އިންޑިއާ ސިފައިންގެ މައުލޫމާތު އަދި ސިއްރު، ހާމަކުރުމުގެ މަސައްކަތް އެބަ ކުރަން: މިނިސްޓްރީ

13 ސެޕްޓެމްބަރ 2017: އިންޑިއާގެ އެހީގައި ރާއްޖޭގައި އޮޕަރޭޓުކުރާ ހެލިކޮޕްޓަރު --ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ރާއްޖޭގައި ގާއިމުވެ ތިބި އިންޑިއާ ސިފައިންގެ އަދަދާއި އެ މީހުންނާ ގުޅޭ ތަފުސީލުތައް އަދި ހުރީ ސިއްރުކުރެވިފައި ކަމަށާއި އެ މައުލޫމާތު ހާމަކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ޑިފެންސް މިނިސްޓްރީން މިއަދު ބުނެފިއެވެ.

މި ސަރުކާރުގެ އެންމެ ބޮޑު އެއް ވައުދަކީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ފޮނުވައިލުމެވެ. ވައުދާ އެއްގޮތަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މާޗު މަހުގެ 15 ވަނަ ދުވަހުގެ ކުރިން އިންޑިއާ ސިފައިން އަނބުރާ ގެންދަން އެ ގައުމުގެ ސަރުކާރުގައި އެދިވަޑައިގެންފައެވެ. އެ ކަމާ ގުޅޭ މަޝްވަރާތައް ވެސް ދެ ގައުމުގެ ސަރުކާރުން ވަނީ ފަށައިފައެވެ.

ވެރިކަން ބަދަލުވުމާ އެކު މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން 'ސަން'އިން ވަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ ޖުމުލަ އަދަދާއި އެ މީހުންގެ ހުރިހާ ތަފުސީލުތައް ހޯދަން ލިޔުމުން ފޮނުވައިފައެވެ.

އޭގެ ޖަވާބުގައި މިއަދުން ޑިފެންސް މިނިސްޓްރީން ބުނީ، އެ މައުލޫމާތުތަކަކީ ސަރުކާރުން 'ކްލެސިފައިޑް' ނުވަތަ ސިއްރު މައުލޫމާތުތަކެއް ކަމުގައި ކަނޑައަޅާފައިވާ މައުލޫމާތުތަކެއް ކަމަށެވެ. އެހެންވެ، މި ވަގުތު އެ މައުލޫމާތު ހާމަކުރެވެން ނެތް ކަމަށް ވަނީ ބުނެފައެވެ.

އެކަމަކު، އެ މައުލޫމާތު 'ޑީކްލެސިފައި' ކުރުމުގެ މަސައްކަތް ބަންޑާރަނައިބުގެ އޮފީހާއި ކަމާ ގުޅުންހުރި އިދާރާތަކާ އެކު ކުރަމުން އަންނަ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި، މައުލޫމާތު ޑީކްލެސިފައި ކުރެވުނުހާ އަވަހަކަށް އެ މައުލޫމާތު އާންމުކުރާނެ ކަމަށް ވެސް މިނިސްޓްރީން ފޮނުވި ޖަވާބުގައިވެއެވެ.

ސަރުކާރުން މީގެ ކުރިން ބުނެފައިވަނީ ރާއްޖޭގައި 88 އިންޑިއާ ސިފައިން ގާއިމުވެ ތިބިކަން މިހާރަނަށް ކަށަވަރުކުރެވިފައިވާ ކަމަށެވެ.

https://sun.mv/187604

އެ މީހުން ފޮނުވައިލުމުގެ މަސައްކަތް ފަށާފައިވާއިރު، އެ މަސައްކަތްކުރުމަށް ދެ ގައުމުގެ ސަރުކާރުން ވަނީ މަތީ ފަންތީގެ ކޯ ގްރޫޕެއް އެކުލަވައިލައިފައެވެ. އެ ގްރޫޕުގެ ފުރަތަމަ ބައްދަލުވުން ރާއްޖޭގައި ބާއްވާފައިވާއިރު، އެ ބައްދަލުވުމުގައި ރައީސްގެ ފަރާތްޕުޅުން ވަނީ މާޗު 15 ވަނަ ދުވަހުގެ ކުރިން އިންޑިއާ ސިފައިން ބާލަން އެދިވަޑައިގެންފައެވެ.

އޭގެ ފަހުން ރައީސް އޮފީހުން ވަނީ ސިފައިން ބޭލުމުގެ މަސައްކަތް އަވަސްކުރަން އިންޑިއާއިން އެއްބަސްވެފައިވާ ކަމަށް ބުނެފައެވެ.

ކޯ ގްރޫޕުގެ ދެވަނަ ބައްދަލުވުން އޮންނާނީ އިންޑިއާގައި ކަމަށް އެ ގައުމުން ވަނީ ބުނެފައެވެ. އެކަމަކު، އެ ބައްދަލުވުން އޮންނާނެ ތާރީޚެއް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

ޕީޕީއެމް/ޕީއެންސީން އިދިކޮޅުގައި ތިބިއިރު އެންމެ ބޮޑަށް ކަންބޮޑުވުން ފާޅުކުރީ ރާއްޖޭގައި ގާއިމުވެ ތިބޭ އިންޑިއާ ސިފައިންގެ މައްސަލައިގައެވެ. އޭރު އެ ދެ ޕާޓީން ވަނީ 'އިންޑިއާ އައުޓް'ގެ ނަމުގައި ބޮޑު ހަރަކާތެއް ވެސް ކުރިއަށް ގެންގޮސްފައެވެ. އެކަމަކު، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ނެރުއްވި ރިޔާސީ ގަރާރަކުން އެ ކެމްޕޭން މަނާކުރީއެވެ.

comment ކޮމެންޓް