އެކި އަސްކަރީ އެއްބަސްވުންތަކުގެ ދަށުން ރާއްޖޭގައި ހަރަކާތްތެރިވަމުން އަންނަ އަވަށްޓެރި އިންޑިއާގެ ސިފައިން އަނބުރާ ގެންދިޔުމުގެ މަޝްވަރާތައް ދެން ކުރާނީ އެ ގައުމުގައި ކަމަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން އިއްޔެ ބުނެފިއެވެ.
މި ކަން ހާމަކޮށްފައިވަނީ އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ކޮންމެ ބުރާސްފަތި ދުވަހަކު ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން އެ ކަން ހާމަކުރެއްވީ އެ މިނިސްޓްރީގެ ތަރުޖަމާނު ރަންދިރް ޖައިސްވަލެވެ.
"މިހާރު ކަންކަން ގޮސްފައިވާ ހިސާބުން ދެން ބާއްވާ މަޝްވަރާ ބައްދަލުވުން އޮންނާނީ އިންޑިއާގައި،" އޭނާ ވިދާޅުވިއެވެ.
އިންޑިއާ ސިފައިން ރާއްޖެއިން ފޮނުވާލުމާ ގުޅޭ ގޮތުން އުފައްދާފައިވާ މަތީ ފަންތީގެ ކޯ ގްރޫޕުގެ ފުރަތަމަ ބައްދަލުވުން މީގެ ހަަތަރު ދުވަސްކުރިން ފޮރިން މިނިސްޓްރީގައި ވަނީ ބާއްވައިފައެވެ. އެ ބައްދަލުވުމުގެ ބައިވެރިންގެ ތެރޭގައި ރާއްޖޭގައި ހުންނަވާ އިންޑިއާގެ ސަފީރު މުނޫ މަހާވަރު ހިމެނިވަޑައިގެންނެވިއެވެ.
އެ ބައްދަލުވުމާ ގުޅޭ ގޮތުން ފޮރިން މިނިސްޓްރީން އެ ދުވަހު ބުނީ، ދެ ގައުމުގެ މެދުގައި ވެފައިވާ އެއްބަސްވުންތަކާ ގުޅޭ ގޮތުން މިއަދު މަޝްވަރާ ކޮށްފައިވާ ކަމަށެވެ. އެގޮތުން ދެ ގައުމުގެ މަސްލަހަތު އޮތް ތަފާތު ކަންތައްތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރި ކަމަށާއި އޭގެ ތެރޭގައި ތަރައްގީގެ މަޝްރޫއުތަކަށް އެއްބާރުލުން ދިނުމާ ގުޅޭ ވާހަކަތައް ހިމެނޭ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
"ދެ ފަރާތުން ވަނީ އެއްބާރުލުން އިތުރުކުރުމަށާއި އިންޑިއާ ސިފައިން ގެންދިޔުން އަވަސް ކުރުމަށް އެއްބަސްވެފައި،" އެ މިނިސްޓްރީން ބުންޏެވެ.
އެފަދަ ބައްދަލުވުމެއް ދެން ބާއްވާނެ ތާރީޚެއް މިހާތަނަށް ކަނޑައަޅާފައި ނުވި ނަމަވެސް ދެ ގައުމަށް ފަސޭހަ ތާރީޚެއްގައި ދެވަނަ ބައްދަލުވުމެއް ބާއްވަން އެއްބަސްވެފައިވާ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
އެ ގްރޫޕް އެކުލަވާލާފައިވަނީ ދުބާއީގައި އޮތް ކޮޕް28 ސަމިޓުގެ ހަވާސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ބައްދަލުކުރެއްވުމަށް ފަހުގައެވެ.