ވަޒީރުންގެ ފުރަތަމަ ޕަބްލިކް ފޯރަމް މިރޭ

ވަޒީރުންގެ ޕަބްލިކް ފޯރަމް ހޮނިހިރު ދުވަހުގެ ރޭ ބާއްވަން ވަނީ ނިންމާފައި -- ފޮޓޯ/ޕީއެސްއެމް

ސަރުކާރުގެ މަޝްރޫއުތަކާ ގުޅޭ މައުލޫމާތު ހިއްސާކޮށް، އެ ކަންކަމާ ގުޅޭގޮތުން ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ބާއްވާ ވަޒީރުންގެ ފުރަތަމަ ޕަބްލިކް ފޯރަމް މިރޭ ބާއްވަން ނިންމައިފިއެވެ.

މި ފޯރަމަކީ ރައީސް އޮފީހާއި ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގުޅިގެން ބާއްވާ ފޯރަމެކެވެ.

"އަހާ"ގެ ނަމުގައި ކުރިއަށް ގެންދާ މި ފޯރަމްގެ ފުރަތަމަ ބައްދަލުވުން އޮތީ މިރޭ 8:30 ގައެވެ. ދެ ގަޑިއިރަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި ބައްދަލުވުމުގައި ފަސް ވަޒީރަކު ބައިވެރިވެވަޑައިގަންނަވާނެއެވެ.

އެގޮތުން މި ބައްދަލުވުމުގައި ބައިވެރިވެޑައިގަންނަވާ ވަޒީރުންނަކީ:

  • އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު: ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު
  • އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު: މުޙައްމަދު ސަޢީދު
  • އިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު: ޑރ. އަބްދުﷲ މުއްޠަލިބް
  • ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު: އަބްދުﷲ ރާފިޢު
  • އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު: އާއިޝަތު ޝިހާމް

ފޯރަމް އޮންނަ ތަނަށް ގޮސް ސުވާލުކުރުމުގެ އިތުރުން، ފޯނުން ގުޅައިގެންނާއި އެސްއެމްއެސްގެ ޒަރިއްޔާއިން އަދި ސޯޝަލް މީޑިއާ މެދުވެރިކޮށް ވެސް ފޯރަމަށް ސުވާލު ފޮނުވޭނެ އިންތިޒާމް ވަނީ ހަމަޖައްސައިފައެވެ.

މި ފޯރަމަށް އެސްއެމްއެސް މެދުވެރިކޮށް ސުވާލު ފޮނުވާނީ AH ޖެއްސެވުމަށް ފަހު ހުސްތަންކޮޅެއް ދޫކުރެއްވުމަށް ފަހު، ކުރަން ބޭނުންވާ ސުވާލު ލިޔުއްވުމަށް ފަހު 300 އަށެވެ.

މި ފޯރަމް ބޭއްވުމަށް ނިންމާފައިވާކަން ރައީސް ޑރ. މުޙައްމަދު މުއިއްޒު އިއުލާންކުރެއްވީ މާލެ ސިޓީ ކައުންސިލަށް އިންތިޚާބުވެވަޑައިގަތް ބޭފުޅުން ހުވާކުރެއްވުމަގެ ރަސްމިއްޔާތުގައެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަމުން ރައީސް ވިދާޅުވީ، ކޮންމެ ދެ މަހުން އެއް މަހު ވަޒީރުންގެ ޕަބްލިކް ފޯރަމެއް ބާއްވާނެ ކަމަށާއި އެ ފޯރަމުގައި، ސަރުކާރުން ކުރާ މަސައްކަތްތަކާ ބެހޭގޮތުން ވަޒީރުންނާ ސުވާލު ކުރުމުގެ ފުރުސަތު ރައްޔިތުންނަށް ލިބޭނެ ކަމަށެވެ.

މީގެ އިތުރުން، ރައީސް ވިދާޅުވީ، ދެ މަސް ފަހުން އިތުރު މިނިސްޓަރުންތަކެއްގެ ފޯރަމް ކުރިއަށް ގެންދާނެ ކަމަށެވެ. އަދި، ސަރުކާރުން މަސައްކަތް ކުރަމުން އަންނާނީ ރައްޔިތުންނާ ވަރަށް ގާތުން ކަމަށާއި ރައްޔިތުންނަށް ޖަވާބު ނުދެވޭނެ ސުވާލެއް ނޯންނާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

comment ކޮމެންޓް