ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ތަސައްވުރުގައި ހިމެނޭ އެންމެ މުހިންމު އެއް މަޝްރޫއުކަމަށްވާ ފުށިދިއްގަރުފަޅު ހިއްކުމުގެ މަސައްކަތް ނުހުއްޓޭކަމަށާއި ރައީސް ވިދާޅުވި ތާރީޚަށް ވަގުތަށް ނިންމާނެ ކަމަށް ސަރުކާރުން މިއަދު ބުނެފިއެވެ.
ރައީސް އޮފީހުގެ އާ ޗީފް ސްޕޯކްސްޕާސަން، ހީނާ ވަލީދު މިއަދު ފުރަތަމަ ފަހަރަށް ނޫސްވެރިންނާ ބައްދަލުކުރައްވައި، ވަނީ ސަރުކާރުގެ ބައެއް ކަންކަމާ ގުޅޭ މައުލޫމާތު ހިއްސާކުރައްވައިފައެވެ.
ފުށިދިއްގަރުފަޅު ހިއްކުމުގެ މަސައްކަތް މެދުކެނޑިފައިވާކަމަށް ސޯޝަލް މީޑިއާގައާއި އިތުރުން ވާދަވެރި ސިޔާސީ ފަރާތްތަކުން ވެސް އަންނަނީ ތަފާތު އެކި ވާހަކަތައް ދައްކަމުންނެވެ.
އެ ކަން ސާފުކުރުމުގެ ގޮތުން މި ބައްދަލުވުމުގައި ފުށިދިއްގަރުފަޅު ހިއްކުމުގެ މަސައްކަތާ ގުޅޭގޮތުން ހީނާއާ ސުވާލުކުރުމުން ވިދާޅުވީ އެ ފަޅު ހިއްކުމުގެ މަސައްކަތް ހުއްޓިފައިނުވާ ކަމަށެވެ.
އަދި ވެލި އެޅުން ހުއްޓިފައި އޮތުމަކީ މަޝްރޫއު ހުއްޓިފައި އޮތުން ނޫންކަމަށް ވެސް ވިދާޅުވިއެވެ.
"ތިބޭފުޅުން މިސާލަކަށް އެ މަޝްރޫއެއް ހުއްޓުން ނުވަތަ ކުރިއަށް ނުދިޔުން އެ މާނަކުރައްވަނީ މިސާލަކަށް އެ ތަނަށް އަޅާ ވެލިކޮޅެއް އެޅުން ނުފެންނާތީތޯ އެއީ ހަމަ ކޮށްލަން ބޭނުންވާ ސުވާލެއް އިނގޭތޯ. އެ ވެލިކޮޅު އެ ތަނަށް ނޭޅިކަމުގައި ވިޔަސް އެއާ ގުޅިގެން އެ ވަށައިގެން ކުރަންޖެހޭ ވަރަށް ގިނަ މަސައްކަތްތަކެއް ވެސް ހުރެދާނެ، ހުންނާނެ،" ހީނާ ވިދާޅުވިއެވެ.
ހީނާ ވިދާޅުވީ މިއީ ވަރަށް ގިނަ ކަންތައްތަކެއް އިދާރީ ގޮތުންނާއި އެހެނހެން ގޮތްގޮތުން ކުރަން ޖެހޭ މަސައްކަތެއް ކަމަށެވެ. އެ މަސައްކަތްތައް މި ވަގުތު ވެސް ކުރިއަށްދާކަމަށް ވިދާޅުވިއެވެ.
"އެހެންވީމާ އޭގެ ޖަވާބަކަށް އަޅުގަނޑު މި ދަންނަވަނީ ފުށިދިއްގަރު މަޝްރޫއު ހުއްޓުމަކަށް ނާދެޔޭ. އެ މަޝްރޫއު ކުރިއަށްދާނޭ. ރައީސުލްޖުމްހޫރިއްޔާ އެ ވިދާޅުވެފައި އިން ގޮތަށް އެ ތާރީޚަށް އެ މަޝްރޫއު ނިންމޭނޭ،" އޭނާ ވިދާޅުވިއެވެ.
އެ ފަޅުން 1153 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ހިއްކާނެއެވެ. އެއީ، ރައީސް ވިދާޅުވި ގޮތުގައި ހުޅުމާލޭގެ ދެ ފިޔަވަހި އެއްކޮށްލީމާ ވާ ވަރުގެ ތިންގުނަ ބޮޑު ސަރަހައްދެކެވެ.
އެ މަސައްކަތް ފެށީ މިދިޔަ އަހަރުގެ ޑިސެމްބަރު 18ވަނަ ދުވަހެވެ. ރައީސް ވިދާޅުވީ މަސައްކަތް ފަށާ ދުވަހުން ފެށިގެން މެދުނުކެނޑި މަސައްކަތް ކުރިއަށް ގެންގޮސް އަށް މަސް ދުވަހުން ނިންމާނެ ކަމަށެވެ.