ރުހުންނުދޭން އެމްޑީޕީން ނިންމީ ޒާތީވެގެން: ބަންޑާރަނައިބު

ބަންޑާރަނައިބު އަހުމަދު އުޝާމް: އޭނާއަށް ރުހުންނުދޭން އެމްޑީޕީން ވަނީ ނިންމާފައި -- ސަންފޮޓޯ/ ނާއިލް ހުސައިން

ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީން އޭނާއަށް ރުހުންނުދޭން ނިންމަނީ ޒާތީ ކަމެއްގައި ކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް މިއަދު ވިދާޅުވެއްޖެއެވެ.

އޭނާ ހިމެނޭހެން އިތުރު ތިން ވަޒީރަކަށް ރުހުންނުދޭން އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން މިއަދު ވަނީ ނިންމައިފައެވެ. އެއީ،

  • ބަންޑާރަނައިބު އަހުމަދު އުޝާމް
  • އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދު
  • ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު
  • އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

ހަތަރު ބޭފުޅުންނަށް ރުހުންނުދޭން އެމްޑީޕީން ވަނީ ތްރީލައިން ވިޕެއް ނެރެފައެވެ. އެ ޕާޓީގެ 43 މެންބަރުން މަޖިލީހުގައި ތިއްބަވައެވެ.

ބަންޑާރަނައިބު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ވަޒީފާގެ ހައިސިއްޔަތުން ޕްރޮފެޝަނަލީ ނިންމާފައި އޮތް އެއްވެސް ނިންމުމަކާ ގުޅިގެން ރުހުން ނުދޭންޖެހޭ އެއްވެސް ސަބަބެއް ނޯންނާނެ ކަމަށެވެ. އަދި، ރުހުންނުދޭން އެމްޑީޕީން ނިންމީ ޒާތީ ކަމެއްގައި ކަމަށް ބަންޑާރަނައިބު ވަނީ ތުހުމަތު ކުރައްވައިފައެވެ.

"މިއީ ޒާތީ ކަމެއް. ޒާތީގޮތުން ޖައްސައިލާ، ސަރުކާރު ބަލިކަށިކުރުމުގެ ނިޔަތުގަ ކުރާ މިކަހަލަ ކަންކަމުން ސަރުކާރު ބަލިކަށި ވެސް ނުކުރެވޭނެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ހުންނެވީ ގަދަކޮށް،" އުޝާމް ވިދާޅުވިއެވެ.

އެ ހަތަރު ބޭފުޅުންނަށް ރުހުންނުދޭން އެމްޑީޕީން ނިންމިއިރު، ޑިމޮކްރެޓްސްއިން ވެސް ވަނީ އޭގެ ތެރެއިން ތިން ބޭފުޅަކަށް ރުހުންނުދޭން ނިންމައިފައެވެ. އެކަމަކު، އެ ޕާޓީން ސައީދުގެ ބަދަލުގައި ރުހުންނުދޭން ނިންމީ ފޮރިން މިނިސްޓަރު މޫސާ ޒަމީރަށެވެ.

މިހާރު މަޖިލިސް ބެހިގެންވާ ގޮތް:

  • އެމްޑީޕީ 43 މެންބަރުން
  • ޑިމޮކްރެޓްސްގެ 13 މެންބަރުން

އެއީ، ޖުމުލަ 87 މެންބަރުންގެ ތެރެއިން 56 މެންބަރުންނެވެ. އެހެންވެ، އެ ދެ ޕާޓީއަށް މަޖިލީހުގެ މެޖޯރިޓީ އޮތުމުން އެމްޑީޕީން ރުހުންނުދޭން ނިންމި ވަޒީރުންނަށް ރުހުން ލިބިދާނެ ކަމަކަށް ނުބެލެވެއެވެ

ފާހަގަކޮށްލެވޭ ގޮތުގައި ކޮމިޓީ މަރުހަލާގައި ނިންމާފައިވަނީ ހުރިހާ ވަޒީރުންނަށް ރުހުންދޭށެވެ.

https://sun.mv/187962

ވަޒީރުންނަށް ރުހުންނުދިނުމަކީ ސަރުކާރު ހިންގުމަށް ހުރަސްއެޅުން ކަމަށް ބުނެ ސަރުކާރު ހިންގާ ކޯލިޝަން ޕީޕީއެމް/ޕީއެންސީން މިއަދު ވަނީ ނޫސްބަޔާނެއް ވެސް ނެރެފައެވެ. އެ ކޯލިޝަނުން ބުނީ، ރައީސް އައްޔަންކުރައްވާ ވަޒީރުންނަށް ރުހުންދިނުމަކީ ކޮންމެހެން ވެސް ކުރަންޖެހޭ ކަމެއް ކަމަށެވެ.

މަޖިލީހުގެ މިދިޔަ ތިންވަނަ ދައުރު ހަމަވުމުގެ ކުރިން ވެސް ތަޅުމަށް ވަޒީރުންނަށް ރުހުންދޭން އެޖެންޑާކުރިއެވެ. އެކަމަކު، އޭރު ކޮމިޓީން ފޮނުވި ރިޕޯޓު ފުރިހަމަނުވާ ކަމަށް ބުނެ، މަޖިލީހުން ވަނީ އެ މައްސަލަ އަނބުރާ ކޮމިޓީއަށް ފޮނުވައިލައިފައެވެ.

ކޮމިޓީގައި ވެސް އެ މައްސަލަ ވަރަށް ބޮޑަށް ދިގުލައިގެން ދިޔައެވެ. އެ މައްސަލަ ކޮމިޓީން ނިންމީ ދައުރު ނިމުނު ފަހުންނެވެ.

އެކަމަކު، އޭގެ ފަހުން ވަޒީރުންނަށް ރުހުންދޭން ޖަލްސާއެއް ނުބާއްވައި އޮތުމަށް ފަހު މިއަދަށް ދައުރުން ބޭރުގެ ޖަލްސާއެއް ބާއްވަން ހުށަހެޅީ އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނަށް އިސްލާހެއް ހުށަހަޅައި، ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭ ގޮތަށް ފަސްކުރާށެވެ.

comment ކޮމެންޓް