ޗެލްސީއިން ސްޕާސްގެ މައްޗަށް ކުރި ހޯދައިފި

އިންގްލިޝް ޕްރިމިއާ ލީގުގައި ލަންޑަންއަށް ނިސްބަތްވާ ދެ ޓީމު ކަމުގައިވާ ޗެލްސީ އާއި ޓޮޓްނަމް ހޮޓްސްޕާގެ ކުރިމަތިލުން ޗެލްސީއިން ކާމިޔާބު ކޮށްފިއެވެ.

ޗެލްސީގެ ދަނޑުގައި ކުޅުނު މި ލަންޑަން ޑާބީ އެ ޓީމުން ކާމިޔާބު ކޮށްފައިވަނީ އެއް ލަނޑު ސުން ލަނޑުންނެވެ.

ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައި ވަނީ ޗެލްސީއިންނެވެ. އެހެން ނަމަވެސް ސްޕާސްއިން ވެސް ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިގެނެއް ނުދިޔައެވެ. ނަމަވެސް މިކަން މިހެން ވުމުގައި ޗެލްސީއަށް ލަނޑު ޖަހަން ލިބިގެންދިޔަ ފުރުސަތު ތަކުގެ ބޭނުން ހިފޭގޮތް ނުވުން ބޮޑު ދައުރެއް އަދާކުރިއެވެ.

މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ދެވަނަ ހާފުގެ ކުޅުން ފެށިތާ ފަސް މިނެޓް ފަހުން ޖަހާ ލީޑު ނަގާފައިވަނީ ޗެލްސީއިންނެވެ. މި ލަނޑު ކާމިޔާބު ކޮށްފައިވަނީ ކޯލް ޕާމާ ތަނަވަސްކޮށްދިން ފުރުސަތެއްގައި އެންޒޯ ފެނާންޑޭޒްއެވެ.

މި ލަނޑު ޖެހިތާ މާގިނައިރު ތަކެއް ނުވެ ޗެލްސީއަށް އެ ޓީމުގެ ލީޑު ފުޅާކުރެވުނު ކަމަށް ހީވެގެންދިޔަ ނަމަވެސް މޯސެސް ކައިސޭޑޯ ޖެހި ލަނޑު ވަނީ އޮފް ސައިޑް ވުމުގެ ސަބަބުން ބަލައި ނުގެންފައެވެ.

މި މެޗުގައި ދެން ފެނިގެންދިޔައީ ސްޕާސްއިން މެޗުގެ ނަތީޖާ ހަމަހަމަ ކުރުމަށް މަސައްކަތް ކުރަމުންދިޔަ ތަނެވެ. މިގޮތުން ބަދަލު ކުޅުންތެރިޔާ ޕެޕޭ މަޓާ ސާ, ސްޕާސްއަށް ލަނޑެއް ކާމިޔާބު ކޮށްދީ އުފާފާޅު ކުރި ނަމަވެސް ވީއޭއާރުން ބެލުމަށްފަހު އެ ލަނޑު ޖެހުމުގެ ކުރިން ސާ އެބޯޅަ ހޯދަން އުޅުމުގެ ތެރޭގައި ފައުލް ކުރެވިފައިވާތީ ވަނީ ބަލައި ނުގެންފައެވެ.

މި މެޗު ނިމެން ގާތް ވެފައިވަނިކޮށް ސްޕާސްގެ ކެޕްޓަން ސޮން ހެއުން މިންއަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ ނަމަވެސް އޭނާ ފޮނުވާލި ހަމަލާވަނީ ގޯލް ރޮނގުން މަތިން ކަހަލަ ގޮތަކަށް ޗެލްސީގެ ކީޕާ ރޮބަޓް ސަންޗޭޒް ދިފާއު ކޮށްފައެވެ.

މި ކާމިޔާބީ އާއެކު ޗެލްސީ އިން މިހާރު އުޅެނީ ކުޅުނު 30 މެޗުން ލިބިފައިވާ 52 ޕޮއިންޓާއެކު ތާވަލްގެ ހަތަރު ވަނައަށް އަނެއްކާވެސް ކުރިއަށް ޖެހިލާފައެވެ. އަދި މިއާއެކު ކުރިން ހަތަރު ވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ މިހާރު ވަނީ ފަސް ވަނައަށް ވެއްޓިގެން ގޮސްފައެވެ. އަދި މި މެޗުން ބަލިވުމުން ސްޕާސް މިހާރު އުޅެނީ 34 ޕޮއިންޓާއެކު ތާވަލްގެ 14 ވަނައިގައެވެ. އަދި މިއާއެކު އެ ޓީމުގެ ކޯޗު އެންޖޭ ޕޮސްޓެކޮގްލޫއަށް އޮތް ޕްރެޝަރު އިތުރު ވެގެން ގޮސްފައެވެ.

comment ކޮމެންޓް