވެސް އިމްރާނަށް ވަނީ ގެއްލިފައެވެ.

އިމްރާންގެ މައްޗަށް ޖަލު ހުކުމެއް އިއްވާފައި މި ވަނީ, ޕާކިސްތާނުގެ އާންމު އިންތިޚާބުގެ ވޯޓުލުން ފެށުމަށް ތައްޔާރުވަމުން އަންނަ ދަނޑިވަޅެއްގައެވެ. އެ ގައުމުގެ އިންތިޚާބު އަންނަ ފެބްރުއަރީ މަހު އަށްވަނަ ދުވަހު ބާއްވަން ވަނީ ހަމަޖެހިފައެވެ.

comment ކޮމެންޓް