ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ހޫނުވެ، މަޖިލިސް ތަޅުމުގައި ސަރުކާރު ހިންގައި މައި ޕާޓީ ޕީއެންސީގެ މެމްބަރުންނާއި އިދިކޮޅު މެމްބަރުންގެ ދެމެދު މާރާމާރީ ހިންގައި، ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމް އަބްދުލްހަކީމްގެ ބޯ ފަޅައިިގެން ގޮސްފިއެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯތަކުން ފެންނަ ގޮތުގައި މަޖިލީހުގެ ރިޔާސަތަށް މެމްބަރުން އެއްވެ، އެއް މެމްބަރަކު އަނެއް މެމްބަރުގެ ގަޔަށް އަތްލައި ވަރަށް ބޮޑަށް ހަަމަނުޖެހުން އަންނަނީ ހިންގަމުންނެވެ.
އޭގެ ތެރެއިން މެމްބަރު ޝަހީމް ބިން މައްޗަށް ވައްޓައިލައި، އޭނާގެ ބޮލުގައި ހިފައި ބައެއް މަންޒަރުތައް ފެނެއެވެ.
މައުލޫމާތު ލިބޭ ގޮތުގައި މިހާރު މެމްބަރު ޝަހީމްވަނީ ފަރުވާއަށް ހޮސްޕިޓަލަށް ގެންގޮޮސްފައެވެ.
މީގެ އިތުރުން ވެސް މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރަށް ވެސް އަނިޔާވެފައިިވާކަމަށް މައުލޫމާތު ލިބެއެވެ.
އެމްޑީޕީން ވަނީ ސަރުކާރުގެ ހަތަރު ވަޒީރަކަށް ރުހުންނުދޭން ނިންމައިފައެވެ. އެހެންވެ، ސަރުކާރަށް ތާއީދުކުރައްވާ މެންބަރުން ގެންދަވަނީ މަޖިލީހުގައި އިހުތިޖާޖުކޮށް، ޖަލްސާއަށް ހުރަސްއަޅަމުންނެވެ. އެ ޖަލްސާ 1:30 ގައި ފަށަން ތާވަލުކުރި ނަމަވެސް މިހާތަނަށް ޖަލްސާ ފެށިފައެއް ނުވެއެވެ.
އެމްޑީޕީން މިއަދު ނިންމީ، ބަންޑާރަނައިބު ހިމެނޭހެން ތިން ވަޒީރަކަށް ރުހުންނުދޭށެވެ. އެ ވަޒީރުންނަކީ:
- ބަންޑާރަނައިބު އަހުމަދު އުޝާމް
- އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދު
- ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު
- އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
ހަތަރު ބޭފުޅުންނަށް ރުހުންނުދޭން ހުށަހެޅީ އެމްޑީޕީގެ ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުލްމުޣުނީއެވެ.
ހަތަރު ވަޒީރަކަށް ރުހުންނުދޭން އެމްޑީޕީން ވިޕެއް ނެރެފިއިތުރަށް ވިދާޅުވުމަށް
އެ ހަތަރު ބޭފުޅުންނަށް ރުހުންނުދޭން އެމްޑީޕީން ނިންމިއިރު، ޑިމޮކްރެޓްސްއިން ވެސް ވަނީ އޭގެ ތެރެއިން ތިން ބޭފުޅަކަށް ރުހުންނުދޭން ނިންމައިފައެވެ. އެކަމަކު، އެ ޕާޓީން ސައީދުގެ ބަދަލުގައި ރުހުންނުދޭން ނިންމީ ފޮރިން މިނިސްޓަރު މޫސާ ޒަމީރަށެވެ.