ފަގީރުންގެ ދަފުތަރުގައި ތިބި މީހުންނަށް ޚާއްސަކޮށް، "ޒަކާތު ބެނެފިޝަރީ ކާޑު"ގެ ނަމުގައި ކާޑެއް އަންނަ އަހަރު އިފްތިތާހުކުރުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް، އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިރޭ ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާ ޕީއެސްއެމް ނިއުސްގެ 'ރާއްޖެ މިއަދު' ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޝަހީމް ވިދާޅުވީ، ފަގީރުންނަށް ޚާއްސަކޮށް ދޫކުރާ މި ކާޑު ދޫކުރުމަށް ހަމަޖެހިފައިވަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އާއި ޒަކާތު ހައުސް ގުޅިގެން ކަމަށެވެ.
މި ކާޑު އޮންނާނީ ފަގީރުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަގީރުންގެ އަތުގައި ކަމަށް ޝަހީމް ވިދާޅުވިއެވެ.
"އެހެންވީމާ އޭނާއަށް ލިބިދޭންޖެހޭ އެހީ، ޒަކާތު ހައުސްއިން ކަނޑައަޅާފައިވާ އެހީ، ކޮންމެ އަހަރަކުވެސް އެ ކާޑުން އޭނާއަށް ޕޭ ކުރެވޭނެ،" އޭނާ ވިދާޅުވިއެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް ޢަލީ ސަޢީދު --- ފޮޓޯ: ރައީސް އޮފީސް
މިސާލަކަށް ކޮންމެ ފަގީރަކަށް މަހަކު 5،000 ރުފިޔާ ކަނޑައަޅާފައިވާނަމަ، އެ ކާޑު ބޭނުންކުރެވޭ ފިހާރައަކަށް ގޮސް ކާޑު ދައްކާލުމުން، ކާޑުގައިވާ ފައިސާގެ އަދަދުން އެ ފަގީރަކަށް ކާބޯތަކެތި ލިބޭނެއެވެ.
މި ކާޑު އިފްތިތާހުކުރުމުގެ މަގުސަދަކީ ފަގީރުން އެކި އިދާރާތަކަށް ހިނގަންޖެހޭ ހިނގުން މަދުކޮށް، އެ މީހުންނަށް ފަސޭހަކޮށްދިނުން ކަމަށް ޝަހީމް ވިދާޅުވިއެވެ.
ފާހަގަކުރެވޭ ގޮތުގައި ޝަހީމް ވަނީ، ޒަކާތު ފަންޑުން ފަގީރުންނާއި މިސްކީނުންގެ ޒަރޫރީ ބޭނުންތަކަށް އެހީވާ ގޮތަށް އެ ޚިދުމަތް ފުޅާކުރުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް މީގެ ކުރިން ވިދާޅުވެފައެވެ. އެގޮތުން ޒަކާތު ފަންޑުން ފަގީރުންނާއި މިސްކީނުންނަށް އެހީވުން އިތުރުކުރާނެ ގޮތްތަކުގެ މައްޗަށް މިނިސްޓްރީން ކަރުދާހެއް ތައްޔާރުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި، އެ ކަރުދާސް ތައްޔާރުކޮށް ނިމުމުން މަޝްވަރާކުރުމަށް ވަޒީރުންގެ މަޖިލީހަށް ހުށަހަޅާނެ ކަމަށް އޭނާ މީގެ ކުރިން ވިދާޅުވިއެވެ.
"އަޅުގަނޑުމެން ފަގީރު ކުއްޖާއަށް ނުވަތަ ފަގީރު މީހާއަށް ނުވަތަ މިސްކީނު މީހާއަށް ދިރިއުޅުމުގައި ބޭނުންވާ ތަފާތު އެކިއެކި ޒަރޫރީ ކަންތައްތަކަށް ޒަކާތު ފަންޑުން އެހީވުމުގެ ތަސައްވުރު މިހާރު އަޅުގަނޑުމެން އެކުލަވާލަމުން މިދަނީ،" ރާއްޖޭގައި ދެވަނައަށް ބޭއްވި ބައިނަލްއަގުވާމީ ޒަކާތު ކޮންފަރެންސް އިފްތިތާހުކުރުމަށް މިދިޔަ އޮގަސްޓު މަހު ބޭއްވި ރަސްމިއްޔާތުގައި ޝަހީމް ވިދާޅުވިއެވެ.
އޭގެ ތެރޭގައި ބޭސްފަރުވާއާއި ތައުލީމާއި ބޯހިޔާވަހިކަމާއި އެފަދަ އެހެނިހެން ކަންތައްތަކުގައި، ފަގީރުންގެ ދަފުތަރުގައި ރަޖިސްޓްރީވެފައި ތިބޭ ފަގީރުންނާއި މިސްކީނުންނަށް ޒަކާތު ފަންޑުން އެހީތެރިވެވޭނެ ގޮތް ހިމަނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.