ނިމިދިޔަ ރަމަޟާންމަހުގެ ކަރަންޓު ބިލަށް ޑިސްކައުންޓު ދެވިފައިވަނީ ރަނގަޅަކަށްކަމަށް ސަރުކާރުގެ ޔުޓިލިޓީ ޚިދުމަތްތައް ދޭ ދެ ކުންފުނިކަމަށްވާ ސްޓެލްކޯއާއި ފެނަކައިން މިއަދު ބުނެފިއެވެ.
ރަމާޟާން މަހު ޑޮމެސްޓިކް ކަރަންޓު ބިލަށް ރައްޔިތުން ބޮޑު ހޭދައެއް ކުރަން ޖެހޭތީ، އެ ކަމަށް ރައްޔިތުންނަށް ހައްލެއް ހޯދައި ދިނުމަށް ޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމެވީ ބިލަށް އެހެން މަސް މަހަށްވުރެ އިތުރުވާ އެވްރެޖު އަދަދަށް ޑިސްކައުންޓު ދިނުމަށެވެ.
އެހެންވެ ނިމިދިޔަ ރަމަޟާން މަހު ފެނާއި ކަރަންޓުގެ ޚިދުމަތްތަކަށް ބިލް ކުރީ އާދައިގެ މަހެއްގެ އެވަރެޖަށް ބަލައިގެން ކަމަށް ޔޫޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން ވަނީ މީގެކުރިން ބުނެފައެވެ.
ރޯދަމަހުގެ ބިލަށް ޑިސްކައުންޓު ދިން ނަމަވެސް މި މަހު ބިލު ލިބުނުއިރު މާ ބޮޑު ތަފާތެއް ނުފެންނަ ކަމަށް ބުނެ ބައެއް އާންމު ރައްޔިތުން ގެންދަނީ ޝަކުވާ ކުރަމުންނެވެ. އަދި ބިލު ބޮޑުވެފައިވާކަމުގެ ޝަކުވާ ވެސް އަންނަނީ ކުރަމުންނެވެ.
އެހެންވެ މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ އާއި ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުއާޒު މުޙައްމަދު ރަޝީދު ވަނީ އެ ކަންބޮޑުވުންތަކަށް ޖަވާބު ދެއްވައިފައެވެ.
އެގޮތުން ފަހުމީ ވިދާޅުވީ ބިލުކުރުމުގައި ބެލީ ރައްޔިތުންނަށް އެންމެ ލުއި ފަސޭހަ ގޮތަށް ކަމަށެވެ. ބިލުތަކުގައި ބައެއް ބަދަލުތައް ހުރުމަކީ ވެދާނެ ކަމެއް ކަމަށާއި އެއީ ކުރީގެ މަސްމަހުން އައި ބަދަލަކަށް ވުމުގެ ފުރުސަތު އެބައޮތްކަމަށް ވެސް ވިދާޅުވިއެވެ.
ބިލިން ސައިކަލް ހުންނަ ގޮތުން ރޯދަ މަހުގެ ފެށޭ ދުވަހާއި ނިމޭ ދުވަހު ރީޑިން ނެގުމަކީ ފަސޭހަ ކަމެއް ނޫންކަމަށެވެ. އެގޮތަށް ނެގުމަކީ ވެސް ދަތިތަކެއް ކުރިމަތިވެދާނެ ކަމެއް ކަމަށް ވެސް ފާހަގަކުރެއްވިއެވެ. ނަމަވެސް ބިލުކޮށްފައިވަނީ ރަނގަޅު މުއްދަތަކަށް ވިދާޅުވިއެވެ.
"އެހެންވީމާ އަޅުގަނޑުމެންނަށް އެންމެ ބޮޑަށް ރައްޔިތުންނަށް އެންމެ ބޮޑަށް ލުއިފަސޭހަވާނެ ގޮތަށް އަޅުގަނޑުމެން ބެލީ. ބަލައިފައި އެ ގޮތަށް އަޅުގަނޑުމެން އެ މަސައްކަތް ކުރީ،" ފަހުމީ ވިދާޅުވިއެވެ.
މީގެ އިތުރުން މުއާޒު ވެސް ވަނީ ފެނަކައިގެ ރީޑިންތަކުގައި މައްސަލައެއް ނޫޅޭނެކަމަށް ވިދާޅުވެފައެވެ.
ދެ ކުންފުނިން އެކުގައި ޖުމްލަ 40 މިލިއަނަށްވުރެ ގިނަ ރުފިޔާވަނީ ބިލުތަކުން ޑިސްކައުންޓަށް ޚަރަދުކޮށްފައެވެ.