ބައި އިލެކްޝަންތަކަށް ތަރުހީބު ކުޑަ، ގޮންޖެހުންތައް ދެނެގަންނަން ޖެހޭ: މިނިސްޓަރު

މިނިސްޓަރު އާދަމް ޝަރީފް އުމަރު: އޭނާ ވިދާޅުވީ ބައި އިލެކްޝަންތަކުގައި ވާދަކުރާ މީހުންގެ އަދަދު ކަންބޮޑުވާ އަދަދަކަށް މަދުވެފައިވާ ކަމަށް -- ސަން ފޮޓޯ: އިންފިނިޓް މޮމެންޓްސް/ މުހައްމަދު މާވީ

މީގެ ކުރިން އޮތް ބައި އިލެކްޝަންތަކުގައި ވާދަކުރި ކެންޑިޑޭޓުންގެ އަދަދު ކަންބޮޑުވާ އަދަދަކަށް މަދުވެފައިވާ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާ ހަވާލުވެ ހުންނެވި މިނިސްޓަރު އާދަމް ޝަރީފް އުމަރު މިއަދު ވިދާޅުވެއްޖެއެވެ.

ގޯތި ގެދޮރު ކުއްޔަށް ދިނުމާ ބެހޭ ގާނޫނޫ ތަންފީޒުކުރުމާ ގުޅޭ ތަމުރީނު ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މިއީ ކަމާ ގުޅޭ ފަރާތްތަކުން އިތުރަށް ވިސްނަން ޖެހޭ ކަމެއް ކަމުގައެވެ.

މިނިސްޓަރު ވިދާޅުވީ، އެހެންކަމުން މި ކަމަށް ހާއްސަ ސަމާލުކަމެއް ދީގެން ހޭލުންތެރިކުރުމާއި މި ކަމުގައި ހުރި ކަންބޮޑުވުންތަކާއި ގޮންޖެހުންތައް ދެނެގަތުމުގެ މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

''އެނގިވަޑައިގަންނަވާނެ ފަދައިން މާލޭގެ މޭޔަރު ހޮވުމަށްޓަކައި ބޭއްވުނު ބައި އިލެކްޝަންގައި ހަގީގަތުގައި ވޯޓުލާން ނުކުންނެވި ބޭފުޅުންގެ އަދަދު އަޅުގަނޑުމެން ކަންބޮޑުވާހާ މަދު،'' މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން، ރާއްޖޭގެ އެކި ހިސާބުތަކުގައި އަތޮޅު ކައުންސިލުން ހޮވުމަށް ބޭއްވުނު ބައި އިލެކްޝަންގަައި ވާދަކުރާނެ ކެންޑިޓޭޓުން ނެތި ދިޔަކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.

"މި ކަމަކީ އަޅުގަނޑުމެން އިތުރަށް ވިސްނަންޖެހޭ ކަމެއް. ސަބަބަކީ، އަޅުގަނޑުމެން ރައްޔިތުން ވެސް މިއަދު އެބަ ހަނދާން ކުރަންޖެހޭ، ރައްޔިތުންނަށް އޮތް ހައްގެއް އަދި ރައްޔިތުންނަށް ގާނޫނުން ފުރުސަތު ލިބިގެންދާ ކަމެއް ރައްޔިތުން ބޭނުންވާ މީހަކު ރައްޔިތުންނާ އެކުގައި މަސައްކަތްކުރަން، ރައްޔިތުންގެ ހައްގުތަކާ ހަވާލުވާން އަންނަ މީހަކު އިޚުތިޔާރުކުރުމުގެ ފުރުސަތު،" އާދަމް ޝަރީފް ވިދާޅުވިއެވެ.

އިތުރަށް ވާހަކަ ދައްކަވަމުން، މިނިސްޓަރު ވަނީ ގާނޫނުތަކާއި ގަވާއިތުތަކަށް މީހުން އަހުލުވެރިކުރުވުމާއި ގާނޫނުތަކާ އެއްގޮތަށް ގާނޫނީ ވެރިކަމެއް ކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ދެެއްވަވާ އިސްކަމަށް ޝުކުރު އަދާކުރައްވާފައެވެ.

އެގޮތުން، މި ފަަދަ ޕްރޮގްރާމްތައް ހިންގުން މިއީ ރާއްޖޭގައި ވެރިކަމުގެ ހުކުމް ދެމެހެއްޓުމުގައި އަދި، ގާނޫނުތައް ނެގެހެއްޓުމަށް ރައީސް މުއިއްޒު ދެއްވާ އިސްކަން ވަރަށް ބޮޑަށް ފާހަގަކުރެވިގެންދާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަންގެ ހިސާބުތައް ދައްކާ ގޮތުން، މާލޭ މޭޔަރު ހޮވުމަށް މި މަހު 13 ގައި ބޭއްވި ބައި އިލެކްޝަންގައި ވޯޓުލާން ނުކުތީ ވޯޓުލުމުގެ ހައްގު ލިބިފައިވާ 54،680 މީހުންގެ ތެރެއިން 17،410 މީހުންނެވެ. އެއީ 31.84 ޕަސެންޓެވެ.

އެ ކޮމިޝަނުން މީގެ ކުރިން ބުނެފައިވަނީ ކުރީގެ ބައި އިލެކްޝަންތަކާ އަޅާކިޔާނަމަ، މި ފަހަރުގެ އިންތިޚާބުގައި ވޯޓުލާން ނުކުތް މީހުންގެ އަދަދު މަދުނޫން ކަމަށެވެ.

comment ކޮމެންޓް