އަބުރު ކަތިލައި ޓެރަރިސްޓަކަށް ވެސް ހެދި، އެކަމަކު ޚިދުމަތަށް ބަދަލެއް ނާންނާނެ: ޝަހީމް

އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒާއި ޑރ. ޝަހީމް -- ފޮޓޯ/ ޑރ. ޝަހީމް

މީގެ ކުރިން ވެސް، މިހާރު އިދިކޮޅުގައި އޮތް އެމްޑީޕީން، އޭނާއާ ގުޅޭގޮތުން ގިނަ ވާހަކަތަކެއް ފަތުރައި އަބުރު ކަތިލައި، އޭނާގެ ވަޒީފާއަަށް ހުރަސް އަޅައިފައިވާ ކަމަށާއި، މިއަދު ވެސް އެމްޑީޕީން އޭނާއަށް ރުހުން ނުދިން ނަމަވެސް ކުރައްވާ ޚިދުމަތަށް އެއްވެސް ބަދަލެއް ނާންނާނެކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވެފައި މިވަނީ ރައްޔިތުންގެ މަޖިލީހުން، މިއަދު ދައުރުން ބޭއްވި ޖަލްސާގައި، ވަޒީރުންނަނަށް ރުހުން ދިނުމާމެދު ގޮތް ނިންމުން އެޖެންޑާކޮށްފައިވަނިކޮށް، ހަތަރު ވަޒީރަކަށް ރުހުން ނުދޭން މެޖޯރިޓީ އޮތް އެމްޑީޕީން ނިންމުމުންނެވެ.

އެ ވަޒީރުންގެ ތެރޭގައި ޝަހީމް ވެސް ހިމެނިވަޑައިގަންނަވައެވެ.

އެ ކަމާ ގުޅިގެން ޝަހީމް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެމްޑީޕީ އިން އެތައް އަހަރެއް ވަންދެން އޭނާގެ އަބުރު ކަތިލައި 2018ވަނަ އަހަރު އޭނާއަކީ ޓެރަރިސްޓެއްގެ ގޮތުގައި ވެސް ހެދިކަމަށެވެ. އަދި އޭރު އަދައިކުރެއްވި ވަޒީފާއަށް ވެސް ހުރަސް އެޅިކަމަށެވެ.

"އޯއައިސީގެ ވަޒީފާއަށް ހުރަސް އެޅި. އެ ހުރިހައި ކަމެއް ގިރާކޮށް ﷲ ގެ ރަހްމަތުން އިސްލާމީ އުންމަތުގެ ޚިދުމަތުގައި މިހިސާބަށް އައީ،" އޭނާ ވިދާޅުވިއެވެ.

އެއާއެކު އޭނާ ވިދާޅުވީ މިއީ އިސްލާމިކް މިނިސްޓަރުކަން އަދައިކުރައްވައި ތިންވަނަ ފަހަަރުކަމަށާއި ފާއިތުވި ދުވަސްތަކުގައި މިނިސްޓްރީން ކުރި ގިނަ ކަންކަމުގައި އޭނާގެ ހިއްސާ އޮންނާނެކަމަށެވެ.

އަދި މިއަދު ރުހުން ނުދިން ނަމަވެސް އޭނާ ކުރައްވާ ޚިދުމަތަށް ބަދަލު ނާންނާނެކަމަށް ވިދާޅުވިއެވެ.

"އެމްޑީޕީ އަށް މަޖިލީހުގައި ލިބިފައިވާ ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފައި ރުހުން ނުދިނަސް އަޅުގަނޑުގެ ޚިދުމަތަކަށް ކުޑަވެސް ބަދަލެއް ނާންނާނެ،" އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ދިވެހި ގައުމާއި ރައްޔިތުންނާއި އުންމަތަށް ޓަކައި 'ގަދަވެ ސަލާމަތުން ހުރިހައި ދުވަހަކު' އަމިއްލަ ހައިސިއްޔަތުން ވެސް ޚިދުމަތުގައި ދެމި ހުންނަވާނެ ކަމަށެވެ.

އޭނާ ވިދާޅުވީ މިހައިތަނަށް އޭނާ ވަޒީރުކަމުގައި ހުންނަވައިގެން މަސައްކަތް ކުރެއްވީ އަމާނަތްތެރިކަމާއި އިޚްލާސްތެރިކަމާއެކު ރައީސް ޑރ. މުޙައްމަދު މުއިއްޒު ހަވާލުކުރެއްވި މަސްއޫލިއްޔަތުތައް އަދައިކުރެއްވުމަށް ކަމަށެވެ.

އަދި ރައީސް ދެއްވާ އެއްބާރުލެއްވުމަށް ވެސް ޝަހީމް ޝުކުރު އަދައިކުރެއްވިއެވެ.

"އަމިއްލަ ނަފްސަށް ވުރެ ބޮޑު އިސްކަމެއް ދީގެން ހުރިހައި ޕާޓީއެއްގެ މެންބަރުންނަކީ އަޚުންނާއި އުޚުތުންކަމުގައި ދެކިގެން. އެމްޑީޕީއާއި އެޕާޓީއާ ގުޅިފައިވާ ފަރާތްތަކުން އަޅުގަނޑަށް ނަފްރަތުކުރަނީ ނާގާބިލުވެގެން ހެއްޔެވެ؟ ނުވަތަ މިއީ ދާއިމީ ޒާތީ ކަމެއް ހެއްޔެވެ؟،" އޭނާ ސުވާލު އުފެއްދެވިއެވެ.

އެއާއެކު ޝަހީމްވަނީ އިސްލާމީ ކަންތައްތައް ކުރިއަރުވަން ކުރާ މަސައްކަތުގައި އެމްޑީޕީން އޭނާއަށް ހުރަސް އަޅަނީ ކޮން ސަބަބަކާހެދިތޯ ސުވާލު އުފައްދަވައިފައެވެ.

https://sun.mv/187973

އެމްޑީޕީން މިއަދު ނިންމީ، ބަންޑާރަނައިބު ހިމެނޭހެން ތިން ވަޒީރަކަށް ރުހުންނުދޭށެވެ. އެ ވަޒީރުންނަކީ:

  • ބަންޑާރަނައިބު އަހުމަދު އުޝާމް
  • އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދު
  • ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު
  • އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

ހަތަރު ބޭފުޅުންނަށް ރުހުންނުދޭން ހުށަހެޅީ އެމްޑީޕީގެ ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުލްމުޣުނީއެވެ.

ހަތަރު ވަޒީރަކަށް ރުހުންނުދޭން އެމްޑީޕީން ވިޕެއް ނެރެފިއިތުރަށް ވިދާޅުވުމަށް
އެ ހަތަރު ބޭފުޅުންނަށް ރުހުންނުދޭން އެމްޑީޕީން ނިންމިއިރު، ޑިމޮކްރެޓްސްއިން ވެސް ވަނީ އޭގެ ތެރެއިން ތިން ބޭފުޅަކަށް ރުހުންނުދޭން ނިންމައިފައެވެ.

އެކަމަކު، އެ ޕާޓީން ސައީދުގެ ބަދަލުގައި ރުހުންނުދޭން ނިންމީ ފޮރިން މިނިސްޓަރު މޫސާ ޒަމީރަށެވެ.

comment ކޮމެންޓް