މަޖިލީހުން ސިފަވަނީ އިޒްރޭލް ސިފައިންގެ އަމަލުތައް، ޖިނާއީ ތަހުގީގެއް ކުރަންޖެހޭ: ހެލްތު މިނިސްޓަރު

މެންބަރު އީސަ، މެންބަރުންގެ ޝަހީމުގެ ކަނދުރާއަށް ކަކުލުން އަރައި އިންނެވި މަންޒަރު: މިނިސްޓަރު ޚަލީލް ވަނީ އެ މައްސަލަ ޖިނާއީ މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރުމަށް ގޮވާލައްވާފަ --

ރައްޔިތުންގެ މަޖިލީހުގައި މިއަދު ހިންގި މާރާމާރީތަކުގެ ތެރެއިން، އިޒްރޭލުގެ ސިފައިން ފަލަސްތީނުގެ ރައްޔިތުންނަށް ހަމަލާދޭ ފަދަ މަންޒަރެއް ސިފަވާ ކަމަށާއި އެ ހަމަލާގެ ޖިނާއީ ތަހުގީގެއް ހިންގަން ޖެހޭ ކަމަށް ހެލްތު މިނިސްޓަރު އަދި ނިލަންދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ޚަލީލް މިރޭ ވިދާޅުވެއްޖެއެވެ.

ޚަލީލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އިޝާރާތްކުރައްވާފައިވަނީ، އެމްޑީޕީގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާ، ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމް އަބްދުލްހަކީމްގެ އިސްތަށީގައި ހިއްޕަވައި، އޭނާގެ ކަނދުރާއަށް ފައިން އަރާ މަންޒަރު ފެންނަ ވީޑިއޯއަކަށެވެ.

"މިއީ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ވެސް ކުރެވިގެންވާނެ ކަމެއްނޫން. ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި މިފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށް، ޖިނާއީ ތަހުގީގެއް ހިންގައި މިކަން ކުރި މެންބަރު އިންސާފުގެ ކުރިމައްޗަށް ހާޒިކުރަންޖެހޭނެ،" ޚަލީލް ވިދާޅުވިއެވެ.

ސަރުކާރުގެ ވަޒީރުންނަށް ރުހުން ދިނުމަށް އެޖެންޑާކޮށް މިއަދު ފެށި ޖަލްސާގައި ހަމަނުޖެހުން ހިނގަން ފެށީ، އެމްޑީޕީން ހަތަރު ވަޒީރަކަށް ރުހުން ނުދޭން ނިންމުމުންނެވެ. އެއީ ބަންޑާރަނައިބު އަހުމަދު އުޝާމާއި އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދާއި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރާއި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށެވެ.

އެ ނިންމުމާ ގުޅިގެން، ވެރިކަން ކުރާ ޕީޕީއެމް، ޕީއެންސީ ކޯލިޝަންގެ މެންބަރުން ޖަލްސާއަށް ހުރަސް އަޅަން ފެށިއެވެ. އަދި އެ މެންބަރުންނާއި އެމްޑީޕީގެ މެންބަރުންނާ ދެމެދު ހިނގި ހަމަނުޖެހުންތަކުގައި ޝަހީމްގެ ބޯފަޅައިގެން ގޮސް، އޭނާއަށް ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

އެ ޖަލްސާ މެންދުރުފަހު މެދުކަނޑާލުމަށް ފަހު، މިރޭ ކުރިއަށްގެންދަން މަސައްކަތް ކުރި ނަމަވެސް ސަރުކާރުގެ ކޯލިޝަނަށް ނިސްބަތްވާ މެންބަރުން ހުރަސް އެޅުމުން ޖަލްސާ ވަނީ މެދުކަނޑާލާފައެވެ.

ޕީއެންސީގެ ޕީޖީ ލީޑަރު އަދި ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ވަނީ ޝަހީމް ފަރުވާއަށްފަހު ހޮސްޕިޓަލުން ދޫކޮށްނުލަނީސް މަޖިލީހުގައި ޖަލްސާއެއް ބާއްވަން ޖާގަ ނުދޭނެ ކަމަށް ވިދާޅުވެފައެވެ.

comment ކޮމެންޓް