އެފްއޭއެމްގެ އިންތިޚާބު ބާތިލުކޮށް، އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވަން ނިންމައިފި

އެފްއޭއެމް އިން ބޭއްވި ކޮންގްރެސްއަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބައްސާމް ވާހަކަދައްކަވަނީ --- ސަން ފައިލް ފޮޓޯ/ މުޙައްމަދު ހައްޔާން

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އިންތިޚާބުގެ ހުރިހާ ކަމެއް ކެންސަލްކޮށް، އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބޭއްވުމަށް އެ އިދާރާގެ ހިންގާ ކޮމިޓީން ނިންމައިފިއެވެ.

އެފްއޭއެމްގެ ހިންގާ ކޮމިޓީން އެގޮތަށް ނިންމާފައި މިވަނީ، މިމަހުގެ 31 ވަނަ ދުވަހަށް ތާވަލުކުރި އެ އިދާރާގެ އިންތިޚާބުގެ މަސައްކަތްތައް ހުއްޓާލައި، އާ ފެށުމަކުން މަސައްކަތް ފެށުމަށް ފީފާ އާއި އޭއެފްސީން އަންގާފައިވަނިކޮށެވެ.

އެފްއޭއެމުން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ ފީފާ އާއި އޭއެފްސީގެ އިރުޝާދާ އެއްގޮތަށް، މިދިޔަ މަހުގެ 17 ވަނަ ދުވަހު އެފްއޭއެމުން ކުރި އިއުލާންގެ ދަށުން ގޮވާލެވުނު އިންތިޚާބުގެ އެންމެހާ ކަންކަން މިހާރު ކެންސަލް ކޮށްފައިވާ ކަމަށެވެ.

"ފީފާ އަދި އޭއެފްސީގެ ފަރާތުން ދެއްވާފައިވާ އިރުޝާދާ އެއްގޮތްވާ ގޮތުގެ މަތިން އެފްއޭއެމްގެ އަސާސީ ގަވާއިދާއި އިލެކްޓޯރަލް ކޯޑުގައި ހިމެނޭ އެންމެހާ ކޮމިޓީތައް އެކުލަވާލުމަށާއި، މި އެސޯސިއޭޝަންގެ ކޮންގްރެސްއަކުން އިންތިހާބުކުރަން ޖެހޭ ކޮމިޓީތައް އިންތިޚާބުކުރުމަށް އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބޭއްވުމަށް މިއަދުގެ ބައްދަލުވުމުގައި ނިންމާފައިވާ ވާހަކަ ދަންނަވަމެވެ..،" މިއަދު ބޭއްވި އެފްއޭއެމްގެ ހިންގާ ކޮމިޓީގެ ބައްދަލުވުމުގައި ނިންމި ނިންމުންތައް ހިއްސާކުރުމުން އެ އިދާރާއިން ބުންޏެވެ.

އެފްއޭއެމުން ބުނީ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް ބޭއްވުމަށްޓަކައި އިދާރީގޮތުން ކުރަންޖެހޭ ކަންކަން ކުރުމަށްފަހު އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގެ އެޖެންޑާ އާއި ކޮންގްރެސް އޮންނާނެ ތާރީޚާއި ތަނާއި ގަޑި, އެ އިދާރާގެ ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން އަންގައި އިއުލާންކުރާނެ ކަމަށެވެ. އަދި އެފްއޭއެމްގެ އެއްވެސް މެންބަރެއްގެ ހައްގަށް އުނިކަން ލިބޭ ފަދަ ކަމެއް ނުކުރާނެ ކަމުގެ ޔަގީންކަން ދޭ ކަމަށް ވެސް ބަޔާނުގައި ބުންޏެވެ.

އެފްއޭއެމްގެ އިންތިޚާބުގައި ރައީސްކަމަށް ވާދަކުރައްވާ އެ އިދާރާގެ ކުރީގެ ރައީސް އަދި މަހިބަދޫ ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު ތާރިގު (ޓޮމް)ގެ ކެންޑިޑަސީ ބާތިލުކުރަން އިލެކްޓޯރަލް ކޮމިޓީން ނިންމުމާއެކު، އެޕީލްސް ކޮމިޓީއެއް ނެތުމުން އެ މައްސަލަ އޭނާގެ ފަރާތުން ވަނީ ފީފާ އާއި އޭއެފްސީއަށް ހުށަހަޅައިފައެވެ. އޭގެ އިތުރުން އެކަމާ ގުޅޭގޮތުން ލަފައެއް ހޯދުމަށް އެފްއޭއެމުން ވެސް އެދުނެވެ.

ފީފާ އާއި އޭއެފްސީން އެފްއޭމަށް ޖަވާބުގައި އަންގާފައިވަނީ މިހާރު އިއުލާންކޮށްފައިވާ އިންތިޚާބުގެ ކަންކަން ކެންސަލް ކުރުމަށާއި, އިލެކްޓޯރަލް ކޮމިޓީ އާއި އިލެކްޓޯރަލް އެޕީލްސް ކޮމިޓީ އިންތިޚާބުކުރުމަށް އޮންނަ އުސޫލުގެ ތެރެއިން ކޮންގްރެސްއެއް ބޭއްވުމަށާއި، ކޮމިޓީތަކަށް އިންތިޚާބުކުރެވޭ ފަރާތްތަކަކީ އެފްއޭއެމްގެ އަސާސީ ގަވާއިދާއި އިލެކްޓޯރަލް ކޯޑުގައި ބަޔާންކުރާ ޝަރުތުތައް ހަމަވާ ބޭފުޅުންކަން ކަށަވަރުކުރުމަށް އަދި އެފްއޭއެމްގެ އަސާސީ ގަވާއިދާއި އިލެކްޓޯރަލް ކޯޑާ އެއްގޮތްވާ ގޮތުގެ މަތިން އާ އިންތިޚާބަކަށް ގޮވައިލުމަށެވެ.

މިމަހުގެ 31ގައި ބާއްވަން އިއުލާންކުރި އެފްއޭއެމްގެ އިންތިޚާބުގައި މައްސަލަތަކެއް ކުރިމަތިވީ ރައީސްކަމަށް ވާދަކުރައްވާ ދެ ކެންޑިޑޭޓުންނަށް ވެސް ކްލަބު ވެލެންސިއާއިން ތާއީދު ސިޓީ ދީފައިވާތީ، އެ މައްސަލަ ބެލުމަށްފަހު އެފްއޭއެމްގެ އިލެކްޓޯރަލް ކޮމިޓީން ވެލެންސިއާގެ ސިޓީ ބާތިލުކުރުމުންނެވެ. އެއާއެކު ބޭނުންވާ އަދަދަށް ކްލަބުތަކުގެ ތާއީދު ނެތުމުން އިންތިހާބުގައި ރައީސްކަމަށް ވާދަކުރައްވާ ޓޮމްގެ ކެންޑިޑެސީ ވަނީ ބާތިލުވެފައެވެ.

އެ އިންތިޚާބުގައި ރައީސްކަމަށް ވާދަކުރަން ޓޮމްގެ އިތުރުން ފޯމު ހުށަހެޅުއްވީ މިހާރު ވެސް އެފްއޭއެމްގެ ހިންގާ ކޮމިޓީގެ މެންބަރެއްގެ ގޮތުގައި ހުންނެވި މުފާވިޒް ހާޝިމް (މުފާ) އެވެ.

comment ކޮމެންޓް