އަސްލަމާއި ސަލީމްގެ އިތުބާރު ނެތް ކަމަށް ހުށަހަޅައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް -- ފޮޓޯ/ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމާއި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ސަރުކާރު ކޯލިޝަނުން މިއަދު ހުށަހަޅައިފިއެވެ.

މިއަދު ވަނީ މަޖިލީހުގެ ދައުރުން ބޭރު ޖަލްސާއެއް ބާއްވައި ވަޒީރުންނަށް ރުހުންދިނުމުގެ މަސައްކަތް ކުރިއަށް ގެންދަން މަސައްކަތްކޮށްފައެވެ. އެކަމަކު، ހަތަރު ވަޒީރަކަށް ރުހުންނުދޭން މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީން ނިންމުމާ އެކު ސަރުކާރަށް ތާއީދުކުރައްވައި މެންބަރުން ވަނީ ޖަލްސާއަށް ހުރަސްއަޅައި، ވަޒީރުންނަށް ރުހުންދިނުމުގެ މަސައްކަތް ކުރިއަށް ގެންދިޔަނުދީ ހިފަހައްޓައިފައެވެ.

މައްސަލަ ހޫނުވެ، މަޖިލީހުގެ ތަޅުމުގައި ވަނީ ހަމަނުޖެހުން ހިނގައި، މާރާމާރީ ވެސް ހިންގައިފައެވެ.

މަޖިލީހުގެ ރައީސާއި ނައިބު ރައީސް މަގާމުން ވަކިކުރަން ހުށަހެޅޭނީ ތިންބައިކުޅަ އެއްބައި މެންބަރުންގެ ސޮޔާ އެކުގައެވެ. ސަރުކާރު ހިންގާ ކޯލިޝަނުން މިއަދު ހުށަހެޅި އިތުބާރު ނެތް ކަމުގެ ގަރާރުގައި ޖުމުލަ 23 މެންބަރުން ވަނީ ސޮއިކޮށްފައެވެ. މަޖިލީހުގައި ޖުމުލަ 87 މެންބަރުން ތިއްބަވައެވެ.

ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕީޕީއެމް/ޕީއެންސީން ވަނީ އެ މައްސަލައިގައި މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހަޅައިފައެވެ. އެ ކޯލިޝަނުން ވަނީ އަސްލަމް ވަކި ޕާޓީއެއްގެ މަސްލަހަތު ކުރިއަރުވަން މަގާމުގެ ނުފޫޒު ބޭނުންކުރާ ކަމަށް ތުހުމަތުކޮށްފައެވެ.

ޕީޕީއެމް/ޕީއެންސީން ބުނެފައިވަނީ ވަޒީރުންނަށް ރުހުންދޭން ނިންމައި ކޮމިޓީން ފުރަތަމަ އެ މައްސަލަ ތަޅުމަށް ފޮނުވުމަށް އަނބުރާ ކޮމިޓީއަށް ފޮނުވައިލަން އަސްލަމް ނިންމެވީ ކަނޑައެޅިގެން މަޖިލީހުގެ ގަވާއިދާ ޚިލާފަށް ކަމަށެވެ.

އެހެންވެ، މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތް ކަމަށް މިއަދު ވަނީ ހުށަހަޅައިފައެވެ. އެ މައްސަލައިގައި ޕީޕީއެމް/ޕީއެންސީގެ މެންބަރުންގެ އިތުރުން، އެމްޑީއޭއާއި އެމްއެންޕީގެ މެންބަރުން އަދި އަމިއްލަ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ ވެސް ވަނީ ސޮއިކުރައްވައިފައެވެ.

މި ހިނގާ 19 ވަނަ މަޖިލީހުގައި ފުރަތަމަ މަޖިލީހުގެ ރައީސަކަށް ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ވެސް ކުރިން އެމްޑީޕީން ހުށަހެޅިއެވެ. އެ ފަހަރު، އެމްޑީޕީން އެ މައްސަލަ ހުށަހެޅުމާ އެކު ގިނަ ދުވަސްތަކެއް ވަންދެން މަޖިލީސް ހުއްޓުވާފައި އޮތެވެ.

އެކަމަކު، މަޖިލީސް ހުއްޓުވީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށް ސުޕްރީމް ކޯޓުން ހުކުމްކުރުމުން ނަޝީދު ވަނީ އަމިއްލަފުޅަށް މަގާމުން އިސްތިއުފާ ދެއްވައިފައެވެ. މަޖިލީހުގެ ރައީސަކަށް އަސްލަމް އިންތިޚާބުކުރީ ނަޝީދު އިސްތިއުފާ ދެއްވުމުންނެވެ.

comment ކޮމެންޓް